"ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން، އެންމެންނަށް ހަމަހަމަ ކަމެއް"

"އަޅުގަނޑަށް ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދިއްދޫގައި ވާހަކަ ދައްކަވަނީ --

ތަރައްގީއަކީ އެންމެންނަށް ހަމަހަމަކޮށް ގެނެސްދެވޭ އެއްޗެއް ކަމަށާއި، އެއީ ސިޔާސީ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށެވެ. ގައުމަށް، އަދި ރަށަކަށް ގެނެވޭ ތަރައްގީއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ މުސްތަގުބަލަށްޓަކައި ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށެވެ.

"ތަރައްގީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށް، އަޅުގަނޑު ކުރިމަތީގައި ސިޔާސީ ފިކުރު މުހިންމެއް ނޫން، ހުރިހާ ރައްޔިތުން ހަމަހަމަ،" ރައީސް ވިދާޅުވި އެވެ.

މިމޭރުމުން ރައީސް ވާހަކަދެއްކެވީ ދިއްދޫގައި އަޅާ އެއާޕޯޓުގެ ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ސިޔާސީ ގޮތުން ހިޔާލުތަފާތު ބޭފުޅުން ވެސް މި އެއާޕޯޓު ބޭނުން ކުރައްވާނެކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ރަށަކަށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އަމިއްލަ ނަފްސަށް ވެސް ކޮށްދެވޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އެކަމަކީ ސިޔާސީ ކަމެއްގެ ގޮތުގަ ދެކޭ މީހުންގެ ވިސްނުން އެއީ އަޅުގަނޑު ހިތުން، ދުރުގަ ތިބެގެން ވިސްނާލާ ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ އެއީ ރަގަޅު ވިސްނުމެއް ނޫން. އަޅުގަނޑު މިކުރާ މަސައްކަތަކީ ރަށުގެ ރައްޔިތުންނަށް، ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި ކުރާ ވަރަށް ސީރިއަސް މަސައްކަތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ވިދާޅުވެފައި ވަނީ ދެން ދިއްދޫއަށް ވަޑައިގަންނަވާނީ އެ ރަށުގައި ހަދާ އެއާޕޯޓް ހުޅުވަން އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.