ރައީސް އޮފީހުން ބުނީ ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވާފައިވާ ކަމަށެވެ. ރައީސް ވަނީ މަގާމުން ވަކިކުރެއްވިކަން އަންގައި ފައިސަލަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ފައިސަލް މަގާމުން ވަކިކުރައްވައި ރައީސް ވަނީ ވަގުތީގޮތުން ޓޫރިޒަމް މިނިސްޓްރީގެ ހިންގެވުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކުރައްވާފަ އެވެ.
ފައިސަލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިއެކެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަނު ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަ ގޮތެއްގައި އެ ދާއިރާއިން އޭނާގެ ތަޖުރިބާ ނެތުމުންނާއި ތައުލީމީ ސަނަދެއް ނެތުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ފައިސަލް ވެގެން ގޮސްފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާއެކު މަަޝްވަރާކޮށްގެން ކަންކަމުގެ ހައްލު ގެންނަން މަސައްކަތް ކުރެއްވި މިނިސްޓަރެއްގެ ގޮތުގަ އެވެ.
ފައިސަލްއަށް އެންމެ ބޮޑަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އިވެންޓްތަކުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގައި ކޮށިވެގެންނެވެ. ނަމަވެސް ފައިސަލް ވަނީ އެކަން ރަނގަޅު ކުރައްވާފަ އެވެ. ފަހުން ބޭއްވި ގިނަ އިވެންޓްތަކަށް ފައިސަލް ވަޑައިގަތީ ތައްޔާރުވެ ވަޑައިގެންނެވެ،
ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.