ރައުދުގެ ބަންދަށް ކޯޓުން ދީފައި ވަނީ ފަސް ދުވަހެވެ. ކުރު މުއްދަތެއް ޖަހާފައި ވަނީ ވަކީލާ ރައުދު ބައްދަލު ނުވާތީ ކަމަށް އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު މުހައްމަދު ޒިލާލްއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ފުލުހުން ކުރަނީ މީހަކު އުސްތަނަކުން ވެއްޓި ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ ތުހުމަތެވެ.
ފުލުހުން ރައުދު ހައްޔަރު ކުރީ އިއްޔެ އެވެ. މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ ޔުމްނު އާއި ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހު، އޭގެ މާ ގިނައިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭންގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައިއޯ ބުނި،" ފުލުހުންނާ ހަވަލާދީ ރައުދު ބަންދު ކުރަން މިއަދު ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތު އޭނާއާއެކު ހަރަކާތްތެރިވެފައިވާ ކަމަށާއި، ވެއްޓުނު ކަމަށް ބެލެވޭ ވަގުތަށްފަހު ޔުމްނު ހޯދަން އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ބަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ރައުދު ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
އަދި، އޭނާގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބަންދު މަޖިލީހުގައި ބުނެފައިވެ އެވެ.
އަމުރުގައިވާ ގޮތުން ރައުދުގެ ވަކީލު ވަނީ އޭނާ އަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މީހެއްކަން އެ މަޖިލީހުގައި ބުނެފަ އެވެ. އަދި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާކަން ވެސް ވަކީލް ފާހަގަކޮށްފައިވެ އެވެ.
ރައުދުގެ ބަންދަށް ކޯޓުން ދީފައި ވަނީ ފަސް ދުވަހެވެ. ކުރު މުއްދަތެއް ޖަހާފައި ވަނީ ވަކީލާ ރައުދު ބައްދަލު ނުވާތީ ކަމަށް އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނީ ރައުދު އެވެ. އޭނާ ވެއްޓުމަށްފަހު ގާތްގަނޑަކަށް 30 މިނެޓެއް ހާއިރު ޔުމްނު ހޯދަން އުޅުމަށްފަހު ރައުދު ވަނީ އެގެއިން ގޮސްފަ އެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.