ދިވެހި ބަހުގެ އަދީބު މަޑުލު ވަހީދު އަވަހާރަވެއްޖެ

އުމުރުފުޅުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ، ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މަޑުލު ވަހީދު. --ފޮޓޯ: ސަން

ދިވެހި ބަހުގެ އަދީބު އަދި ނޫސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ، ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މަދްރަސީ ދައުރުގައިވެސް މަޑުލު ވަހީދަކީ، ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭރު ވަހީދުގެ ލިޔުއްވުންތައް ފެނިގެން ގޮސްފައިވަނީ ހޯރަފުށީ ވަހީދުގެ ނަމުންނެވެ. ވަހީދަކީ ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތައް ފޮރުވުމެއްނެތި ލިޔުއްވުމަށް ޝައުގުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. 

ހަބަރު ލިޔުއްވުމުގެ ތަމްރީނު ހޯއްދެވީ އިންޑިއާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިއާއިންނެވެ.

މަޑުލު ވަހީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 1966 ވަނަ އަހަރު ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމުންނެވެ. ސަރުކާރުގެ ހިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެ އެވެ. ފުރުއްވާފައިވާ އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ބޭރު ހަބަރު ލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމު ހިމެނެ އެވެ. 

މީގެއިތުރުން، ނުރަސްމީ ތައުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަގާމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަގާމާއި، ހާއްސަ މުޝީރު ކަމުގެ މަގާމު ހިމެނެ އެވެ.

މަޑުލު ވަހީދަކީ، ރާއްޖޭގެ ބައެއް ސްކޫލްތަކުގައިވެސް ކިޔަވައިދެއްވި މުދައްރިސެކެވެ. އަދި ރައީސް އޮފީހުން 1980ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ހިންގެވި ވަޒީފާގެ ތަމްރީނު ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފަ އެވެ. މީގެއިތުރުން، އެކިއެކި މަސައްކަތު ބައްދަލުވުންތަކާއި، އެކިއެކި ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފަ އެވެ. ރާއްޖޭގައި ފުރަތަމަ ތާނަ އަކުރުން ޓައިޕްކުރަން ދަސްކޮށްދެއްވުމުގެ ކޯސްތައް، ސަރުކާރުން ހިންގަވަން ފެއްޓެވިއިރު، އެ ކޯސްތަކުގައި ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައިވެސް ވަޙީދު ހިމެނިވަޑައިގެންނެވި އެވެ. 

މަޑުލު ވަހީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެ އެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުއްވައިލެއްވި ފޮތް ލިޔުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯއްދަވާފަ އެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު، މަޑުލު ވަހީދަށް ލިބިވަޑައިގެންފައިވަނީ 2019 ވަނަ އަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.