ސަބްސިޑީއަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 1.0 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ އިގްތިސޯދު ކުރިއަރައި އާމްދަނީ އިތުރުވަމުން އަންނައިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުންން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.
މާލީ ވުޒާރާއިން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 1.0 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށް އަދަދެކެވެ.
މިއާއެކު، ފަތުރުވެރިކަމާ އެކު ރާއްޖޭގެ މުޅި އިގްތިސޯދަށްވެސް އަންނަމުންދާ ކުރިއެރުމާއެކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުން ކޮށްފައިވާ ހަރަދު ދަށްވެފަ އެވެ. ދައުލަތުގެ ބަޖެޓުގެ އޯވައޯލް ސާޕްލަސް މިވަނީ 1.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވަރއޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ 08 މެއި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ޙިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.
އާންމު ފަރުދުންގެ ސިއްޙީ އަދި އިޖުތިމާޢީ ލާބައަށްޓަކައި ނިމިގެންދިޔަ އަހަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާއެކު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށްވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތަށާއި، ޖުމުލަކޮށް މުޅި އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުމާއެކީ އެހެނިހެން ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މިއަހަރުގެ ތެރޭގައި ބަލައިގަނެފައިވާ އާމްދަނީއާއެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 ޕަސެންޓް އިތުރުވެފައެވެ.
ފިނޭންސުން ބުނީ މިމަހުގެ އަށްވަނަ ނިޔަލަށް ދައުލަތުގެ ޖުމުލަ ހަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 25.0 އިންސައްތަ ވަނީ ހޭދަވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ. ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ހަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ހަރަދު މި މުއްދަތުގެ ތެރޭގައި 7.9 އިންސައްތައިން ވަނީ އިތުރުވެފަ އެވެ.
• ޖުމުލަ ރިކަރަންޓް ހަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.2 އިންސައްތައިން ދަށްކުރެވިފައި
• ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ވަނީ 21.2 އިންސައްތައިން ދަށްވެފައި
މީގެއިތުރުން، ހަމައެހެންމެ، މިއަހަރުގެ ތެރޭގައި ކެޕިޓަލް ޚަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ނިމިގެންދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ހިނގާފައިވާ ފޮރިން ޑިސްބަރސްމަންޓްތައް އިތުރުވެފައިވުމުގެ ސަބަބުން، ޖުމުލަ ކެޕިޓަލް ޚަރަދު ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 73.2 އިންސައްތައިން ދަށްކުރެވިފައެވެ.