ރައީސް ވަޑައިގެންނެވި ވަގުތު އިދިކޮޅުގެ ސަޕޯޓަރުންގެ އިހުތިޖާޖަަށް ވެސް ފުރުސަތު ދިނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތިލަދުންމަތީ އުތުުރުބުރީގެ ވެރިރަށް -- ދިއްދޫ އިން ހޫނު މަރުހަބާއެއް ކިޔައިިފި އެވެ.
ތިލަންދުންމަތީ އުތުރުބުރީގެ 10 ރަަށަކަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް މުއިއްޒު ދިއްދޫއަށް ވަޑައިގެންނެވީ މިއަދު އިރޮއޮއްސުނު ވަގުތު އެވެ. މިއީ މިއަދުގެ ހަތަރުވަނަ މަންޒިލެވެ.
ރައީސް ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅު ދިއްދޫގައި ބަނދަރުކުރި އިރު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވެފައިވެ އެވެ.
ވަރަށް ދިގުކޮށް އޮތް ކިއުގައި ކުދިބޮޑު ވަރަށް ގިނަ ބަޔަކު ތިއްބެވެ. އެމަނިކުފާނަށް އިސްވެ މަރުހަބާ ދެންނެވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލަތީފް މުހައްމަދެވެ.
ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުންނާއި ޑަބްލިއުޑީސީގެ މެންބަރުނާއި މުއައްސަސާތަކުގެ އިސްވެރީން ވެސް ވަޑައިގެންނެވި އެވެ.
ދަރިވަރުންގެ ފަރާތުން ސަގާފީ ހާއްސަ ހަރަކާތެއް ހުށައަޅައި ދިންއިރު ރައީސްގެ ފޮޓޯފުޅުތަކާ ޝުއޫރުތައް ލިޔެ ތައްޔާރު ކޮށްފައިވާ ގިޑިގެ ތަކުން ބަނދަރުމަތި ވަނީ ޒީނަތްތެރި ކޮށްފަ އެވެ.
ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަން ޖަމާވި ހުރިހާ ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ.
ރައީސް ވަޑައިގެންނެވި ވަގުތު އިދިކޮޅުގެ ސަޕޯޓަރުންގެ އިހުތިޖާޖަަށް ވެސް ފުރުސަތު ދިނެވެ. ރައީސާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން އިދިކޮޅުގެ ސަޕޯޓަރުންނަށް ރައީސަށް އަޑުއިއްވޭނެހާ ކައިރީގައި ތިބެން ފުރުސަތު ދިނެވެ.
އަދި ރައީސަށް މަލާމާތާއި ހަޖޫގެ ބަސްތައް ހިމަނައިގެން ހަދާފައިވާ ލަވައެއް އަޑުގަދަ ކުރާއިރު ތަކުރާރުކޮށް ޖަހަމުން ދިޔައިރު އެކަމަށް ވެސް ފުރުސަތު ދީފައިވެ އެވެ.
މީގެ އިތުރުން ބަނދަރަށް ރައީސް ފައިބާ ވަޑައިގެންނެވި ހިސާބުގައި އިދިކޮޅުގެ ސަޕޯޓަރުން ދެމި ބެނާތައް ނެގި ނަމަވެސް ދިއްދޫގެ މަގުތަކުގައި ވެސް އިދިކޮޅުގެ ސަޕޯޓަރުންގެ ބެނާތައް ހުރީ ދަމާފަ އެވެ.
ރައީސްގެ މުހިންމު ބައްދަލްވުންތަކާއި އެމަނިކުފާނު ހުންނެވި ސްޓޭޓް ހައުސްއަށް ވަޑައިގެންނެވި މައި މަގުގައި ވެސް އިދިކޮޅު ސަޕޯޓަރުންގެ ބެނާތައް ދަމާފައި ހުއްޓެވެ.