ކުރީގެ ސަރުކާރުގައި އިންޑިޔާ އާއެކު ހަދާފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިބި އިންޑިޔާ ސިފައިންގެ 75 މީހަކު އެނބުރި ގޮސްފައިވާ ކަމަށާއި، މިހާރު ބޭރު އެއްވެސް ގައުމެއް ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭނެކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އާއެކު ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ހާމަނުކޮށް ލަސްވުމާ ގުޅޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން ގެންގޮސްފައިވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
އޭގެ ތަފްސީލުތައް ދެއްވަމުން، ޣައްސާން ވިދާޅުވީ އެނބުރި ދިޔަ ސިފައިންގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫގައި ތިބި 25 ސިފައިންނާއި ލ. ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 25 ސިފައިން ކަމަށެވެ.
ޣައްސާން ވިދާޅުވި ގޮތުގައި، މިހާރު ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ނުތިބޭނެ އެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން އިންޑިޔާ ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ ގައުމުގެ މަދަނީ މީހުންނެވެ.