ޔޫރޯ / ޕައުންޑު ދަށްވެ، ސީޒަން ބުކިންތައް 10 އަހަރު ނުދާ ވަރަަށް ދަށްވެއްޖެ: ސިޔާމް

މީދޫ ދާއިރާގެ މެންބަރު ސިޔާމް ވިދާޅުވީ ނޮވެމްބަރު- ޑިސެމްބަރުގެ ބުކިންތައް 10 އަހަރު ދުވަހު ނާންނަ ވަރަށް ދަށްވެއްޖެ ކަމަށް.

ސަން ޓްރެވަލްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު -- ރައީސް އޮފީސް
  •  ސިޔާމް ކަންބޮޑުވަނީ އަވަސް އަރުވާލައި ޓެކްސް ބޮޑު ކުރާތީ
  •  ޓޫރިޒަމް ބުކިން ވިއްކަނީ އެއް އަހަރު ކުރިއަށް
  •  ޔޫރޯ / ޕައުންޑުގެ އަގު ދަށްވުމުން ޓޫރިސްޓުގެ ހަރަދު ބޮޑު
  •  މިހާރުގެ ހާލަތުން ޔޫރަޕު ބުކިންތައް 30 ޕަސެންޓް އަގު ބޮޑު

ޔޫރޯ އާއި ޕައުންޑުގެ އަގު ދަށްވުމުގެ ސަބަބުން ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަށް ލިބުނު ބުކިންތައް ވޭތުވެދިޔަ 10 އަހަރަށް ވުރެ ދަށްވެފައިވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖީއެސްޓީ ރޭޓް 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން، މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެންމެ ގިނަ ކޮޓަރި ހުރި އެއް ރިސޯޓް ކަމަށްވާ "ސަން ސިޔާމް ރިސޯޓު" ގެ އޯނަރު ސަން ޓްރެވަލް ސިޔާމް ވިދާޅުވީ މިހާރު ދުނިޔެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށާ، ޓޫރިޒަމަކީ ހަމައެކަނި ފައިސާ ލިބޭ ސިނާއަތުގެ ގޮތުގައި އޮތްއިރު، މި ސިނާއަތު އެގޮތުގައި ދެމެހެއްޓުމަށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"މިއަދު ދުނިޔޭގެ މާކެޓަށް ބަލާއިރު ޔޫރޯގެ އަގު މިވަނީ ވަރަށް ބޮޑަށް ދަށްވެފަ. މީގެ ސަބަބުން ޔޫރަޕުން ބުކިން ހަދާ ރޭޓްތައް އަޅުގަނޑުމެން މަތި ނުކުރި ނަމަވެސް 30 ޕަސެންޓަށްވުރެ ބޮޑު ތަކުން މަތިވެއްޖެ. ޔޫރޯގެ އަގު ކުޑަވެ، ޕައުންޑުގެ އަގު ވެސް ދަށްވުމުގެ ސަބަބުން ބޮޑު އަގު ދަށްކަން ޖެހޭ. މީގެ ސަބަބުން އިންޑަސް އަށް ތަޖުރިބާ ނުކުރާ ވަރުގެ ލޮޅުމެއް ދަނީ އަރަމުން. ފޯވަޑް ބުކިންތަކަށް ބަލާއިރު ނޮވެމްބަރު- ޑިސެމްބަރުގެ ބުކިންތައް 10 އަހަރު ދުވަހު ނާންނަ ވަރަށް ދަށްވެއްޖެ،" މީދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، ސިޔާމް ވިދާޅުވި އެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ހަފުލާގައި ސަން ސިޔާމް އަދި ނައިބް ރައިސް ފައިސަލް ނަސީމް -- ރައީސް އޮފީސް

އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން ތިބީ ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށާ، ސަރުކާރަށް ލިބޭ އާމްދަނީ މަދު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ނަމަވެސް ޓެކްސް ކުއްލިއަކަށް ބޮޑު ކުރުމަކީ އިންޑަސްޓްރީއަށް ދަތިކަމެއް ކަމަށެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު 40 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ޓޫރިސްޓު ރިސޯޓެއްގެ ބުކިން ވިއްކާފައި އޮންނަނީ އެއް އަހަރުގެ ކުރިއަށް. އެހެން އޮއްވައި ވަގުތު ނުދީ ޓެކުހެއް އަޅުގަނޑުމެންގެ ތެރެއަށް އައީމަ އެބައި ދައްކަން ޖެހޭނީ ޖީބުން ނޫނީ ލޯނު ނަގަން ޖެހޭނީ. މީގެ ސަބަބުން ލިބެން ޖެހޭ ފޮރިން އިންވެސްޓްމަންޓް ލިބުން ދަތިވެދާނެ. ދަތި ނުވެވެސް ހިނގައިދާނެ،" ސިޔާމް ވިދާޅުވި އެވެ.

ވަގުތު ނުދީ ޓެކުހެއް އަޅުގަނޑުމެންގެ ތެރެއަށް އައީމަ އެބައި ދައްކަން ޖެހޭނީ ޖީބުން ނޫނީ ލޯނު ނަގަން ޖެހޭނީ. މީގެ ސަބަބުން ލިބެން ޖެހޭ ފޮރިން އިންވެސްޓްމަންޓް ލިބުން ދަތިވެދާނެ

ސަން ޓްރެވަލްގެ ވެރިޔާ، އަހުމަދު ސިޔާމް

ސިޔާސީ ޕާޓީއެއް ކަމަށްވާ އެންޑީއޭގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ އެމަނިކުފާނުގެ ރިކޮމޮންޑޭޝަންއަކީ ދައުލަތުން ލީކުވާ ދިމަދިލާ ބަންދު ކުރުމެވެ.

"މިއަދު ފަސް ކްލާސްރޫމް އަޅާ އަގުގައި އެއް ކްލާސް ރޫމް މިހާރު އަޅަނީ. މަލްޓި ޕާސަލް ހޯލް އަޅަނީ. އެބަޖެހޭ އެޑިއުކޭޝަން ތެރޭންވެސް މިފަދަ ނޭއްގާނީ ކަންކަން ހުއްޓުވަން. އާސަންދަ ވެސް ވައްކަން ކުރާކަން މެންބަރުންނާއި ވަޒީރުންނަށްވެސް އެނގޭ. އެހެންވީމަ ޖީއެސްޓީ ބޮޑުކޮށްގެން ކުރާނެ ކަމެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.

ސަން ސިޔާމް ޓެކްސް ބޮޑު ކުރުމުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރިއިރު، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އާއި ޖެނެރަލް ޖީއެސްޓީ (ޖީއެސްޓީ) ބޮޑު ކުރަން ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުން ތަމްސީލް ކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.