މުހިންމު ނިންމުންތަކެއް | އެސްޓީއޯގެ ފައިދާ ދެމެހެއްޓުމުން ހިއްސާދާރުން އުފަލުން

ހިއްސާދާރުން ވަނީ ނުހެދި ގަލަށްވެފައި ހުރި ހޮޓާ ދޫކޮށްލައި ބިމެއް ހޯދުމުން ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ފައިދާ ވަގުތުން ބަހަން ނިންމުމަކީ ހިއްސާދާރުން އެންމެ ހިތްހަމަ ޖެހުނު ބަދަލެވެ.

އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝިމާދު ވާހަކަ ދައްކަވަނީ -- އެސްޓީއޯ

ބާސެލޯ ނަސަންދުރަ ހޮޓަލުގައި އެސްޓީއޯ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަކީ މި ފަހުން ބޭއްވި އެންމެ ގިނަ ހިއްސާދާން ދިޔަ ހަފުލާ އެވެ. އަހަރު ތެރޭ ހިއްސާދާރުންގެ އުންމީދުތަކާއި ލަފާ އަދި ނުރުހުމުގެ ބަސްތައް ކުންފުނީގެ އެންމެ މަތީ ފަޑިއާއި ހަމައަށް ހިއްސާދާރުންނަށް އިއްވަން ލިބޭ މި ބޮޑު ފުރުސަތުގައި ރޭ ވެސް ގިނަ އަދަދެއްގެ ހިއްސާދާރުން ގޮސް ވާހަކަ ދައްކާފަ އެވެ. ނަމަވެސް މި ފަހުން ފެނިގެން ދިޔަ މިފަދަ ޖަލްސާތަކާ މި ޖަލްސާ އިން ފެނުނު މަންޒަރު ތަފާތެވެ. އެއީ މައިކު ލިބުމުން ވާހަކަ ދައްކަން ދެއްކި ގިނަ ހިއްސާދާރުން ކުންފުންޏާމެދު ދެކޭ ގޮތް ބޮޑު ތަނުން ބަދަލުވެފައިވާކަން އެނގިގެން ދިއުމެވެ. މިދިޔަ އަހަރު އެސްޓީއޯގެ އާމްދަނީ ދަށްވި އެވެ. މައިގަނޑު ސަބަބަކީ ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް އާމްދަނީއަށް ދަަށްވުމެއް އައިނަމަވެސް ކުންފުނީގެ މިޝްރާބާމެދު ހިއްސާދާރުން ތިބީ އުންމީދުގައިކަން ގިނަ ހިއްސާދާރުން ފާހަގަކުރި އެވެ. 

"އަޅުގަނޑު ދަންނަވާނީ މިހާރު އެސްޓީއޯއަކީ ބެންޗްމާކް އެކޭ. އެހެން ކުންފުނި ތަކުން ޖެހޭނީ އެސްޓީއޯ ފޮލޯ ކުރަން. ހަމައެކަނި މި އިވެންޓް [އަހަރީ އާއްމު ޖަލްސާ] އަށް ބަލައިލި ނަމަވެސް އެސްޓީއޯ ކުރީގައި އޮތް މިންވަރު އެނގިގެން ދޭ،" އާއްމުކޮށް ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ގޮސް ވާހަކަ ދައްކާ ސޯލިހު ބުންޏެވެ. 

އެސްޓީއޯ ހިއްސާދާރުން މިދިޔަ އަހަރު އެ ކުންފުނީގެ މަސައްކަތްކާ މެދު އުފާވުމުގައި ގިނަ ސަބަބު ތަކެއް ފާހަގަކޮށްފައިވެ އެވެ. މައިގަނޑު އެއް ސަބަބަކީ ކުންފުނިން ހިއްސާދާރުންނަށް ދެމުން ދިޔަ ފައިދާއަށް ބަދަލެއް ގެނެސްފައި ނުވުމެވެ. އެ ކުންފުންޏަށް އާމްދަނީގެ ބޮޑު ބައެއް ލިބޭ ތެލުން މިދިޔަ އަހަރު ވަނީ 12.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު ހުރީ 12.9 ބިލިއަން ރުފިޔާގަ އެވެ. މިއީ އާމްދަނީ ހަތް ޕަސެންޓުގެ ދަށްވުމެވެ. ނަމަވެސް އާމްދަނީ އަށް އަސަރު ކުރިނަމަވެސް ހިއްސާދާރުންނަށް 2023 ވަނަ އަހަރު ވެސް ދިން ފައިދާ މިދިޔަ އަހަރު ވެސް ދީފައިވެ އެވެ. މިގޮތުން އެއް މިލިއަން ހިއްސާދާރުންނަށް ހިއްސާއަކަށް 80ރ. ގެ މަގުން ބަހާފައިވެ އެވެ. މީގެ އިތުރުން ކުންފުނީގެ ހިންގުން ހަރުދަނާކޮށްފައިވާކަން އޮޑިޓަރުގެ ބަޔާނުގައި ފާހަގަ ކުރުމަކީ ވެސް ހިއްސާދާރުންގެ އުންމީދު މަތިވި ކަމަށެވެ. މާލީ ހިސާބު ތަކުން އެނގޭ ގޮތުން އެ ކުންފުނީގެ ވޯކިން ކެޕިޓަލް އިތުރުވެފައިވެ އެވެ. 

ހިއްސާދާރުން ހިތްހަމަ ޖެހުނު ބަދަލުތައް

  • ހިއްސާގެ ފައިދާ ދަށްކޮށްފައި ނުވުން
  • ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ރަނގަޅުވުން
  • އެސްޓީއޯ ވޯކިން ކެޕިޓަލް ވަރުގަދަވުން

އޭޖީއެމްގައި ކުންފުނީގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ޕޮޒިޓިވް ނެޓްވޯތެއްގައި ކުންފުނި ބައްޓަން ކުރުމަށެވެ. 

"މިދިޔަ އަހަރު ނިންމާލީ 1.4 ބިލިއަން ރުފިޔާގެ ވޯކިން ކެޕިޓަލްއަކާއެކު. އަމާޒަކީ ވޯކިން ކެޕިޓަލް އެއް ބިލިއަން ރުފިޔާއަށްވުރެ މަތީގައި ބެހެއްޓުން. ހިއްސާދާރުންގެ އިންވެސްޓްމަންޓަށް ލިބުނު ރިޓާން ނުވަތަ ރިޓާން އޮން އިކުއިޓީ މިދިޔަ އަހަރު ނިމުނުއިރު ހުރީ 14 ޕަސެންޓުގައި. އަމާޒަކީ މި އަދަދު 15 އިންސައްތާގައި ބެހެއްޓުން. އެ އަމާޒަށް ވަރަށް އަވަހަށް ވާސިލް ވާނެ،" ޝިމާދު ވިދާޅުވި އެވެ.

އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި ކުންފުނީގެ ހިއްސާގެ އަގު ހަލުވިކަމާއެކު ކުރި އަރަމުންދިއުމަކީ ކާމިޔާބީއެއް ކަމަށެވެ. މިގޮތުން މިދިޔަ 10 އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި އެވްރެޖުކޮށް 50ރ. ދީފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުންފުނީގެ ހިއްސާގެ އަގު 2015 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ހުރީ 400 އާއި 600ރ. އަށް. އެކަމަކު 2021 ގެ މެދުތެރެ އިން ފެށިގެން 1200 ރުފިޔާ އަށް އެރި. މިހާރު [ރޭ] ގެ ނިޔަލަށް 1900ރ. އަށް އަރާފަ،" ޝިމާދު ވިދާޅުވި އެވެ. 

ޖަލްސާ ނުނިމެނީސް ފައިދާ ޖަމާކުރުން ހާއްސަވި

ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ އަގު ހަފުލުވިކަމާއެކު އުފުލިގެންދާނެ ގިނަ ބަދަލު ތަކެއް މުހިންމު ޑިސިޝަން ތަކެއް އެ ކުންފުނީގެ މިހާރުގެ ބޯޑުން ނަގާފައިވެ އެވެ. މީގެ އިތުރުން މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ނުނިމި އުޅެނިކޮށް ހިއްސާދާރުންނަށް ލިބެން ޖެހޭ ފައިދާ ހިއްސާދާރުންގެ އެކައުންޓްތަކަށް ޖަމާ ކުރުންވީ މުޅި ތަރުހީބު އިތުރުވި ކަމަށެވެ. 

އަހަރީ އާއްމު ޖަލްސާގައި ބައެއް ހިއްސާދާރުން ވާހަކަ ދައްކަނީ -- އެސްޓީއޯ

މިކަން ފާހަގަ ކުރައްވަމުން އެސްޓީއޯގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ޝާހިދު ފާހަގަ ކުރި ގޮތުގައި ޖަލްސާ ނުނިނި އުޅެނިކޮށް އެ ކުންފުނީގެ ހިއްސާގެ ފައިދާ ޖަމާކޮށްފިކަމަށާ މިއީ ތާރީހީ ކާމިޔާބީއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"އަޅުގަނޑުމެން ހަނދާންވޭ ފައިދާ ނުލިބިގެން އެސްޓީއޯ އަށް ގުޅަން ޖެހުނު ދުވަސްވަރެއް. އެކަމަކު މިއަދު ޖަލްސާ ނުނިމެނީސް ހިއްސާގެ ފައިދާ ޖަމާކޮށްފި. މިއީ ބޮޑު ކުރިއެރުމެއް. ކާމިޔާބީއެއް،" އޮޑިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ޝާހިދު ވިދާޅުވި އެވެ. 

އެސްޓީއޯ މައިގަނޑު ވިޔަފާރިތަކުގެ ކުރިއެރުން

  • ތެލުން - 12 ބިލިއަން (7 % ދަށް)
  • ގޭސް 261 މިލިއަން (4 % މަތި)
  • ޓްރޭޑިން 3.1 ބިލިއަން (8 % މަތި)
  • ޝިޕިން 432 މިލިއަން (15 % މަތި)
  • އިންޝުއަރެންސް (46 % މަތި)

ހޮޓަލުގެ ބަދަލުގައި ހުޅުމާލެއިން ބޮޑު ބިމެއް ހޯދުން

ހިއްސާދާރުން ހިތްހަމަ ޖެހުނު އަނެއް ބަދަލަކީ އެ ކުންފުނިން މީގެ 12 އަހަރު ކުރިން ހަދަން ފެށި ހޮޓާ ބަދަލެއް ހޯދުމަށްފަހު ދޫކޮށްލަން އެޗްޑީސީއާއެކު ހެދި އެއްބަސްވުމެއް ހެދުމެވެ. އެސްޓީއޯ އިން ވަނީ ހުޅުމާލެ ހޮޓާ ދޫކޮށްލުމުން ބަދަލުގެ ގޮތުގައި ހުޅުމާލެ ފޭސް ތިނެއް ނުވަތަ ޓޫރިޒަމް އައިލެންޑް ސަރަހައްދުން 40،000 އަކަފޫޓުގެ ބޮޑު ބިމެއް ވެސް ހޯދާފަ އެވެ. 

އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯ އިން މަސައްކަތް ކުރަނީ އެ ކުންފުނީގެ ވިޔަފާރިއާ ގުޅުންހުރި ދާއިރާ ތަކުން ކުރިއަށް ދިއުމަށް ކަމަށާ އެކަން ކުރަނީ ދިރާސާތައް ކުރުމަށްފަހު އެވެ. 

"ޓޫރިޒަމަށް ހާއްސަ ކުންފުނިތައް އެބަހުރި ސަރުކާރުގައި ވެސް. އަމިއްލަ ފަރާތްތަކުން ވަރަށް ފުޅާކޮށް އެ ވިޔަފާރި ކުރަމުން ވެސްދޭ. އެހެންވެ އަޅުގަނޑުމެންގެ ފޯކަސް ހުރީ ޓޫރިޒަމަށްވުރެ ބޮޑަށް ކުރަމުން ގެންދާ ވިޔަފާރިތަކަށް،" ޝާހިދު ވިދާޅުވި އެވެ. 

ބަންކަރިން އިން ކާމިޔާބީ ހޯދުމާ ދިމާލަށް

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ބަންކަރިން ވިޔަފާރިއަށް ވަދެފަ އެވެ. މިކަން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ވިޓޯލްއާއެކު ހެދި އެމްއޯޔޫއެއްގައި ދަށުންނެވެ. މިގޮތުން އިހަވަންދިއްޕޮޅުގައި ފްލޯޓިން ބަންކަރިން ފެށި އެވެ. މިހާތަނަށް ބަންކަރިން ހިދުމަތުން ކުރިއެރުން ތަކެއް ވެސް ލިބިފައިވެ އެވެ. ހިއްސާދާރުންގެ ގިނަ ބަޔަކު ވަނީ މި މަސައްކަތުގެ އަޕްޑޭޓް ހޯދާފަ އެވެ. 

އެމްޑީ ޝިމާދު ވިދާޅުވީ އިހަަވަންދޮއްޕޮޅަށްވުރެ މާލެ ހިމެނޭ ސަރަހައްދުގައި ބަންކަރިން ވިޔަފާރިން އެ ކުންފުންޏަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށެވެ. މިގޮތުން ޝިމާދު ވަނީ ބައެއް މިސާލުތައްވެސް ވިދާޅުވެދެއްވާފަ އެވެ. މިގޮތުން ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކްރޫޒްލައިން ފްލީޓެއްގައި ހިމެނޭ ބޮޑު އުޅަނދަކަށް ވަނީ ތެޔޮ އަޅާ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.