ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެންނަން އާންމުންގެ ހިޔާލު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިޔާގައި ހުޅުވައިލެއްވި ޕޯލްގައި ގިނަ ބަޔަކު ތާއީދުކުރީ، 2000 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރާށެވެ.
ރާއްޖޭގެ ތާރީހުގައި ރައީސްކަމުގައި ހުންނެވި ބޭފުޅަކު ސޯޝަލް މީޑިޔާ މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯއްދަވަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިލެއްވި ޕޯލްގައި ރައީސް މުއިއްޒު ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފަ އެވެ.
މިއަދު މެންދުރު ވޯޓު ދިނުމުގެ ފުރުސަތު ބަންދުވިއިރު، އެކްސްގައި ހުޅުވައިލެއްވި ޕޯލްގައި 5،500 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ. މިގޮތުން، ވޯޓުލީ މީހުންގެ 51.1 ޕަސެންޓު މީހުން ބޭނުންވަނީ ދުންފަތް މަނާކުރުމުގެ ފިޔަވަޅު 2000 ވަނަ އަހަރު އުފަންވި ފަރާތްތަކުން ފެށިގެން ތަންފީޒު ކުރާށެވެ.
ފޭސްބުކް ޕޯލްގައި ވެސް 5،000 އެއްހާ މީހުން ވޯޓުލާފައިވާއިރު، 72 ޕަސެންޓު މީހުން ހިޔާރުކުރީ ވެސް އެ ގޮތެވެ. އިންސްޓަގްރާމްގައި ނެގުނު ޕޯލްގައި 45 ޕަސެންޓު މީހުން ތާއީދުކުރީ 2000 ވަނަ އަހަރުން ފެށިގެން ޖެނެރޭޝަނަލް ބޭން ގެންނާށެވެ.
ރައީސްގެ ވިސްނުންފުޅަކީ، މިހާރު 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާތާ މާގިނަ ދުވަހެއް އަދި ނުވާނެތީ، އެ މީހުން ދުންފަތުގެ ވަބާއިން ދުރުކުރުވަން ފަސޭހަވާނެތީ މި ފިޔަވަޅު އަޅުއްވާށެވެ.
"އަޅުގަނޑު ހަގީގަތުގަ ވެސް މިއުޅެނީ މި މައްސަލަ ހައްލުކުރަން. އަޅުގަނޑުމެންގެ ޅަ ދަރިން، ތުއްތު ކުދިން ހާއްސަކޮށް މި ނުރަގަޅު އާދައިގެ ތެރެއަށްދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ސަރުކާރުގެ ޒިންމާތަކެއް އެބައޮތޭ އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވެފައިވެ އެވެ.
އެ ބޭން ގެންނަން ހެލްތު މިނިސްޓްރީން މިހާރު ވަނީ ޔުނިސެފް އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.