މިފްސީއަކީ މެލޭޝިއާގެ ސަދަގާ ހައުސް ބޭންކް އިސްލާމް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.
އެކަހެރިވެފައި ތިބި ފަރާތްތަކަށް މާލީ ގާބިލްކަން އުފައްދަން އިސްލާމިކް ފައިނޭންސިންގެ 250 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ އިސްނެގުމަކަށް މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ) ގެ ނަމުގައި ފެށި މި މަޝްރޫއަކީ އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިފްސީ މަޝޫރު ފަރުމާކޮށްފައިވަނީ ގައުމީ ބޭންކުން ތިން އަހަރު މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާ ގޮތަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އިސްލާމިކް ބޭންކުން 30 މިލިއަން އަދި އެމްއެމްއޭ އިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ އެވެ.
މިފްސީއަކީ މެލޭޝިއާގެ ސަދަގާ ހައުސް ބޭންކް އިސްލާމް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ. މިކަން ކުރިއަށް ގެންދަނީ މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭ އިން ހެދި ދިރާސާއެއްގެ އަލީގަ އެވެ.
މި ހަފުލާގައި ރައީސް ވިދާޅުވީ އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ހިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީގެ ދަށުންނެވެ. މި އިނީޝިއެޓިވްއަކީ ޤައުމީ ތަރައްގީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދިވެހިންގެ ޝަހުސު ބިނާވެފައިވަނީ އޯގާތެރިކަމާއި ޢަދުލުވެރިކަމާއި އިޖުތިމާއީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން ފާހަގަކުރައްވާ މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދުކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީ ވެސް އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ދިވެހި މުޖުމަތައަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާއަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މި އިނީޝިއެޓިވުން މުހިންމު ދައުރެއް އަދާކުރާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި ނޭޝަނަލް މާސްޓަ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ކުރިއަށްދާކަން އިއުލާންކުރެއްވި އެވެ. ރާއްޖޭގައި ގާއިމުކުރާ، އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި މި މާސްޓާ ޕްލޭނުން އަންގައިދޭނޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ގާނޫނީ އެއްބާރުލުންދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.
މި ހަފުލާގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އިސްނެގުމަކީ 2025-2027 ވަނަ އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ ކަމެއް ކަަމަށެވެ. މި އިސްނެގުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ރާއްޖެއަކީ މި ސަރަހައްދުގެ ހަބަކަށް ހެއްދުމަށް އިސްކަން ދެއްވާނެ ކަމަށެވެ.