މާފަރު އެއާޕޯޓަށް މާރިޗު މަހުގެ ނިޔަލަށް 3,145 ފްލައިޓް ވަނީ ޖައްސާފަ އެވެ. މިއީ މިދިޔަ އަހަރު ޖެއްސި 527 ފްލައިޓާ އަޅާބަލާއިރު ބޮޑުތަން އިތުރުވުމެކެވެ.
ނ. އަތޮޅުގައި ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ރެކޯޑް މިންވަރަކަށް ފްލައިޓް ޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މާފަރަށް 3,145 ފްލައިޓް ޖައްސާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޖައްސާފައިވަނީ 527 ފްލައިޓެކެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 400 ޕަސެންޓުގެ އިތުރުވުމެކެވެ.
މާފަރުގެ އިތުރުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފްލައިޓް ޖައްސާފައިވަނީ ވީއައިއޭ ނުލައި ބަލާނަމަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް 2,770 ފްލައިޓް ޖައްސާފައިވެ އެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ 2,116 ފްލައިޓެވެ. އަދި މާގިލި އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ 1,422 ފްލައިޓެވެ.
މި މުއްދަތުގައި ވީއައިއޭއަށް ޖުމްލަ 622,395 ފްލައިޓް ޖައްސާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 602,378 ފްލައިޓެވެ. އެހެންވެ މިއީ ވީއައިއޭ އަށް ޖެއްސި ފްލައިޓުގެ އަދަދު ވަނީ ތިން ޕަސެންޓު އިތުރުވެފަ އެވެ.