ޔުމްނު ވެއްޓުނު ހާދިސާ | ރައީސްގެ ހާއްސަ ކޮމިޝަނާއެކު އިތުބާރު ގާއިމްވާނެ

މި ކޮމިޝަންގެ ރައީސްއެއްގެ ގޮތުގައި ހުންނަވާނީ ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރު އެވެ.

ޔުމްނު ވެއްޓުނު 18/25 ގެ ހާދިސާ ތަހުގީގް ކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަންގެ މެންބަރުން

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ވެރިރަށް މާލެ އެއްކޮށ ނިދާފައި ވަނިކޮށް ސިހުން ގެނުވި އެއް ހާދިސާއަކީ މާލޭގެ އުސް އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާ އެވެ. އިރު އަރައިގެން އައިވަރަކަށް ހާމަވަމުން ދިޔައީ މި ހާދިސާއާ ގުޅުންހުރި އެތައް ކަމެކެވެ. މި ހާދިސާއާ މަސްތުވާ ތަކެއްޗާ ގުޅުންތަކެއް ހުރި ކަމެވެ. ސޯޝަލް މީޑިއާގައި އާއްމުވަމުން ދިޔަ ވާހަކަތަކާއެކު ތަފާތު ވާހަކަތަކެއް އުފަންވި އެވެ. އެއްބަރު ބުނާ ގޮތުގައި މި އަންހެން ކުއްޖާ ވައްޓާލީ އެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ވެއްޓުނީ އެވެ. މިއާއެކު ސުވާލު އުފެދިފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ 10:30 ވާން އުޅެނިކޮށް ފުލުސް އޮފީހުގައި "ނުރަސްމީކޮށް" ފުލުހުން ނޫސްވެރިންނާ ބައްދަލު ކުރި އެވެ. މީޑިއާގެ މަސައްކަތާ ގުޅުންހުރި އެއްވެސް އިލެކްޓްރޯނިކް ޑިވައިސެއް ވެއްދުން މަނާކޮށް ބައްދަލުކޮށް ދެއްކި ވީޑިއޯއިން ފެންނަން ހުރީ މަސްތުވެގެން ދެ ޒުވާނަކު އިމާރާތެއްގެ ތެރޭގައި އުޅޭ މަންޒަރެވެ. މި ދެ މީހުންނަކީ ހައްވާ ޔުމްނު ރަޝީދު 21،  އާއި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް އެވެ. ދެއްކި މަންޒަރުތަކުން ހާމަވެގެން ދިޔައީ ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ކަމަށެވެ. ފުލުހުން ބުނީ ޔުމްނު ވެއްޓިފައިވަނީ ފެންޓޯނިއާގޭގައި ހުރި ފެންލައިޓަކުންނެވެ. މިއާއެކު އިތުރު ސުވާލުތައް ޖަމާވި އެވެ. 

އެ ވަރުގެ ކުޑަ ދޮރަކުން މިވަރުގެ އަންހަކު ވެއްޓިދާނެ ހެއްޔެވެ ؟ އެ ޒުވާނާ ވައްޓާލީ ހެއްޔެވެ؟ މި މައްސަލާގައި އިތުރު ބައެއްގެ އަތެއްވޭ ހެއްޔެވެ؟ މި ހާދިސާ ހިނގި ގެއާ މިތަކުގައި އުޅުނު ދެ ޒުވާނުންނާ ގުޅުމެއް ވޭ ހެއްޔެވެ؟ 

ފުލުހުން ކުއްލިއަކަށް ތައްޔާރު ނުވެ އައިސް އާއްމުންނަށް ދޫކޮށްލި މައުލޫމާތުތަކާއެކު ސުވާލުތައް އިތުރު އާއްމުންގެ ބަޔަކު މަގުތަކަށް ނުކުމެ "ސިލްސިލާ" އެއްވުންތަކެއް ފެށި އެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ މި މައްސަލަ ތަހުގީގުކޮށް "ފޮރުވައިވާ" ސިއްރުތައް ހާމަކޮށް އިތުބާރު ގާއިމް ކުރަން ހާއްސަ ގަރާރަކުން ކޮމިޝަނެއް އުފައްދަވާފަ އެވެ. 

ކޮމިޝަންގެ މަގުސަދު - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން މި ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މި ކޮމިޝަނުގެ މެންބަރުން

  •  ޑޮކްޓަރު މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކުރީގެ ބަންޑާރަ ނައިބް)
  •  2. ބްރިގޭޑިއަ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން (ކުރީގެ ވައިސް ޗީފް)
  •  3. ޑޮކްޓަރު މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ (ކަށީގެ ހާއްސަ ޑޮކްޓަރު)

18/25 ގެ ހާދިސާ ތަހުގީގު ކުރަން މި ކޮމިޝަންގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބް ޑޮކްޓަރު މުޙައްމަދު މުނައްވަރެވެ.

ކޮމިޝަނަށް ލިބިދޭ ބާރުތައް

(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،
އެނޫން ވެސް މަޢުލޫމާތު ހޯދުން.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މި ކޮމިޝަނަކ ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 11/2025 ބަޔާންކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުނު 18/25 ހާދިސާ

ގ. ރަނައުރާގޭއާގޭ އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް އޭނާގެ ބަންދަށް މިހާރު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުންގެ ހިންގާ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ރޭ ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އަދި ފުލުހުން ހިންގެވުމާ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އައްޔަން ކުރައްވާފަ އެވެ. 


ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރި ތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ރޭ ވަނީ އަމުރު ކުރައްވައިފަ އެވެ. 

މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭ ތޯ ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އަންގަވާފައިވެ އެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.

ޔުމްނު އާދި ރައުދު ޑްރަގްސް އަށް ޓެސްޓު ކޮށްފައިވާއިރު އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި މި އާއްމުވެފައިވާ ވީޑިއޯތަކުންވެސް މި ދެ މީހުން މަސްތުވެގެން ތިބިކަން އެނގެ އެވެ. ޔުމްނު ވަނީ އިތުރު ފަރުވާ އަށް ރޭ މެލޭޝިއާ އަށް ފުރުވާލައިފަ އެވެ. މެލޭޝިއަން އެއާލައިންގެ ބޯޓެއްގައި އޭނާ އެ ގައުމަށް ގެންދަން ސަރުކާރުން ވަނީ ބޮޑު އެހީތެރިކަމެއް ދީފަ އެވެ. މި ގޮތުން އާއްމު ގޮތެއްގައި އެންސްޕާއިން ދެ މީހަކަށް ދެ ކޮޅު ޓިކެޓާއި 500 ޑޮލަރު ދިން ނަމަވެސް މިފަހަރު 12 މީހުންގެ ޓިކެޓާއި 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.