ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވައިފި

ސުއޫދު ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވީ، މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާ އެކު އެކަން ހުއްޓުވަން ސަރުކާރުން ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު: ސުއޫދު މިއަދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައި.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލުން ހުއްޓުވަން، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައި، ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ފެށުމަށް ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެލުމުގެ އިހުތިސާސެއް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން އިއުތިރާޒް ކުރި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

އޭގެފަހުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު އިސްލާހެއް ހުށަހެޅުއްވި އެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ. 

ނަމަވެސް، ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު އެ އިސްލާހު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

އެ އިސްލާހު ފާސްކުރުމުގެ ކުރިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސުއޫދުގެ އިތުރުން، އެންމެ މަތީ ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފަ އެވެ. ޖޭއެސްސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ދަނީ އެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއް ކަމަށް ސާފެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސުއޫދު ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވީ، މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާ އެކު އެކަން ހުއްޓުވަން ސަރުކާރުން ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

ގާނޫނުއަސާސީއާ ހިލާފަށް ރައީސް މުއިއްޒު އިސްވެ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އިސްތިއުފާ ދެއްވީ ކަމަށް އެ ސިޓީގައި ސުއޫދު ވިދާޅުވި އެވެ. 

ރައީސް މުއިއްޒުއަށް މި ތުހުމަތުތައް ސުއޫދު އަމާޒުކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކުރި އިސްލާހު، އެ މަނިކުފާނު އަދި ތަސްދީގެއް ނުކުރައްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.