ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަން ކަމަަށް ވެސް ބުންޏެވެ.
ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިހެން ބުނެފައި ވަނީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނި ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ވަނީ އާއިލާއާއި އެކު މިއަދު ހެނދުނު ރަސްފަންނަށް ވަޑައިންގެންފަ އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނި ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ދެ ތަންވެސް ވީރާނާވަމުންކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
އެހެންކަމުން ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.
ރައީސްގެ އެ ވާހަކަފުޅާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އާންމުކޮށް އިޢުލާނުކޮށްފައިވާ ކަމަށެވެ.
ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަން ކަމަަށް ވެސް ބުންޏެވެ.
އަދި ބުނީ ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހޯދާފައިވާ ކަމަށާ މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓާ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް އަންގާފައިވާ ކަމަަަށެވެ.
ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ކަމަށެވެ.