މި ހިނގާ ޖެނުއަރީ 25 އިން ފެށިގެން ޓޫރިސްޓުން އިތުރުވީ ވަރަށް މިދިޔަ ދެ އަހަރުގެ މި މުއްދަތުގައި ވެސް ޓޫރިސްޓުން އިތުރުވެފައި ނެތްކަން ތަފާސް ހިސާބުތަކުން އެނގެ އެވެ.
މިމަހު 25 އިން ފެށިގެން ޓޫރިޒަމަށް އަދަޔާ ހިލާފަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ. މި އަދަކަކީ މިދިޔަ ދެ އަހަރުގެ މި މުއްދަތުގައި ވެސް ޓޫރިސްޓުން އިތުރު ނުވާ ވަަރަށް އިތުރުވުމެކެވެ. މި ކުރިއެރުން މި އަހަރު އައިސްފައިވަނީ ކީއް ވެގެން ހެއްޔެވެ ؟
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހު 25 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ 8،000 އާއި 9.000 އާ ދެމެދުގަ އެވެ. މިއީ އާއްމުކޮށް ރާއްޖެއަށް ޓޫރިސްޓުން އަންނަ 5،000 އާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވުމެކެވެ. މި އިތުރުވުން އައިސްފައިވަނީ ޗައިނީސް ނިއު އިޔާއާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ ވަގުތެއްގަ އެވެ.
މިދިޔަ ދެ އަހަރު 2023 އާއި 2024 އަށް ބަލާނަމަ މި މުއްދަތުގައި މިވަރަށް ޓޫރިސްޓުން އިތުރުވެފައެއް ނެތެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2023 ޖެނުއަރީ 25 އިން 29 ގެ ނިޔަލަށް އެވްރެޖުކޮށް ޑެއިލީ އެރައިވަލް ނުވަތަ މުދާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ 5،000 އާއި 6،000 އާ ދެމެދުގަ އެވެ. އަދި މިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރި 25 އިން 29 ގެ ނިޔަލަށް ހުރީ 6،000 އާއި 7،000 އާ ދެމެދުގަ އެވެ.
މި އަދަދަށް ޓޫރިސްޓުން އިތުރުވުމުގެ އަނެއް ސަބަބަކީ ފްލައިޓް މޫވްމެންޓް އިތުރުވުމެކެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ވަނީ މިމަހުގެ 22 އިން ފެށިގެން ހަފުތާއަކު ޗައިނާގެ ތިން މަންޒިލަކުން ޓޫރިސްޓުން ގެންނަމުންނެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 193,175 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 174,449 ޓޫރިސްޓުންނާ އަޅާބަލާއިރު 10.7 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭން އަލަށް ޓޫރިޒަމް ގަދަ ލިސްޓަށް އަރާފައިވާ ދެ ގައުމަކީ ޕޮލެންޑާއި ކޮރެއާ އެވެ. ކޮރެއާއަކީ ގިނަ އަދަދަކަށް ޑައިވަރުން އަންނަ މާކެޓެކެވެ.
މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި 13.3 މިލިއަން ބެޑްނައިޓްސް ނުވަތަ ރޭ ވަނީ މަޑުކޮށްފަ އެވެ. ނަމަވެސް ކުރީ އަހަރު ޓޫރިސްޓުން މަޑުކުރި ރޭގެ އަދަދު އުޅެނީ 12.9 މިލިއަން ރޭގަ އެވެ. މިދިޔަ އަހަރު ވަނީ ޓޫރިޒަމް ބެޑްނައިޓްސް 3.4 ޕަސެންޓު އިތުރުވެފަ އެވެ. މި މުއްދަތުގައި ޓޫރިސްޓުން މަޑު ކުރުމުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެވްރެޖު އާމްދަނީއެއްގެ ގޮތުގައި ހަތަރު ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒަ ކުރެވެ އެވެ. މިއީ ކުރީ އަހަރު ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިއަން ޑޮލަރާ ބަލާއިރު ކުޑަ އިތުރުވުމެކެވެ. މުޅި އަހަރަށް ބަލާއިރު ރާއްޖޭގެ އޮކިއުޕެންސީ ހުރީ 60 ޕަސެންޓުގަ އެވެ. މާނައަކީ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ 60 ޕަސެންޓ އެވްރެޖުކޮށް ފުލްކޮށް ހިދުމަތް ދީފައިވެ އެވެ. ކުރީ އަހަރު ރާއްޖޭގެ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީއަކީ 57.4 ޕަސެންޓެވެ. އެހެންވެ މިއީ 1.7 ޕަސެންޓް އޮކިއުޕެންސީ އިތުރުވުމެކެވެ. މިދިޔަ އަހަރު އެވްރެޖުކޮށް ޓޫރިސްޓެއް އެންމެ ގިނަ ދުވަހު ރާއްޖޭގައި މަޑުކޮށްފައިވަނީ 7.7 ދުވަހު އެވެ. ކުރީ އަހަރު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި ކަމަށް ދައްކަނީ 7.6 ދުވަހު އެވެ. އެހެންވެ މިއީ 0.1 ޕަސެންޓުގެ އިތުރުވުމެކެވެ.
ސަރުކާރުން ވަނީ މި އަހަރު 2.3 މިލިއަން މީހުން ގެނައުމުގެ އަމާޒެއް ހިފާފަ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ރަނގަޅު އަހަރެކެވެ.