"އެމަނިކުފާނު މިނިވަންވެފަ އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށްލާފަ ހުރީ، ސިޔާސީ ނުފޫޒު ނުފޯރުވާތީ މިނިވަންކަމާއެކީގަ ކުރެވުނު ހުކުމަކު އެހެރީ މިނިވަންވެފަ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރީގެ އެމްޑީޕީ ސަރުކާރުން ކުރީ ސިޔާސީ ދައުވާތަކެއްކަން ކުރިން ވެސް ވިދާޅުވި ކަމަށާއި، އެމަނިކުފާނު މިނިވަންވެވަޑައިގަތީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސިޔާސީ ނުފޫޒު ނުފޯރުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޖުޑިޝަރީއަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިދިޔަ ހަފްތާ ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެމަނިކުފާނުގެ ދިފާއީ ދެ ހެއްކެއް ހެކިބަސް ނުދޭން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެކަކީ މިހާރު ޔޫތް މިނިސްޓްރަރުގެ އެޑްވައިޒަކަށް އައްޔަނު ކުރައްވާފައިވާ އަހުމަދު ނަރީޝް އެވެ.
ރައީސް ވިދާޅުވީ ނަރީޝްއަށް ސިޔާސީ މަގާމެއް ދެއްވީ އެއްގޮތަކަށް ވެސް އެ މައްސަލައަށް ނުފޫޒު ފޯރުވާން ނޫން ކަމަށެވެ. ނަރީޝް ހެކިބަސް ނުދޭން ނިންމި ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އޭގެ މާ ފަހުން ކަމަށާއި، އެއީ އެކަހަލ ނިޔަތެއްގައި ދެއްވި މަގާމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީންއަކީ. އަޅުގަނޑު މިނިސްޓަރަކަށް ހުރިއިރު އެންމެ ގިނަ ދުވަހު، އަޅުގަނޑު ހަޔާތުގެ އެންމެ ގިނަ މަސައްކަތް އޭރު ކުރީ އެމަނިކުފާނުގެ ޕްރެޒިޑެންސީ ކާމިޔާބުކޮށްދޭން ރެޔާ ދުވާލު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔާމީންގެ ކެބިނެޓްގެ މިނިސްޓަރެއްގެ ހައިސިއްުޔަތުން ވެސް އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް ވެސް ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ވަރިބަލި ކަމެއް ނެތި ކޮށްދެއްވި ކަމަށެވެ.
"އަޅުގަނޑު ފަހުން ވެސް ބުނިން ކޮންމެވެސް ރަށެއްގެ ޖަލްސާއެއްގަ ސިޔާސީ ދައުވާއެކޭ ކުރީ. އަޅުގަނޑު އައިސް އެންމެ ފުރަތަމަ، އަޅުގަނޑަށް ރައްޔިތުން ވޯޓުލައިގެން ހޮވި ރޭ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ކިޔަން ގުޅި ވަގުތު، ފުރަތަމަ ކޯލްގައި ވެސް އަޅުގަނޑު ބުނީ ރައީސް ޔާމީން ގެއަށް ގެނެސްދޭށޭ،" ރައީސް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެން، ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާ ވަގުތު ޕީޕީއެމްގެ ލީޑާޝިޕާ އެމަނިކުފާނު ބައްދަލުވާނެ އިންތިޒާމްތައް ހަމަޖައްސައިދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ރިކުއެސްޓަށް، މީހުންނަށް ގުޅައިގެން އެކަން ހަމަޖައްސައިދިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެމަނިކުފާނު މިނިވަންވެފަ އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށްލާފަ ހުރީ، ސިޔާސީ ނުފޫޒު ނުފޯރުވާތީ މިނިވަންކަމާއެކީގަ ކުރެވުނު ހުކުމަކު އެހެރީ މިނިވަންވެފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ އެއްވެސް މީހަކަށް ދައުވާއެއް ކުރުމަށް ވެސް އަދި ދައުވާއެއް ނުކުރުމަކަށް ވެސް އެމަނިކުފާނު ނުދަންނަވާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްސަލައިގައި ވެސް އަމަލު ކުރެއްވީ އެގޮތަށް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަން ރައީސް ޔާމީން ގަބޫލު ކުރައްވަވާނެ ކަމަށް އަޅުގަނޑު މީ އެމަނިކުފާނަށް އެންމެ އިހުލާސްތެރިކަމާއެކީގަ ފުރަތަމަ ދުވަހުން ފެށިގެން، މިނިސްޓަރަކަށް އުޅުއްވިއިރުގައި ވެސް މަސައްކަތް ކުރި މީހެއްކަން. ޖަލަށްލީމަ ވެސް މިނިވަން ކުރަން ވެސް ކުރި ހުރިހާ މަސައްކަތެއް ކުރީވެސް އެބޭނުމުގަ ކަން. މޭޔަރަކަށް ކުރިމަތިލައިގެން އެ އިންތިހާބު މާލެ ރައްޔިތުން އަޅުގަނޑަށް ވޯޓުދީ ހޯދައިދިނީމަ މާލޭގެ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގަ ވެސް ބެލީ ޕީޕީއެމްއަށް ރީތި ނަމެއް ހޯދައިދީ އެމަނިކުފާނަށް އޭގެއިން ރީތި ނަމެއް ލިބުން. އެކަމަކު ބޮލުގަ އެޅުނީ އެހެން ބަދުނާމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ ހަމަޔަށް ރައީސް އޮފީހުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ދިޔަ ކަމަށެވެ.
"ހަމަ ޔަގީން، ގެރެންޓީއަކީ، އަޅުގަނޑު ޗެލެންޖުކޮށްފަ މި ދަންނަވަނީ ޖުޑިޝަރީއަކީގައި ނުހުންނާނެ އެއްވެސް ފަނޑިޔާރެއް ގާޒީއެއް ނުކުމެފަ ވިދާޅުވާން ކެރޭނެ އަޅުގަނޑު ނުފޫޒު ފޯރުވާފަ ހުރި ކަމަކަށް އެއްވެސް ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ވ. އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ. ނަމަވެސް މި ވެރިކަމުގައި، މިދިޔަ އަހަރުގެ އޭޕްރީލް މަހު ހައިކޯޓުން ވަނީ މިނިވަންކޮށްފަ އެވެ. ކޯޓުން ވަނީ އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ.