ބައިނަލްއަގުވާމީ މައިދާނުގައި ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް ރާއްޖޭން ގޮވާލައިފި އެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް ރާއްޖޭން ގޮވާލައިފި އެވެ.
މި މަހުގެ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ ކަމުގައިވާ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ބައިނަލްއަގުވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލާއްވާފައިވާ ގޮވާލުން ތަކުރާރުކުރައްވައިފަ އެވެ.
މިގޮތުން، އެ ބައިނަލްއަގުވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް ހަލީލް ގޮވާލެއްވި އެވެ.
އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލައި، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން މިނިސްޓަރު ވާހަކަ ދެއްކެވި އެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވައިލެއްވުމާއެކު ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.
ހަލީލް އާއެކު މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ ނޭޕާލްގެ ފޮރިން މިނިސްޓަރު އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ އިންޓާނަލް އެފެއާޒް މިނިސްޓަރު އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލަމްގެ ސެކަންޑް ފޮރިން މިނިސްޓަރު ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ސްޓޭޓް ފޮރިން މިނިސްޓަރު އަޙްމަދު އަލީ އަލް ޞާޔިގް އެވެ. އަދި، މި ޕެނަލް މޮޑަރޭޓް ކޮށްދެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރު ސުރޭޝް ޕްރަބޫ އެވެ.
ދެހާސްސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިއާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަޝިޕް" އެވެ