އެސްޓީއޯގެ ފުރިހަމަ މަސައްކަތެއް | ރާއްޖޭގައި ރޭޑިއޯގްރަފަރުން ތަމްރީންކޮށް ވަޒީފާއަށް

އެސްޓީއޯއިން ހުޅުވާލުމުން މި ޕްރޮގްރާމަށް 95 އެޕްލިކޭޝަންއެއް ލާފައިވެ އެވެ. އަދި 25 ކުދިން ޕްރޮގްރާމަށް ނަގައި 23 ކުއްޖަކު ވަނީ ގްރެޖުއޭޓްވެފަ އެވެ.

އެސްޓީއޯއިން ތަމްރީންކުރި ރޭޑިއޯގްރަފަރުންގެ ގްރެޖުއޭޝަން ހަފުލާގައި ފޮޓޯއަކަށް ހުއްޓިގެން

ޖެނެރަލް އިލެކްޓްރޯނިކްސް (ޖީއީ) ހެލްތްކެއާ އިން 2018 ގައި ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށެވެ. މި ދިރާސާ އިން އިތުރަށް ހާމަވެގެން ދިޔައީ ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީންކަމެވެ. 

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި ހިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދު އެސްޓީއޯ އާއި ޖީއީ ހެލްތްކެއާ ގުޅިގެން ކޯހެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ފަހުމުނާމާގައި ސޮއިކުރުން

އެސްޓީއޯއަކީ ޖީއީ ހެލްތްކެއާގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްދޭ ކުންފުންޏެއް ކަމަށްވުމާއެކު އަދި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތަކަށްވާތީ ޖީއީ ހެލްތްކެއާ އާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމުނެވެ. މިގޮތުން 2018 ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ.

އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް ގާއިމްކުރުން

ކޯސް ހިންގުމަށްޓަކައި އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް ގާއިމުކޮށް، 2019 ވަނަ އަހަރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވުނެވެ. ހަމަ އެ އަހަރުގެ ފެބްރުވަރީ މަހު ކޯހުގެ މުޤައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ ހޯދުނެވެ.

ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމިއެވެ. މީގެ އިތުރުން، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށް ހަމަޖެއްސުނެވެ. ކޯސް ރަސްމީކޮށް އިޢުލާންކޮށް ހުޅުވާލެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކޯހަށް ބައިވެރިން ހޯދުން

މި ކޯހާ ގުޅޭ މަޢުލޫމާތު ފެތުރުމަށްޓަކައި މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ޓީވީ ރޭޑިއޯ އަދި އިޖުތިމާޢީ މީޑިއާގެ ބޭނުން ހިފުމުގެ އިތުރުން، އެސްޓީއޯގެ މުވައްޒަފުން އެކި ރަށްރަށަށް ޒިޔާރަތްކޮށް ރޭޑިއޯގްރަފީ ދާއިރާއާ ބެހޭ މަޢުލޫމާތު ސެޝަންތައް ހިންގިއެވެ.


މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކޯހަށް ކުރިމަތިލުމުގެ މުއްދަތު ނިމުނުއިރު ޖުމްލަ 94 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅިއެވެ. ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންޓްރެންސް އިމްތިހާނެއް ބޭއްވުނެވެ. އިމްތިހާނުން ފާސްވި ފަރާތްތަކާއެކު އިންޓަވިއުތަކެއް ބޭއްވުމަށްފަހު، އެންމެ އެކަށޭނަ 25 ދަރިވަރުން ހޮވުނެވެ. 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، ހޮޓެލް ޖެންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ކޯހުގެ ފެށުން ފާހަގަކުރެވުނެވެ. މި ރަސްމިއްޔާތުގައި ކޯހަށް ހޮވުނު ދަރިވަރުންނާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

ކޯހުގެ ކިޔެވުން ފެށުން


މި ކޯހުގެ ކިޔެވުން ފެށީ 2022 އޮކްޓޯބަރުގައި ދަރިވަރުނާ އެކުގަ އެވެ. އެސްޓީއޯ އަދި ޖީއީގެ އުންމީދުތައް ހަގީގީތަކަށް ވެގެންދިޔައެވެ. މި ކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ދެ އަހަރުގެ ނަޒަރީ ތަމްރީނާއި 6 މަސްދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ. ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯ އިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައި.ޖީއެމްއެޗާއި އޭޑީކޭ، ސެނަހިޔާ މިލިޓަރީ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުން ހެދުނެވެ. އަދި 2022 ޑިސެންބަރުގައި ފުރަތަމަ ކްލިނިކަލް ސެޝަންތައް ފެށި 2024 އޮގަސްޓްގައި ދަރިވަރުންގެ ކިޔެވުން ނިމުނެވެ. 

އިންޓަރންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމާ ކެއާ ޕްރޮގްރާމެއް ހިންގުނެވެ. އަދި މި އަހަރުގެ ފެބްރުވަރީގައި އިންޓާންޝިޕް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރެވުނެވެ. އިންޓަރންޝިޕްގެ މުއްދަތުގައި ދަރިވަރުންގެ އިލްމީ ފެންވަރާއި ހޭލުންތެރިކަމުގެ މިންވަރު ރަނގަޅުކަން ކްލިނިކަލް ސުޕަވައިޒަރުންގެ ތަޢުރީފުން ހާމަވެގެންދިޔައެވެ. މިއީ ކޯހުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ހެއްކެކެވެ.

ކޯހުގެ ކާމިޔާބީ

ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފަ އެވެ. މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކު ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެކެވެ. ނަމަވެސް، މި ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާކަން ވަނީ ފާހަގަކުރެވިފައެވެ. ދިވެހި މުޖުތަމަޢުއަށް މުހިންމު މިފަދަ މަޝްރޫޢެއްގެ ތެރެއިން ޤާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަޚުރެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ބިނާކުރަނިވި ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ދަނީ ތައްޔާރަށް ތިބެގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.