އެމްއޭސީއެލް ބުނި ގޮތުގައި މި ވިޔަފާރި ކުރިއަށް އޮތް ދުވަސްތަކުގައި ފުޅާ ކުރަން އިތުރު މަސައްކަތްތަކެއް ކުރާނެ އެވެ.
ކަނޑުމަގުން ވިޔަފާރި ބަނދަރަށް ގެންނަ މުދާ ވައިގެ މަގުން ބޭރު ކުރުމަށް މިދިޔަ އަހަރު ފެށި ސީޓު އެއާ ވިޔަފާރީގައި 12 އެއާލައިނެއް ހަރަކާތްތެރިވާއިރު މި ވިޔަފާރި 300 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެއިރޯޑްރޯމް މެނޭޖްމަންޓު ޑިޕާޓްމަންޓް އަދި ކަގޯ ޑިޕާޓްމަންޓުގެ ހެޑް މަހްމޫދާ ޝަރީފު ވިދާޅުވި ގޮތުގައި ކުރިއާ އަޅާބަލައިރު މި ވިޔަފާރި މިހާރުވަނީ 300 ޕަސެންޓް އިތުރުވެފަ އެވެ. އަދި މި ވަރުގެ އިތުރުވުމެއް އައުމުގެ މައިގަނޑު ސަބަބަކީ ރަނގަޅު ވަގުތުގައި މި މަސައްކަތް ފެށުމާއި މިކަމުގައި ރާއްޖެ އޮތް އެޑްވާންޓޭޖުތައް ގިނަވުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ނަސީބު ވަރަށް ރަނގަޅު. މި އޭރިޔާގައި އަޅުގަނޑުމެން މިތިބީ ވަރަށް ޔުނިކް ޕޮޒިޝަނެއްގައި.މިއާއެކު ކައިރި ގައުމުގައި ހުރި ދަތިތަކާއެކު އަޅުގަނޑުމެންނަށް ވަރަށް ފައިދާވޭ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މުސްތަގްބަލުގައި މި ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަމާއެކު މި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީ ޓު އެއާ ކާގޯއަކީ އެމްޕީއެލް އާއި އެމްސީއެލް އަދި އެހެނިގެން ވުޒާރާތައް ގުޅިގެން ފެށި ވިޔަފާރިއެކެވެ. މި ވިޔަފާރިން އެތައް ހާސް ޓަނެއްގެ މުދާ ކޮންމެ މަހަކުވެސް ރާއްޖޭން ބޭރު ކުރެ އެވެ. މިގޮތުން ބޭރުކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ.