ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއްސުއޫދު ޖޭއެސްސީން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެއާ އެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީން ފޮނުވާފައިވާ އެ މައްސަލަ އިތުރަށް ދިރާސާކުރަން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ، އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.
އެނގިފައިވާ ގޮތުގައި، މަގާމުން ވަކި ކުރުމުގެ ކުރިން، ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ޑރ. އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.