މި ސަރުކާރު އައިއިރު ހުރީ މާލޭ ހުކުރު މިސްކިތުގެ އަސްލު ގެއްލޭ ގޮތަށް ބަދަލު ގެނެސްފައި: މިނިސްޓަރު

"މި ސަރުކާރަކުން ތަނުގެ އަސްލު ގެއްލޭ އެއްވެސް ތަނބެއް ޖަހާފައެއް ނުހުންނާނެ. އަޅުގަނޑުމެން އައިއިރު އެ ތަނބުތައް ހުރީ ޖަހާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު މަޖިލީހުގައި --

މި ސަރުކާރު ވެރިކަމަށް އައިއިރު މާލޭގެ ހުކުރު މިސްކިތުގެ އަސްލު ގެއްލޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުކުރު މިސްކިތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރު މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ.

މެންބަރު ކުރެއްވި ސުވާލުގައި ވިދާޅުވެފައި ވަނީ ހުކުރު މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް ތަނބުތަކެއް ޖަހައި، އަދި އެތަނުގެ މަރާމާތު ވެސް މި ސަރުކާރު އައި ފަހުން ހުއްޓާލާފައިވާ ކަމަށެވެ. 

މެންބަރަށް ޖަވާނު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލާފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. މި ސަރުކާރު އައުމުގެ ހައެއްކަ މަސް ކުރިން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

"މި ސަރުކާރަކުން ތަނުގެ އަސްލު ގެއްލޭ އެއްވެސް ތަނބެއް ޖަހާފައެއް ނުހުންނާނެ. އަޅުގަނޑުމެން އައިއިރު އެ ތަނބުތައް ހުރީ ޖަހާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަޑައިގަތީ ތަނަށް ލިބިފައި ހުރި ގެއްލުންތައް ގެންނަ ފޮޓޯތަކެއް ވެސް ހިއްޕަވައިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ ބެރިތައް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެ ގެއްލުންތައް ލިބިފައި ވަނީ ބޭނުންކޮށްފައި ހުރި މެޓީރިއަލްގެ ސަބަބުން ކަން ފާހަގަކުރެއްވި އެވެ.

އިތުރު ފޮޓޯއެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި ހަލާކުވެފައިވާ ކަމަށެވެ.

"އެހެންވީމަ މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފަ. ނަމަވެސް އެ ގެއްލުން ލިބިފައިވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން، އިހުމާލުވެފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިރިގަލުން ހަދާފައިވާ ހުކުރު މިސްކިތަކީ މުހިންމު ތަރިކަ އެކެވެ. މި މިސްކިތަކީ 1648 ވަނަ އަހަރު، އިބްރާހިމް އިސްކަންދަރު 1 ގެ ރަސްކަމުގައި ބިނާކުރި، މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތެވެ. އެތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ވަނީ ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.