މާލޭ ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަން ނިންމައިފި

އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމްބީއެސްގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

ހުޅުމާލޭގައި ގާއިމުކުރި އޮރެންޖު ހިޔާ. --ފޮޓޯ: އެމްއެންޑީއެފް

ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެނެސް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފަސް ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން، ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމްބީއެސްގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ހައްލު ލިބިގެންދާނެ ކަމަށާއި، އަދި އަތޮޅުތަކުގައި ދެވޭ ހިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއެންޑީއެފް އާ ހަވާލުކޮށްގެން، ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ނިންމައި މިއަދު ވަނީ ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އޮރެންޖު ހިޔާ އިމާރާތުގައި ޖާގަ ތަނަވަސްވުމުގެ އިތުރުން ވަސީލަތްވެސް ކުރިއަށް އޮތް ތަނުގައި އިތުރުވަމުން ދާނެ ކަމަށާއި ވަސީލަތް އިތުރުކުރުމުގައި ބަޖެޓު ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީއަށް ދެއްވަންޖެހޭ އެންމެހައި ހުއްދަތައް މިހާރު ވާނީ ދެއްވައިފަ އެވެ. 

މީގެ އިތުރުން މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ގަރަދުގައި ބޯންމެރޯ ހެދުމުގެ އިންތިޒާމު ހަމަޖައްސަން ވެފައިވާ ވައުދުފުޅާ އެއްގޮތަށް، 14 ކުއްޖަކަށް އެ ހިދުމަތް ފޯރުކޮށްދެވެމުންދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާކަން އެ މަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން މި މަޝްރޫއުއަށް އިންވެސްޓްކުރާ ފަރާތްތަކާއެކު އެގްރީމަންޓު ހެދުމާއި ހިސާބަށްދެވި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.