ފުރަތަމަ ކައުންސިލް ކުންފުނީގެ އެމްޑީ އިސްތިއުފާ ދެއްވައިފި

ނިހާން ވިދާޅުވީ ކުންފުނީގެ މަސައްކަތްތަކަށް ކައުންސިލުން އެއްބާލުމެއް ނުލިބެ އެވެ. އަދި ބީޗް ބެލެހެއްޓުން ފަދަ މަސައްކަތްތަކުގައި ގެސްޓްހައުސްތަކުގެ އެއްބާރުލުން ކުޑަކަން އޭނާ ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ.

ތޮއްޑޫ ކައުންސިލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ނިހާން

ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނި، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި (ޓީއެލްއޭސީ) ގެ އެމްޑީ އަބްދުﷲ ނިހާން އާއި ކުންފުނީގެ ބޯޑު އެއްކޮށް އިސްތިއުފާ ދީފި އެވެ. 

ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ ކުޑަ ގެ ރައުސްމާލްއަކުން އުފެއްދި ތޮއްޑޫ ލޯކަލް ކުންފުނީގެ އެމްޑީ ނިހާން "މިރާ" އަށް ވިދާޅުވީ ކުންފުނީގެ ބޯޑުން އިސްތިއުފާ ދީފައިވާކަން ރަސްމީކޮށް ކައުންސިލަށް އަންގާފައިވާނެ ކަމަށާ ނަމަވެސް ޓްރާންސިޝަން ޕީރިއަޑުގެ ގޮތުގައި އަންނަ މުއްދަތުގައި ކަންކަން ފުރިހަމަ ކުރަން ކައުންސިލާއެކު މަސައްކަތް ކުރާނެކަން ވެސް އަންގާފައިވާނެ ކަމަށެވެ. 

ނިހާން ވިދާޅުވީ ކައުންސިލް ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވީ ރަށަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށާ ނަމަވެސް މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކައުންސިލްގެ ތެރޭން ކުރިމަތިވަމުން ދިޔަ ކަމަށާ މީގެ އިތުރުން ދެ ފުށް ފެންނަ ގޮތަކަށް ކަންތައް ކުރިއަށް ގެންދިޔަ ނަމަވެސް ގިނަ ތުހުމަތުތައްކޮށް އަބުރު ކަލިތުމުގެ ގިނަ މަސައްކަތްތަކެއް ކައުންސިލްގެ ބައެއް މެންބަރުން ކުރަމުން ދިޔަ އެވެ. މީގެ އިތުރުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ވެސް ގިނަ ފިއްތުން ތަކެއް ކައުންސިލުން ކުރިމަތި ކުރަމުން ދިޔަ ކަމަށާ ނަމަވެސް މިހާތަނަށް މަސައްކަތް ކުރައްވާފައިވާނީ އެންމެ އިހުލާސްތެރިކޮށް ހިދުމަތް ކުރުމަށެވެ.

"ކައުންސިލްގެ ރައީސް ކަރަމްގެ އެއްބާރުލުން ދެއްވާ، އެކަމަކު އެހެން ފަރާތްތަކުން ގިނަ ފިއްތުންތަކެއް ކުރިމަތި ކުރި،" ނިހާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުން ކުންފުނީގެ މާލީ ހާލަތަށް ބަލައި މުސާރަ ނުނަންގަވާތާ 9 މަސް ވެފައިވާ ކަމަށާ އެކަން ކުރީވެސް ކުންފުނީ ރަނގަޅު ކުރަން ފުރުސަތު ފަހި ކުރުމާއި ރަށަށް ހެޔޮ އެދޭތީ އެވެ. މިގޮތުން ކުޑަ ރައުސުލްމާލަތުން ފެށި ނަމަވެސް ރަށުގެ ވަށައިގެން ކުނި ކެހުމާއި ބީޗް ބެލެހެއްޓުން ފަދަ ގިނަ މަސައްކަތްތަކެއް ކުންފުނިން ކުރަމުން ދިޔަ އެވެ. މީގެ އިތުރުން ހެވީ ވެހިކަލް ގެނެސް މަގުތައް ބެލެހެއްޓުމަށް ވެސް މަސައްކަތް ތަކެއް ކުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ހުރިހާ ކަމެއް ކުރަމުން ދިޔައީ މާލީ ގޮތުން ގޮންޖެހުންތަކާއެކު. ގެސްޓްހައުސްތަކުން ކުޑަ ފީއެއް ނަގައިގެން މަސައްކަތް ކުރި ނަމަވެސް އެއްބާރުލުން ކުޑަ. މިހެންވުމުން މާލީ ގޮތުން ކުންފުނި އޮތީ ދަތިހާލެއްގައި،" ނިހާން ފާހަގަ ކުރެއްވި އެވެ.

ނިހާން ވިދާޅުވީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށާ ކައުންސިލް މަސައްކަތް ކުރާ ގޮތުން ސިފަވަނީ ކައުންސިލް ކުންފުންޏަކީ އެމްޑީގެ އަމިއްލަ އެއްޗެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު މީޓިއެއްގައި ވެސް ބުނިން މިއީ ތިޔަ ބޭފުޅުން [ކައުންސިލާއި ރައްޔިތުން] ގެ އެއްޗެއް ނޫހޭ. ދެން ކިހިނެއް ވެގެންހޭ އެއްބާރުލުން ނުދެނީ؟ ،"

ނިހާން ވިދާޅުވީ ޝަކުވާ ކުރަމުން ދަނިކޮށް ދާދި ފަހުން ކައުންސިލަށް އެއް މިލިއަން ރުފިޔާ ދޫކުރިކަމަށާ ނަމަވެސް އެ ފައިސާ ދޫކުރުމަށްފަހު ކައުންސިލްގެ ބައެއް މެންބަރުން ރަށު ތެރޭގައި ނޭދެވޭ އެތައް ވާހަކައެއް ކުންފުންޏާމެދު ދެއްކި އެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ކުންފުންޏާ ޖެހިގެން ދިޔަކަން އޭނާ ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.