އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒުވާން އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި ދެ ފަރާތަކަށް ފިޔަވަޅު އަޅައިފި އެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މިއަދު އެ މަގާމުން ވަކިކޮށްފަ އެވެ.
އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.
ދާއޫދަކީ ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނަ ފަރާތެވެ. އެ ކޮމެޓީން އޭނާ އިސްތިއުފާ ދޭން ހުށަހެހުމުން، އެ ކޮމެޓީން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މި ދެ މީހުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ހުކުރު ދުވަހުގެ ދަންވަރު މއ. މާންދޫގޭދެކުނު ގޭގައި ކުރިއަށް ގެންދިޔަ "ޕާޓީ" ގައި މި ދެ މީހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެ ޕާޓީގައި މަސްތުވާތަކެތި ވެސް ބޭނުންކޮށްފައިވެ އެވެ.
މިނިސްޓަރު އަމީންގެ ގޭގައި "ޕާޓީ" ކުރުމަށްފަހު ޒުވާނުންތަކެއް އެރޭ ދަންވަރު މަސްތުގެ ހާލަތުގައި އެގެއިން ނުކުމުގެން ދިއުމަށްފަހު އެމީހުން ބައިބައިވެ، އެތަނުން އަންހެނަކާއި ފިރިހެނަކު ގެއަކަށް ވަދެ އުޅެނިކޮށް އަންހެން ކުއްޖާ ވަނީ ޖެހިގެން ހުރި ގުދަން އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފަ އެވެ.
ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ޔުމްނު ފުރާޅު މައްޗަށް ވެއްޓުނީ ޖެހިގެން ހުރި ގޭގެ ފެންލައިޓުންނެވެ. ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އެގޭތެރޭގައި އުޅުނީ ރައުދު އަހުމަދު ޒިލާލް، 21 އެވެ.
މިނިސްޓަރު އަމީން ވަނީ އެރޭ އެގޭތެރޭގައި "ގެދަރިން" އެއް ކުރިއަށް ދިޔަ ކަމަށާއި، އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން ބައިވެރިވެފައިވާ ކަމަށް ރޭ ވިދާޅުވެފަ އެވެ. ނަމަވެސް އެގޭތެރޭގައި ކަމެއް ހިނގައިދިޔަކަން އެނގުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.