"ދެންމެ ތި އިޝާރާތް ކުރެއްވި ސިފަވަރުގެ އެގްރީމެންޓުގެ މަސައްކަތް ވެސް ކުރެވެމުންދަނީ، ދެ ގައުމުގެ ދޭތެރޭގަ ނެގިފަ އޮތް ހައި-ލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން. އެ މަސައްކަތް އަދި ދަނީ ކުރެވެމުން،" ޣައްސާން ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި އިންޑިޔާގެ ކަނޑުގެ ސިފައިން ތިބެވޭ ގޮތަށް ކުރީގެ ސަރުކާރުގައި ސޮއިކޮށްފައިވާ އެއްބަސްވުން އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ބޭރުގެ އެކި ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ހުރިހާ މާއްދާތައް އެ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ބަދަލުކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުންތަކުގައި މިހާރު ކަންބޮޑުވާންޖެހޭ ކަމެއް ނުހުންނާނެކަމުގެ ޔަގީންކަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.
ރައީސްގެ އެ ޔަގީންކަމާ ގުޅުވައި، އިސްލާހުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ޔޫޓީއެފްއާ ގުޅޭ އެއްބަސްވުން ވެސް ހިމެނޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ޣައްސާނާ މިއަދު ވަނީ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، އިންޑިޔާ އާއި ދިވެހި ސަރުކާރުގެ ކަމާގުޅޭ އިސް ބޭފުޅުންނާ އެކު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ތެރެއިން އެ އެއްބަސްވުމުގައި ވެސް ރާއްޖޭގެ ކަންބޮޑުވުން އޮތް މާއްދާތައް އިސްލާހުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"ދެންމެ ތި އިޝާރާތް ކުރެއްވި ސިފަވަރުގެ އެގްރީމެންޓުގެ މަސައްކަތް ވެސް ކުރެވެމުންދަނީ، ދެ ގައުމުގެ ދޭތެރޭގަ ނެގިފަ އޮތް ހައި-ލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން. އެ މަސައްކަތް އަދި ދަނީ ކުރެވެމުން،" ޣައްސާން ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވެސް ވިދާޅުވެފައިވާ ގޮތަށް، ބޭރުގެ އެކި ފަރާތްތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރެވިގެން އުޅެނީ، އޭގައި ހިމެނޭ ކޮންފިޑެންޝިއަލިޓީ ކްލޯޒްގެ ސަބަބުން ކަމަށް ޣައްސާން ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން، އެ އެއްބަސްވުންތައް އާންމުކުރެވޭތޯ، އެ ކޯޑިނޭޝަން ކޮމިޓީގައި މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އެ އެއްބަސްވުމުގެ ތަފްސީލަށް އެދިއްޖެނަމަ، މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒްތަކަށް ސަރުކާރުން އިހްތިރާމްކުރާނެ ކަމުގެ ޔަގީންކަން ޣައްސާން މިއަދު ދެއްވި އެވެ.