އަސްކަރިއްޔާ އޮތީ އަޅާ ނުލައި، ގާބިލުކަން އިތުރުކުރަނީ އެހެން ކަންކަން ހުއްޓާލަފެއް ނޫން: ރައީސް

ރައީސް ވިދާޅުވީ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތެއް ނުކޮށް އޮންނަތާ 20-25 އަހަރުވެފައިވާ ކަމަށާއި އެއީ ކޮންމެ ސަރުކާރަކުން ވެސް އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް

ފާއިތުވި ސަރުކާރުތަކުގައި ދިވެހި އަސްކަރިއްޔާ އޮތީ އަޅާ ނުލައި ދޫކޮށްލާފައިވާ ކަމަށާއި، މި ސަރުކާރުން އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަނީ ގައުމުގައި ކުރަން ހުރި އެހެން ކަންކަން ހުއްޓާލާފައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތެއް ނުކޮށް އޮންނަތާ 20-25 އަހަރުވެފައިވާ ކަމަށާއި އެއީ ކޮންމެ ސަރުކާރަކުން ވެސް އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

"ސަރުކާރެއް ވިއްޔާ ޒިންމާއަކަށް ވާނެ އެ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަ ކުރުން. އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ކުރާކަށް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް، އަޅުގަނޑުމެންގެ މި ސަރަހައްދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކޮށް އޮންނަން. އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށް ވީމާ އަޅުގަނޑުމެންގެ ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭނެ. ކެޕޭސިޓީ ހުންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްއެންޑީއެފަށް ދާދި ފަހުން ހޯދި ޓޭންކަރުތަކަށް ބައެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ވެސް އެ މަނިކުފާނު މިއަދު ވަނީ ޖަވާބު ދެއްވައިފަ އެވެ.

"އެއްގޮތަކަށް ވެސް ޓޭންކަރުތަކެއް ހޯދީކީ ހަނގުރާމައަކަށް ނުކުންނާކަށް ނޫން. އަޅުގަނޑުމެން ޓޭންކަރު މި ހޯދީ ކުރީގަ ހުރި އެއްޗެހި ނުވެސް ދުވަނީ. ނުވެސް ދުވަނީ ހަމަ ހަގީގަތުގަ ވެސް. ލަދުވެތި ހާލަތަކަށް އަޅުގަނޑުމެންގެ އަސްކަރީ ހާލަތު އޮތީ ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް ވެސް އިންވެސްޓު ކުރުމާ އެކު، ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.