އައްޑޫގައި ހުރީ އާ އިންޖީނުތަކެއް، އެކަމަކު އެއަށް ލައްވާފަ ހުރީ ފޭކް ސްޕެއާ

ނާޒިމް ވިދާޅުވީ އަބަދުވެސް އައްޑުއަށް އިންޖީނުތައް ގެންނަ ކަމަށާ އެކަމަކު ކަރަންޓުގެ މައްސަލައަށް ހައްލު ލިބިފައި ނެތް ކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ

އައްޑޫ ސިޓީގައި ބަހައްޓާފައިހުރީ އާ އިންޖީނުތަކެއް ކަމަށާ ނަމަވެސް އެއަށް ލައްވާފަ ހުރީ މުޅިން ފޭކް ސްޕެއާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 

އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން ފެނަކަ ކުންފުނިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސާފު ކުރަން ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އައްޑޫގައި ބަހައްޓާފައި ހުރީ ނުލާހިކު އާ އިންޖީނު ތަކެއް ކަމަށާ ނަމަވެސް އެއަށް ލައްވާފަ ހުރީ މުޅިން ފޭކް ސްޕެއާ ކަމަށެވެ. އެ އިންޖީނުތަކުގައި އަހާ އަވަހަށް މައްސަލަ ޖެހުނީ އެހެން ވެގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. 

"އައްޑޫގެ މައްސަލަ ދޭތެއަކުން ފެންމަތިވަމުންދޭ. އެ އިންޖީނު ގެންނާނެ، މި އިންޖީނު ގެންނާނެ. ނުލާހިކު އާ އިންޖީނުތަކެއް އެތަނުގައި ބަހައްޓާފައި ހުރީ. ސްޕެއާ ނުލައްވައި ހިންގަމުން ހިންގަމުން ގޮސް ހުއްޓެންދެން ހިންގާފަ ހުރީ. އެންމެފަހުން ހުއްޓިގެން ގެނައި ޗައިނާ އިންޖިނޭރު ބުނީ އެއަށް ލައްވާފަހުރި އެއާ ފިލްޓަރު ތަކަކީ ވެސް ފޭކު ކަމަށް. ފޭކް ސްޕެއާ ކަމަށް. އެ ސީޒްވީ ފޭކް ސްޕެއާ ލައްވައިގެންނޭ،" ނާޒިމް ވިދާޅުވި އެވެ. 

އެމްޕީ ނާޒިމް ވަނީ މަޖިލީހުގެ ކޮމެޓީގައި ކުންފުނިތަކުގެ ވެެރިން މަޖިލީހަށް ގެނެސް "ހާޑް ސުވާލު" ތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. މީގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތް ދޭއިރު އިންޖީނުފަދަ ތަކެތި ބަލަހައްޓާ ގޮތް އެނގެން ބޭނުންވުން ކަމަށް ނާޒިމް ވިދާޅުވި އެވެ. 

"މި ޒަމާނުގައި އިންޖީނުތައް ހިންގަނީ ކޮންޑިޝަންއަށް ބަލައިގެން. އެހެންވެ ސަރުކާރަކުން ހިންގާ 100 ޕަސެންޓް އިންޖީނުގެތައް މިހާ ދެރަވަރުކޮށް ހިންގާނަމަ މިއީ ދެރަކަމެއް. އައްޑޫއަކީ ފައިދާވާނެ ތަނެއް. އެހެންވީމަ ރަނގަޅު ހިދުމަތެއްވެސް ދޭންވާނެ،" ނާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.