ދިވެހިރާއްޖެ 2.0 | ފޯމް ލާފައި "ސައި" ދިނުން ހުއްޓުވާނެ

މިހާރު އެއް ފޯމްގައި ލިޔާ މައުލޫމާތު އެހެން ފޯމަށް ތަކުރާރު ކުރަންޖެހެ އެވެ. އޮންލައިންކޮށް ފޯމެއް ހުށަހެޅިނަމަވެސް ގުޅަން ޖެހެ އެވެ. ކޮންމެ އޮފީހެއްގައި ރަހުމަތްތެރިއަކު ހުންނަން ޖެހެ އެވެ. މޯލްޑިވްސް 2.0 އިން މިކަން ބަދަލު ވާން ޖެހެ އެވެ.

ސަރުކާރު އޮފީސްތަކުގައި ވެބްސައިޓްތަކާއި ބައެއް މޮބައިލް އެޕް ނެތީއެއް ނޫނެވެ. އެކަމަކު މި ވެބްސައިޓްތަކާއި މޮބައިލް އެޕް އަދި ހިދުމަތް ދޭން ފަރުމާކޮށްފައި ހުރި ޕޯޓަލްތައް ހުރީ އެ އޮފީހެއްގެ ވެރިން ބޭނުންވާ ގޮތަށެވެ. އެއިރެއްގައި ހުންނަވާ މިނިސްޓަރުންނާއި ދަށުގައި ތިއްބަވާ ވެރިން ހިތްޕުޅާވާ ގޮތަށެވެ. ހިދުމަތް ދޭން ބޭނުން ކުރާ ސޮފްޓްވެއާތައް ހޯދަނީ ވެސް އެ މީހުންނަށް އެ ވަގުތަކަށް ފަސޭހަވާނެ އެއްޗެއް ހޯދުމުގެ ބޭނުމުގަ އެވެ. މިވަގުތު ދައުލަތުގެ ނިޒާމުތެރޭގައި ހިދުމަތްދޭން 200 ޕޯޓަލް ހުރިނަމަވެސް މީގެ އެއްވެސް ޕޯޓަލަކީ އެކަތި އަނެކެއްޗާ ގުޅުންހުރި އެއްޗިއްސަކަށްނުވެ އެވެ. މިކަން ރަނގަޅު ކުރަން އޭޑީބީ ފަދަ ފަންޑިން ވުޒާރާތަކުގެ އެހީއާއެކު ކުރިންވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އާނުގައި ޖެހި އާނު ކެނޑޭ ގޮތެއް ނުވި އެވެ. އެންމެފަހުން މަސައްކަތް ހުއްޓާލީ އެވެ. އޭގެ އަހަރުތަކެއް ފަހުން އުންމީދުގެ އަލިކެމެއް ލިބުނީ "ވަންގަވް" އައުމުންނެވެ. މިއީ ރާއްޖޭގައި ހިދުމަތް ދިނުމުގައި ޑިޖިޓަލް މަގަކަށް ނުކުންނާނެ ނިޒާމެއް ކަމަށް ހީވި އެވެ. އެކަމަކު އެކަން ދިޔައީ ވަރަވެލި ދުވެލީގަ އެވެ. 

ދެން ފެންނަން ފެށީ ދައުލަތުގެ އެކި ވުޒާރާތަކުން "ޓޫގަވް" އަދި "ތްރީގަވް" ވެސް ހަދަން ފެށި ތަނެވެ. މައިގަނޑު ސަބަބަކީ މުޅި ދައުލަތުގައި ހިދުމަތް ދޭން ހުރި ހުރިހާ ވިއުގަތަކެއް އެއްކޮށް މަސައްކަތް ކުރާނެ ނިޒާމެއް ނެތުމެވެ. މިކަމަށް ހުރިހާ ސަރުކާރު ތަކުން ވެސް ވިސްނަ އެވެ. އެކަމަކު މަދުވަނީ އެއިއެއްގައި ހުންނަވާ ރައީސަކު އެކަމަށް ދެއްވާ ސަމާލުކަމެވެ. މިފަހަރު ފެނިގެން މިދަނީ އެކަމެވެ. ރާއްޖޭގައި ހުރި މި ނިޒާމުތައް އެއްކޮށް މަސައްކަތް ކުރާނެ ގޮތެއް ހަދަން ރައީސް ޑރ، މުއިއްޒު އިއުލާނު ކުރެއްވި "މޯލްޑިވްސް 2.0" އެކު މި މަސައްކަތް ފެށުން މިއީ މިހާތަނަށް ރާއްޖެއަށް އަންނާނެ އެންމެ ބޮޑު ކުރިއެރުމުގެ ކޮޅުމަތި ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

މިކަން ކުރަން "މޯލްޑިވްސް 2.0 ސަމިޓު" ބޭއްވިއިރު ސުވާލަކީ މީގެން ނުކުންނާނެ ފޮނި މީރުކަމެވެ. މޯލްޑވްސް 2.0 އަކީ ދައުލަތުގެ ހިދުމަތް ދިނުމުގެ ވައްޓަފާޅި އަށް މުޅިންއާ ސޮފްޓް ވެއާއެއް އިންސްޓޯލްވުމާއެކު ހިދުމަތްތަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ މި ބަދަލު ކިހާ އަވަހަކަށް ފެންނާނެ ހެއްޔެވެ؟ މި ބަދަލާއެކު ރައްޔިތުންނަށް އޮތް މޮޅަކީ ފަސޭހައަކީ ކޮބައި ހެއްޔެވެ؟

"މިހާރު ހިދުމަތް ހޯދަން އަންނަ ރައްޔިތު މިހާ އާއި ވިޔަފާރިވެރިޔާ އަދި ބޭރުން އަންނަ އިންވެސްޓަރުން ވެސް އެއް މުވައްސަސާއަކަށް ދޭ މައުލޫމާތު އެހެން މުވައްސަސާތަކަށް ތަކުރާރުކޮށް ދޭން ޖެހޭ.މިކަން ބަދަލު ވާން ޖެހޭ. ދައުލަތުގެ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ހުރި ރެޑްޓޭޕް އާއި ބިއުރޮކްރެސީ ފިލުވައިލާން ތަފާތު ވިސްނުމެއް ގެންނަން ޖެހޭ. މޯލްޑިވްސް 2.0 ގެ ގެނައުމުގެ މަގުސަދަކީ މިއީ،" ވަންގަވްގެ ހިދުމަތްދޭ ޓްރޭޑްނެޓް ކުންފުނީގެ އެމްޑީ ސައީދާ އުމަރު ވިދާޅުވި އެވެ.

މިހާރު ހިދުމަތް ހޯދަން އަންނަ ރައްޔިތު މިހާ އާއި ވިޔަފާރިވެރިޔާ އަދި ބޭރުން އަންނަ އިންވެސްޓަރުން ވެސް އެއް މުވައްސަސާއަކަށް ދޭ މައުލޫމާތު އެހެން މުވައްސަސާތަކަށް ތަކުރާރުކޮށް ދޭން ޖެހޭ.މިކަން ބަދަލު ވާން ޖެހޭ

ޓްރޭޓް ނެޓްގެ އެމްޑީ ސައީދާ އުމަރު

މިހާރު ދައުލަތުގެ އޮފީސްތަކުން ހިދުމަތް ދޭ ގޮތަށް ބަލާއިރު ގިނަ ހިދުމަތް ތަކެއް ހޯދަން ދެވަނަ ފަރާތެއްގެ އެހީތެރިކަން ބޭނުންވެ އެވެ. މާނައަކީ ވަންގަވް އޮތް ނަމަވެސް ގިނަ އޮފީސްތަކުގެ ހިދުމަތް ހުރީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތަކާ އިދިކޮޅު ގޮތަކަށެވެ. އަދި މި ވަންގަތްގައި ބައިވެރިވުމަކީ ވެސް ކޮންމެހެން ދައުލަތުގެ އޮފީސްތަކަށް ލާޒިމްކަމެއް ނޫނޭ ހިތަށް އަރާފަހަރުވެސް އާދެ އެވެ. ކުޑަ މިސާލެކެވެ ؛ އެއް އޮފީހަށް ލާ ފޯމް ސެޓުގައި އެޑްހާއި އައިޑީކާޑު ފަދަ ޒާތީ މައުލޫމާތު ހަމަ އެހެން އޮފީހަކަށް ފޯމުލިނަމަވެސް ހަމަ ފުރަން ޖެހެ އެވެ. އަދި މިހާރު އޮންނަ ގޮތުން އޮންލައިންކޮށް ފޯމެއް ލިޔަސް އެ ފޯމަށް ވާނުވާ ބަލަން ގުޅަން ޖެހެ އެވެ. ބައެއް ފަހަރު އެ އޮފީހަށް ދާން ވެސް ޖެހިފައި އެބަހުއްޓެވެ. މިއީ ކަން އޮންނަން ޖެހޭ ގޮތް ހެއްޔެވެ؟

ޓްރޭޑް ނެޓުގެ އެމްޑީ ސައީދާ އުމަރު ވާހަކަ ދައްކަވަނީ -- މޯލްޑިވްސް 2.0

ޓްރޭޑް ނެޓުގެ އެމްޑީ ސައީދާ ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން ފޯމެއް ހުށަހެޅުމަށްފަހު އެއަށް ވާނުވާ ނޭނގޭ ފަހަރު ގިނައިން އަންނަ ކަމަށާ އެ ބަދަލާއެކު މިކަން ބަދަލު ވެގެންދާނެކަން ސައީދާ ފާހަގަ ކުރެއްވި އެވެ.

"މިހާރު ހިދުމަތް ހޯދަން މި ޖެހެނީ އޮފީހުގައި ހުންނަ ކޮންމެ ވެސް ރަހުމަތްތެރިއަކަށް ނޫނީ ތިމާގެ މީހަކަށް ގުޅަން. ކޮންމެ މުވައްސަސާއެއްގައި ރައްޓެއްސަކު ހުންނަން ޖެހޭ. މިއީ ކަން އޮންނަން ޖެހޭނެ ގޮތެއް ނޫން. ހިދުމަތްދޭ ނިޒާމުގައި އެއްވެސް ގުޅުމެއް ނެތް ފަރާތަކަށް ހިދުމަތް ލިބޭނެ ގޮތްތަކަށް ބައްޓަން ވެގެންނޫނީ ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް އަދި ހިދުމަތެއް ވެސް ނުދެވޭނެ،" ސައީދާ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވާ ހިދުމަތް ދިނުމުގެ ތެރޭން އަންނަ ކޮރަޕްޝަން ވަންނަނީ މި ދޮރުތަކުންނެވެ. ހިދުމަތް ދޭން "ސަޔެއް" ދީގެން ކަންކަން އަވަސް ކުރަން ޖެހުމާއި ހިދުމަތް ބަދަލު ކުރަން "ސައި" ދޭން ޖެހޭ މައިގަނޑު ސަބަބަކީ ހިދުމަތް ހޯދާ މީހާ އިތުރު މީހެއްގެ އެހީތެރިން ނެތި ހިދުމަތް ހޯދޭނެ ނިޒާމެއް ނެތުމެވެ.

މޯލްޑިވްސް 2.0 މަޝްރޫއުގެ ސަމިޓް އިފުތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއް ޖޯޝެއްގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައިޑީކާޑަކީ ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ހިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ސައިބާ ސެކިއުރިޓީ ރަނގަޅުކޮށް، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. - މިއީ ހަގީގަތެވެ

ހިދުމަތް ދިނުމުގައި ހުރި ނުކިއްސަރު ކަންކަން ބަދަލު ކުރަން ސަރުކާރުން މިހާރު ފަށާފައިވާ މޯލްޑިވްސް 2.0 މަޝްރޫއުގައި މައިގަނޑު އަށް އަސާސެއް ހިމެނެ އެވެ.

މޯލްޑިވްސް 2.0 ގެ 8 ސްޓްރެޓެޖިކް ޕިލާ

  •  ޑިޖިޓަލް އައިޑެންޓިޓީ ނުވަތަ އީ-ފާސް ޒަމާނީ ކުރުން
  •  ޑޭޓާ އެކްސްޗޭންޖު ކުރެވޭނެ ނިޒާމުތައް ރާއްޖެ ގެނައުން
  •  ސައިބަ ރައްކާތެރިކަން ގައުމީ ފެންވަރުގައި ކަށަވަރު ކުރުން
  •  އިތުބާރާއެކު ހިދުމަތް ދެވޭނެ ގާނޫނުތައް އަވަހަށް ހެދުން
  •  ދައުލަތުގެ ނިޒާމުގައި އެއްކުރާ މައުލޫމާތު ރައްކާތެރިކަމާއެކު ރައްކާކުރެވޭނެ ސޮވަރިން ކްލައުޑް ގާއިމް ކުރުން
  •  ސިޓިޒަން ސެންޓްރިކް - އީ ކަވަމަންޓް ނިޒާމެއް ގެނައުން (ވަކިވަކި މުއާސަސާތައް މަސައްކަތް ނުކޮށް އެއްކޮށް މަސައްކަތް ކުރުން)
  •  ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ޓެކްނޮލޮޖީއަށް ގެންނަން ޖެހޭ ކުރިއެރުން ގެނައުން (މި އަހަރު އެޑިއުކޭޝަން ، ފައިނޭންސް، ހެލްތް ސެންޓާއިން މި ދާއިރާގެ މަޝްރޫއު ކުރިއަށް ގެންދިއުން)
  •  އައިޓީއިކޯ ސިސްޓަމް އަދި އިނޮވޭޝަން - ދިވެހިންނަށް ފަހިވާނެހެން ނިޒާމު ބައްޓަން ކުރުން


މޯލްޑިވްސް 2.0 ސަމިޓަށްފަހު މި އަށް އަސާސު ނުވަތަ މައިގަނޑު އަށް އަސާސަށް ވަނީ ބަދަލު ގެނެސްފަ އެވެ. މިގޮތުން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރަން ވަނީ ބޮޑު އިސްކަމެއް ދޭން ނިންމާފަ އެވެ. މީގެ އިތުރުން މިކަން ފުރިހަމަ ކުރަން އެންމެ އަވަހަށް ކުރާނެ ކަމަކީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި އަލަށް ހަދަން ޖެހޭ ގާނޫނުތައް ހެދުމެވެ. މިގޮތުން ޑާޓާ ޕްރައިވެސީ އާއި މަސައްކަތް ހިމާޔަތް ކުރަން ހަދަން ޖެހޭ ގާނޫނުތައް ހަދާނެ އެވެ. މި ހުރިހާ ކަމެއް ކުރަމުން ގެންދަނީ ޑިޖިޓަލައިޒޭޝަން ކައުންސިލްގެ މަޝްވަރާގެ މަތިންނެވެ. މި ކައުންސިލްގައި ތިއްބެވީ އައިޓީ އަދި އައިސީޓީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

އަލަށް ގެންނަ މި ނިޒާމާއެކު އެންމެ އަވަހަށް ފެނިގެންދާނީ ސިއްހީ ދާއިރާ އާއި މާލީ ދާއިރާއަށް އަންނާނެ ބަދަލުތަކެވެ. މި ބަދަލުތައް ގެންނަން ލަސްވެއްޖެ އެވެ. ހަގީގަތަކީ މިއީ 2020 ގެ ކުރީގައި އަންނަން ޖެހޭ ބަދަލެކެވެ. ރައީސް މައުމޫން އެކުލަވާލި 2020 ގެ ތަސައްވުރުގައިވެސް އެކަން އެބައޮތެވެ. އެކަމަކު އެއްވެސް ސަރުކާރަކުން އެކަމަށް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް މިހާރު މި މަސައްކަތް ފެށިގެން ދިއުމަކީ އޮތް އުންމީދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.