ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި އައިޑީ ކާޑު ހައްދައި ދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން ބުނެފި އެވެ.
ޑީއެންއާރުން ބުނީ، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީ ކާޑު ހައްދައި ދިނުމުގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އާންމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިގޮތުން މެލޭޝިޔާ، ސްރީލަންކާ، އިންޑިޔާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރުން މިހާރު ވަނީ ރާއްޖޭގެ އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފަ އެވެ.
މިގޮތުން، އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގަ އެވެ.
ޑީއެންއާރުން މިހާރު ވެސް 15 ރަށެއްގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތަށް ގެނެސްދިނުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ރައްޔިތުންނާ ގާތުން މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިހާރު ގާއިމުކޮށްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.