ރައީސް ވިދާޅުވީ މިގޮތަށް ދޫކޮށްލެވޭ މީހުންގެ ތެރޭގައި ޖިންސީ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން ނުހިމެނޭނެ ކަމަށެވެ.
"ވާނުވާ" ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބި މީހުން މޮނީޓާ ކުރެވޭ ގޮތަށް ޓެގު އަޅުވާފައި ދޫކޮށްލެވޭނެތޯ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި 300 އެއްހާ މީހުން މަދުކުރުމުގެ ގޮތުން އެމީހުން ޓެގު އަޅުވާފައި ދޫކޮށްލެވޭނެތޯ ބެއްލެވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގަވާފައިވާނެ ކަމަށެވެ.
މި ދެ އިދާރާއާއި އިއްޔެ ބައްދަލުކުރައްވައި، ވާނުވާ ބަންދަށް ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތެއް ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއްކަމަކަށް ޕޮޒިބިލިޓީ އެބައޮތްތޯ މި ބަލަނީ ޓެގު އިނގޭތޯ، ނޫނީ އިލެކްޓްރޯނިން މޮނިޓަރިން ނިޒާމެއްގެ ތެރެއިން ވާނުވާގަ ތިބި މީހުންގެ ތެރެއިން ބައެއް ފަރާތްތައް މީގެ ތެރޭގައި ހިމެނޭތޯ،" ރައީސް ވިދާޅުވި އެވެ.
ފުލުހުންނާއި ވެސް ގުޅިގެން ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ޓެގު އެޅުވުމުގެ އިތުރުން އިތުރު ގޮތްތަކެއް އޮތްތޯ ބެލުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ؛
"ވީހާވެސް ގިނަ މީހުންނަށް އޭރުން ކަނޑައެޅޭ ޝަރުތުތަކަކާއެކީގަ ގެއަށް ބަދަލުކުރެވޭނެ، ނޫނީ ޓެގު އަޅުވާފަ ދޫކޮށްލެވޭނެ މައްސަލަ ބަލާ ނިމެންދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިގޮތަށް ދޫކޮށްލެވޭ މީހުންގެ ތެރޭގައި ޖިންސީ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން ނުހިމެނޭނެ ކަމަށެވެ. އެފަދަ ކުށްތަކުގައި 100 އެއްހާ މީހުން ބަންދުގައި އެބަތިބި ކަމަށާއި އެމީހުން ޓެގު އަޅުވާފައި ވެސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން އެމަނިކުފާނު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ޝަރީއަތް ކުރިއަށް ނުގޮސް ހައެއްކަ އަހަރު ޖަލުގައި ތިބި މީހުން ވެސް އެބަތިބި ކަމަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު އެމީހުންނަކީ ކުށްވެރިން ނޫން ކަމަށާއި، މި ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ ކަމަށެވެ.
އޭގެ ތެރެއިން ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުވުމާއެކު ޝަރީއަތްތައް އަވަސް މިނެއްގައި ކުރިއަށްގޮސް، މައްސަލަތައް ނިމެނޭ ކަން ފާހަގަކުރެއްވި އެވެ.
"ދާއިމީ ގޮތެއްގަ މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ މައްސަލަތައް އަވަހަށް ބަލާ ނިންމުން. އެހެންވީމަ އަވަހަށް ބެލުމުގެ ކެޕޭސިޓީ ޖާގައިގެ ގޮތުންނާ ވަސީލަތުގެ ގޮތުން ސަރުކާރުން ކޮށްދޭނެ ކަމަކީ. ދެން ޖުޑިޝަރީން ދެން ޖެހޭނީ މައްސަލަތައް އަވަހަށް އިންސާފުވެރިކަމާއެކު ބަލައި ނިންމާލަދޭން،" ރައީސް ވިދާޅުވި އެވެ.