މި ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ހަމަލާތައް ނިމެންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން މިއަދު ފާސްކޮށްފި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ މޭ މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ. އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ހަމަލާތައް ނިމެންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އޭނާ ހުށަހެޅުއްވީ އޮކްޓޯބަރު 07، 2023 އިން ފެށިގެން އިރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް މެދުކެނޑެންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަކީ މަނާ ކަމެއް ކަމަށް އެ ގާނޫނުގެ އަށްވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
ޝާހިދު ހުށަހެޅުއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވަނީ ތާއީދު ކުރައްވާފަ އެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމެޓީގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާހުން ވަނީ އެގޮތަށް ފާސްވެފަ އެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި، ޑުއަލް ސިޓިޒެންޝިޕް ގެންގުޅޭ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭނެހެން ޕާސްޕޯޓު މަނާ ކުރުމަށް އޮތް ބައި ވަނީ އުނިކޮށްފަ އެވެ. އެގޮތަށް އުނިކޮށްފައި ވަނީ އިމިގްރޭޝަނުން އެދުމުންނެވެ.
މި ބިލާ ގުޅޭ ގޮތުން އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންގެ ޕާސްޕޯޓް މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑުއަލް ސިޓިޒެންޝިޕް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް އެ އިދާރާގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.