ކުރީގެ މިނިސްޓަރު ފައިސަލް ވިދާޅުވީ މާލޭގައި ދިރިއުޅުން ހަރަދު ބޮޑު ކަމަށާއި މިވަގުތު އާއިލާއާއެކު ވަގުތު ހޭދަ ކުރަން ބޭނުންފުޅުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދާދިފަހުން ވަކި ކުރެއްވި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލްގެ ދިރިއުޅުން އަމިއްލަ ރަށް، ފުނަދުއަށް ބަދަލު ކުރައްވައިފި އެވެ.
މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރީގައި އަމިއްލަފުޅު ރަށް ލ. ފުނަދޫގައި ދިރިއުޅުއްވި ފައިސަލް ދެން ނޫހަށް ވިދާޅުވެފައިވާ ގޮތުގައި ދިރިއުޅުން ރަށަށް ބަދަލުކުރި މައިގަނޑު ސަބަބަކީ އާއިލާއާއެކު ވަގުތު ހޭދަކުރުމާއި މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުންނެވެ. އަދި ރަށަށް ބަދަލުވިނަަމަވެސް ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
"މިވަގުތު ވިސްނުން މިހުރީ ރަށަށް [ލ. ފޮނަދުއަށް] ދިރިއުޅުން ބަދަލުކުރުން. މިހާރު 5 މަހުގެ ބޭބީއެއް ވެސް އޮތް، ދިރިއުޅުމުގެ ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެތާ، ދެން މާލޭގައި ދިިރިއުޅުމުގެ ހަރަދު ވެސް ބޮޑު ވާނެތާ،" ފައިސަލް ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ފައިސަލް އެ މަގާމުން ވަކި ކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ބުނެފައެއް ނުވެ އެވެ. ފައިސަލް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންވައިގެން ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަ ޖެހޭކަން ވިދާޅުވެފައިވެ އެވެ. އަދި މި ފުރުސަތު ދެއްވި ކަމަށްޓަކައި ފައިސަލް ވަނީ ރައީސް ޑރ. މުއިއްޒުއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.