"މޮރިޝަސް ކޮޅު ނެގިޔަސް އިނގިރޭސިންނާ ގުޅުމެއް ނުކެނޑޭނެ"

ސަރުކާރުން ބުނާ ގޮތުގައި ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމާ ދެކޮޅު ހުރިހާ ފަރާތްތަކެއް ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލާށެވެ.

އިނގިރޭސިލިލާތުގެ ކިންގް ޗާލް ތިން ވަނަ އާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން: ޗާގޯސް މައްސަލައިގައި އިނގިރޭސިންނާ މައްސަލަ ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް ކޮޅަށް ތާއީދުކުރި ނަމަވެސް އިނގިރޭސިވިލާތާއެކު އޮތް ގުޅުން ނުކެނޑޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި މީގެ ކުރިން ނަގާފައިވާ ސްޓޭންޑް ބަދަލުކޮށް، އެ ނިންމުމަށް ރާއްޖެއިން ވަނީ ތާއީދު ކޮށްފަ އެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައި ވަނީ އެގޮތަށް ސްޓޭންޑް ބަދަލު ކޮށްގެން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ވަކިކޮޅަކަށް ނުޖެހި "ސައިލެންޓް" ކޮށް ތިބުމުގެ ފައިދާއެއް ވެސް ނެތެވެ. އެގޮތުން 116 ގައުމަކުން އައިސީޖީގެ ނިންމުމަށް ތާއީދު ކޮށްފައިވާއިރު، ރާއްޖެ އެ ނިންމުމާ ދެކޮޅު ވިޔަސް އަދި ވަކިކޮޅަކަށް ނުޖެހުނަސް ވާނެ އިތުރު ގޮތެއް ވެސް ނެތެވެ.

ރާއްޖެއިން ސްޓޭންޑް ބަދަލު ކުރުމުން އިނގިރޭސިވިލާތުން ވެސް ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށާއި، އިނގިރޭސިވިލާތާއެކު އޮތް ގުޅުމަށް ވެސް ބުރުލެއް ނާރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މޮރިޝަސްއާއެކު އޮތް ގުޅުން ވަރުގަދަވެ، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަނާ ދެކޮޅު ގައުމެއް ކަން ސާބިތުވާނެ ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމާ ދެކޮޅު ހުރިހާ ފަރާތްތަކެއް ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަަމަށް މިއުވާން ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވާފަ އެވެ. އަދި ރާއްޖެއިން ސްޓޭންޑް ބަދަލު ކޮށްފައި ވަނީ ކޮންމެވެސް "ޑީލެއް" ގެ ދަށުން ކަން ދެކެވޭ ވާހަކަތައް ވެސް ވަނީ ދޮގުކުރައްވައިފަ އެވެ.

"ސިޔާސީ ޕާޓީތަކުގަ އިސްކޮށް އުޅެއްވާ ބޭފުޅުން، ރައްޔިތުން ގަބޫލު ކުރާނީ ކޮންމެވެސް ވަރެއްގެ ހަރުދަނާ ކަމެއް ނުވަތަ ކޮންމެވެސް ވަރެއްގެ ތެދެއް ބުނުމުގަ، މި އެކަން ކުރައްވަން ޖެހޭ ބޭފުޅުން ކަމަށް ރައްޔިތުން ގަބޫލު ކުރާނީ. އެހެންވީމަ ބޮޑެތި ދޮގުތައް ހެދީމަ ރައްޔިތުންނަށް އޮޅޭނެ. އެއީ މި ވާގޮތަކީ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް ލިބޭ ސަރަހައްދު އިތުރަށް ބޮޑުކުރަން ކަމަށެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި ސްޓޭންޑް ބަދަލުކޮށްގެން މި މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.