ދަރަނި ދެއްކުމުގެ ގާބިލްކަން މައްޗަށް | ތިން މަސްތެރޭ 145 މިލިއަން ޑޮލަރު

ލޯނުތައް އަދާ ކުރުމުގެ އިތުރުން އާއްމުކޮށް ރާއްޖޭން ކުރަން ޖެހޭ ހަރަދުތައް ވެސް ކޮށްފައިވަނީ ރިޒާވުންނެވެ. މި ގާބިލްކަން އިތުރުވީ އަމިއްލަ އަށް ގައުމުގެ ރިޒާވް އިތުރު ކުރަން އެޅި ފިޔަވަޅުތަކުންނެވެ.

ރާއްޖޭގައި ލޯނު ނަގައިގެން މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް

ދަރަނި އަދާ ކުރުމުގައި މީގެ ކުރިން ފެންނަނީ ދެ އަދަަނި ދައްކަން އިތުރު ދަރަންޏެއް ނަގާތަނެވެ. މިގޮތުން އެންމެ މަޝްހޫރުވި އެއް ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ 200 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" އަދާކުރަން ރައީސް ސޯލިހުގެ ސަރުކާރުން ބޮޑު އިންޓްރެސްޓުގައި ނެގި 500 މިލިއަން ޑޮލަރުގެ ލޯނެވެ. އޭގެ ފަހުން ވެސް ސުންގަޑި ހަމަވާ ލޯނު ދައްކަން ރާއްޖޭން ޖެހެނީ ބޭރުގައި އާދޭސް ކުރާށެވެ. އެކަމަކު ރާއްޖޭން މިހާރު މަތިކުރަމުން ގެންދާ ދަރަނި ދެއްކުމުގެ ގާބިލްކަމާއެކު ބޭރުން ދަރަނި ނުނަގައި އަމިއްލައަށް ދަރަނިތައް އަދާ ކުރުމުގެ ގާބިލްކަން ރާއްޖޭން ގާއިމް ކުރާ ތަނެވެ 

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވާރުތަވެފައިވާ ލޯނު ދައްކަން މި އަހަރުގެ މިހާތަނަށް 160 މިލިއަނެއްހާ ޑޮލަރު ވަނީ މި އަހަރު އެކަނި ހޭދަކޮށްފަ އެވެ. އަދި މީގެތެރޭން މިދިޔަ ތިން މަސް ދުވަހު އެކަނި 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ދައްކާފަ އެވެ. 

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ދެއްކި އެންމެ ބޮޑު އެއް ލޯނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ. މި ލޯނަކީ 2022 ގައި ކާގިލް ފައިނޭންސުން ނެގި ލޯނެކެވެ. މި ލޯނު އޭރުގެ ސަރުކާރުން ނެގީ ބަޖެޓު ވަރަށް ބޮޑަށް ތާށިވެ މެނޭޖުކުރަން ދަތިވުމުންނެވެ. މިއީ 7.15 އިންޓަރެސްޓު ރޭޓުގެ ލޯނެކެވެ. 

މި ލޯން ތިން އަހަރު ތެރޭ ދައްކާ ހަލާސް ކުރަން ޖެހެ އެވެ. އޭރުގެ ރޭޓުން ބަލާނަމަ މި ލޯނަށް އިތުރަށް ސަރުކާރުން 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާއެކު ދައްކާފައިވެ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ސަރުކާރަކުން ނެގި އެންމެ އިންޓްރެސްޓް މަތި އެއް ލޯނެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި ލޯނު ސަރުކާރުން ދައްކާފައިވަނީ ލޯނުގެ އިންޓްރެސްޓް އާދަޔާހިލާފަށް ބޮޑުވުމުންނެވެ. ދައްކަން ކުރު މުއްދަތެއް ލިބޭ ގޮތަށް ނަގާފައިވާ މި ލޯނުގެ އިންޓެސްޓް ރޭޓް ހުރިހާ ފީތަކާއެކު 12 ޕަސެންޓަށް އަރަ އެވެ. މިއީ ދިވެހި ސަރުކާރަކުން މިހާތަނަށް ނެގި އެންމެ އިންޓްރެސްޓް ބޮޑު އެއް ލޯނެވެ. މީގެ އިތުރުން ހިމެނޭ 45 މިލިއަން ޑޮލަރުގެ ލޯނަކީ ވެސް ކުރިން ނެގި އަދި ސުންގަޑި ޖެހެން ކައިރިވެފައި އޮތް ދެ ލޯނެވެ. އެއީ 20 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ލޯނެކެވެ. 

ލޯނު ދެއްކުމުގެ ގާބިލްކަން މަތި ކުރީ ކިހިނެއް ؟

ރާއްޖޭން އެހެން ބައެއްގެ ކައިރީ ސަލާން ނުޖަހައި ލޯނުތައް ދެއްކުމުގެ ގާބިލްކަން މަތިކުރީ ރިޒާވް މެނޭޖު ކުރުމަށް ގެނައި ބަދަލާއެކުގަ އެވެ. ހާއްސަކޮށް ބޭންކިން ނިޒާމަށް ޓޫރިޒަމް ސެކްޓަރުން ޖަމާ ކުރަން ފެށުމާއެކު ރިޒާވް ވަނީ އިތުރުވެފަ އެވެ. މިއާއެކު އާއްމުކޮށް ރާއްޖޭން ކުރާ ތެޔޮ ގަތުން ފަދަ ކަންކަމަށް ހަރަދު ކުރުމުގެ އިތުރުން ލޯނު ދެއްކުމުގެ ކެޕޭސިޓީ ވެސް ވަނީ އިތުރުވެފަ އެވެ. 

ޕީއެސްއެމް އާއި ރައީސް އޮފީސް ގުޅިގެން ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާތަނަށް 150 މިލިއަން ޑޮލަރު ވަނީ ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. މިކަމަށްޓަކައި ޓޫރިޒަމް ވިޔަފާރިވެރިން ދެއްވާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"ޓޫރިޒަމް ވިޔަފާރީގެ 95 ޕަސެންޓުން މާރުކޮށްފި. ބާކީ ހުރި ފަސް ޕަސެންޓް ވެސް ކުރާނެ. އެ ބޭފުޅުންނާއެކު ކުރިއަށް މިދަނީ. ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ލިބޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ބަދަލެއް މި ދާއިރާ އިން ފެންނަން ފަށާނެ އެވެ. މިގޮތުން އެއް ބަދަލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ޑޮލަރުގެ ޕެރެލަލް ބާޒާރަށް ބަދަލު އަންނަތަން ފެނުމެވެ. އެކަމަށްފަހި ކުރަން މި އަހަރުގެ މެދުތެރޭން ފެށިގެން ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން އެއްކޮށް ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ކަންކަން ހަމަޖެހިގެންދާން ޖެހޭ. މިހާތަނަށް އެސްއޯއީތަކުން ބްލެކް މާކެޓުން ޑޮލަރު ގަންނަން މި ޖެހެނީ. މިހާރު އެކަން މިއޮތީ ކުޑަވެފަ. އެކަމަކު އެކަން ގާތްގަނޑަކަށް ހުއްޓިގެންދާނެ މެދުތެރޭ ހިސާބު،" ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ލޯނު ދައްކަން 3,8 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 845.3 މިލިއަން ރުފިޔާ އެވެ. އެެހެންވެ މިހާރު ލޯނު ދައްކަން ހަރަދުކޮށްފައިވާ 2.4 ބިލިއަން ރުފިޔާއަކީ ބޮޑު އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.