މައްސަލަ ދިރާސާ ކުރުމަށްފަހު ފަނޑިޔާރުން ކޮމެޓީއަށް ހާޒިރުކުރުމާމެދު ގޮތެއް ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން --

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފައިވާ މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށްފަހު އެބޭފުޅުން ކޮމެޓީއަށް ހާޒިރުކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެއާ އެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީން ފޮނުވާފައިވާ އެ މައްސަލަ އިތުރަށް ދިރާސާކުރަން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ކޮމެޓީން ވަނީ މިއަދު އެ ރިޕޯޓުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރު މައްސަލަ ދިރާސާ ކުރުމަށްފަހު އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭނަމަ އެކަން ފަހުން ކުރުމަށެވެ. އޭގެ އިތުރުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންނާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުން ކޮމެޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާފަ އެވެ.

އޭގެ ތެރެއިން ފާސްވީ އަޝްރަފް ހުށަހެޅުއްވި ހުށަހެޅުމެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއްސުއޫދު ޖޭއެސްސީން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ، އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.

މަގާމުން ވަކި ކުރުމުގެ ކުރިން، ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ޑރ. އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.