ރިވިއު ކުރީ އޭރުގެ ގައިޑްލައިނާ އެއްގޮތަށް | ފްލެޓް ލިސްޓާ ގުޅުވައި ކުރާ ތުހުމަތުތައް ދޮގުކޮށްފި

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ދޫކުރަން ނިންމި 4000 ފްލެޓަށް ޝަރުތު ހަމަވާ ލިސްޓު ރިވިއުކޮށްފައިވަނީ، އޭރުގެ ހައުސިން ކޮމިޓީން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ބުނެފި.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް -- ފައިލް ފޮޓޯއެއް

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ދޫކުރަން ނިންމި 4000 ފްލެޓަށް ޝަރުތު ހަމަވާ ލިސްޓު ރިވިއުކޮށްފައިވަނީ، އޭރުގެ ހައުސިން ކޮމިޓީން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ބުނެ، ރިވިއު ކޮށް ނެރެފައިވާ އާ ލިސްޓާ ގުޅޭގޮތުން ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ސަރުކާރުން އާންމުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. މިގޮތުން، އުސޫލާ ހިލާފަށް ގިނަ ބަޔަކު އުނިކޮށްފައިވާ ކަމަށާއި، ލިސްޓުގައި ނުހިމެނޭ ބަޔަކަށް ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވުމާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެތައް ބަޔަކު އުސޫލާ ހިލާފަށް ލިސްޓުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.

އެ ތުހުމަތުތަކަށް ރައްދު ދީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިވިއު ކުރުމުގެ ތެރެއިން ބަލާފައިވަނީ ކުރީގެ ސަރުކާރުން އާންމު ކުރި ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވެފައިވާ މީހުންގެ ފޯމުތައް އެކަނި ކަމަށެވެ.

އެގޮތުން، ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް، ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 75 ޕޮއިންޓުން މަތިން ލިބޭ ފަރާތްތަކަށް ކަމަށާއި، ދެ ކޮޓަރީގެ ފްލެޓް ލިބޭނީ 73 ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެޔާއެކު، މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުން ކަމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ސައްހަ އަދި ހުށަހަޅަން ޖެހޭ އެންމެހާ ލިޔުންތައް ހުށަހަޅާފައިވާ މީހުން ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ހިމަނާފައިވާނޭ ކަމަށް ބުންޏެވެ.

ލިސްޓުގައި ނުހިމެނޭ ބަޔަކަށް ފްލެޓު ދިން ކަމަށް އެމްޑީޕީން ތުހުމަތުކުރިޔަސް، ހައުސިން މިނިސްޓްރީން ބުނީ، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް މީހަކަށް ފްލެޓު ކަނޑައަޅާފައިނުވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހެއްގެ، ލިޔެކިޔުންތައް ހަމަނަމަ، އެ މީހެއް ޑިސްކޮލިފައިނުވާނެ ކަމަށެވެ. 

އެ ބަޔާނުގައި ބުނީ އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާ ނަމަ، އެ ބަދަލު އައިސްފައިވާނީ ދީފައިވާ މައުލޫމާތާ ހިލާފަށް ޕޮއިންޓު ދީފައިވާ ނަމަ ކަމަށެވެ. އެކަން ޕޯޓަލް އިން އެނގެން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުގައި މިދިޔަ މަހުގެ 27 ވަނަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތޮލިބު ވިދާޅުވީ އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 ގެ ތެރެއިން 2695 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި ބާކީ ތިބި 424 މީހުންނަކީ ވެރިފިކޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބޭ މީހުން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި އިތުރު މައްސަލަތަކުގެ ތެރޭގައި؛

  • ދެ ކޮޓަރީގެ ފްލެޓް: ފެލްޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 1218 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 73 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓް ލިބެނީ 397 މީހުންނަށް
  • ތިން ކޮޓެރީގެ ފްލެޓް: ފްލެޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 3721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 75 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓު ލިބެނީ 1423 މީހުންނަށް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.