ތާރު އެޅުމުގެ ގާބިލުކަމެއް އާރުޑީސީގައި މި ވަގުތު ނެތް: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، ތިމަރަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ތާރު އެޅުމާ ހަމައަށް ގޮސްފައިވިޔަސް، އެކަން ހުއްޓިފައިވަނީ ތާރު އެޅުމުގެ ގާބިލުކަން މި ވަގުތު އާރުޑީސީގައި ނެތުމުން ކަމަށެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ދައުލަތުގެ މަގު ހެދުމުގެ މައި ކުންފުނި ކަމަށްވާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގައި އަމިއްލައަށް ތާރު އެޅުމުގެ މަސައްކަތް ކުރުމުގެ ގާބިލުކަން މި ވަގުތު ނެތް ކަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތ. ތިމަރަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވަމުންދިޔުމާ ގުޅޭގޮތުން، އެ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގައި އެ މަސައްކަތް އޮތީ އިންޑިއާގެ ކުންފުންޏަކަށް ސަބްކޮންޓްރެކްޓުކޮށްފަ އެވެ.

ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައިނުވާތީ، މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު އާރުޑީސީ އާ ހަވާލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ތިމަރަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ތާރު އެޅުމާ ހަމައަށް ގޮސްފައިވިޔަސް، އެކަން ހުއްޓިފައިވަނީ ތާރު އެޅުމުގެ ގާބިލުކަން މި ވަގުތު އާރުޑީސީގައި ނެތުމުން ކަމަށެވެ. 

"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.

ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުންޏާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.