"ސަރުކާރުން ނިންމަވައިގެން މި އުފައްދާ ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއް ނޫން. އުޅޭނެ ދެތިން ހަތަރު ސައިޒެއް. އެއީ ވަރަށް ކުދިކުދި މާލޭގެ މަގުތަކަށް ވެސް ވަދެވޭގޮތަށް،" އަމީން ވިދާޅުވި އެވެ.
މާލޭގައި ހުންނަ ހަނި ގޯޅިތަކާއި މަގުތަކަށް ވެސް ވަދެވޭ ގޮތަށް، އެކި ސައިޒުތަކުގެ ކާރުތައް ސަރުކާރުން ފަށަން މަސައްކަތް ކުރާ ޓެކްސީ ލައިންގައި ހިމެނޭނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޓެކްސީ ލައިނާ އެކު އަމިއްލަ ޓެކްސީތައް ދުއްވާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ އެވެ.
އޭގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، މާލޭގައި ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ޓެކްސީގެ ހިދުމަތް ނުލިބޭއިރު، މި ހިދުމަތް ސަރުކާރުން ފެށިޔަސް އަމިއްލައަށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް ފުރުސަތު ހަނިނުވާނެ ކަމަށެވެ.
އޭގެ ބަދަލުގައި، ޕާޓްޓައިމް އަދި ފުލް ޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް، ސަރުކާރުގެ ޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް މަސައްކަތްކޮށްގެން އިތުރު އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ޓެކްސީކުރާ ފަރާތްތަކަށް ގެއްލުންވާނެ އެއްވެސް ގޮތެއް ނޯންނާނެ. ޓެކްސީ ކުރާ ފަރާތްތައް ވެސް މިކަން މި ކުރަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ފަށަނީ، މާލެ ސަރަހައްދަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ބޭނުމުގައި ކަމަށާއި، މިކަމަށް ޓެކްސީތައް ގެންނަނީ ވެސް މާލޭގެ ހާލަތަށް ވިސްނައިގެން، އެކި ސައިޒުތަކުގެ ކާރުތައް ކަން އޭނާ ހާމަކުރެއްވި އެވެ.
"ސަރުކާރުން ނިންމަވައިގެން މި އުފައްދާ ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއް ނޫން. އުޅޭނެ ދެތިން ހަތަރު ސައިޒެއް. އެއީ ވަރަށް ކުދިކުދި މާލޭގެ މަގުތަކަށް ވެސް ވަދެވޭގޮތަށް،" އަމީން ވިދާޅުވި އެވެ.
އޭގެއިތުރުން، އޭނާ ވިދާޅުވީ އެއާޕޯޓަށްދާ ޓެކްސީތަކުގައި ވެސް ހާއްސަ ސައިޒެއް ހުންނާނެ ކަމަށެވެ.
ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު، މި ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ބޭރުގައި ބޭނުންކުރާ އޫބާ އާއި ގްރެބް ފަދަ ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.