މި މަސައްކަތް ކުރަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މިގޮތަށް މަސައްކަތް ކުރުމުން ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ވަނީ ސަލާމަތްވެފަ އެވެ. މިފަދަ މަސައްކަތްތަކުން މުވައްޒަފުންނަށް އިތުރު ތަޖުރިބާއާއި ހުނަރު ފުރިހަމަ ވެގެން ދާނެ އެވެ.
ސަރުކާރުގައި އެތައް ކުންފުންޏެއް އޮވެ އެވެ. އެކަމަކު މީގެ ގިނަ ކުންފުނިތަކަކީ ހަމައެކަނި ކަރުދާސް ކުންފުނި ތަކެވެ. މީގެ ގިނަ ކުންފުނިތަކުގައި ހާހުން މުވައްޒަފުން ތިއްބަސް މި މުވައްޒަފުންގެ ހުނަރެއް އެމީހުންގެ މަސައްކަތެއް ނުފެނެ އެވެ. އެކަމަކު ސްޓެލްކޯ މުވައްޒަފުން ތަފާތެވެ. އެ ކުންފުނީގެ މުވައްޒަފުން ދަނީ އެމީހުންގެ ހުނަރުވެރިކަމުން އަމިއްލަ އަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަދަ އެއް މަސައްކަތަކީ ތުލުސްދޫގައި އެ ކުންފުނިން ބިނާ ކުރަމުން ގެންދާ ޓްރެއިނިން ސެންޓެވެ.
މާލޭގައި ވެސް ދާދި ފަހުން އެ ކުންފުނީގެ މުހިންމު ބިނާއެއްގެ މަސައްކަތް ނިންމި މުވައްޒަފުން ތުލުސްދޫގައި އަޅަމުން ގެންދާ މެކޭނިކަލް ޓްރެއިނިން ސެންޓަރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. މި މަސައްކަތާމެދު ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މިހާރުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މި އިމާރާތް ހަދަން އެ ކުންފުނީގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާ މިގޮތުން ޕްލޭން ކުރުމުން ފެށިގެން ފިނިޝިންއާ ހަމައަށް ކުރިއަށް ގެންދިޔައީ މުޅިން ވެސް ސްޓެލްކޯގެ މުވައްޒަފުން ކަމަށެވެ. އެކަމަށްޓަކައި އެމްޑީ ފަހުމީ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މި ސެންޓަރު ވެގެންދާނީ ރާއްޖޭގައި މަސައްކަތް ގިނަ އިންޖިއަރިންގެ ދާއިރާއިން މީހުން ތަމްރީން ކުރާނެ މުހިންމު މަރުކަަޒަކަށެވެ. ސްޓެލްކޯގެ ވިސްނުން ހުރީ މިތަނުގަައި ކްލާސް ހިންގުން ގައުމީ ޔުނިވާސިޓީއާއެކު ކުރިއަށް ދިއުމަށެވެ.
މި ސެންޓަރުގެ 80 ޕަސެންޓް މިވަގުތު ވަނީ ނިމިފަ އެވެ. މި އަހަރުތެރޭގައި މި މަސައްކަތް ނިންމައި ކިޔައިދޭން ފަށާނެ އެވެ. މި ސެންޓަރު ނިމުމަކަށްދާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިވަޑައިގަނަވާނެ އެއް ބަޔަކީ މި ކުންފުނީގެ މުވައްޒަފުނާއި ސީނިއަ މެނޭޖުމަންޓެވެ. ސަބަބަކީ މި ޕްރޮޖެކްޓަކީ އައުޓްސޯލްކޮށްގެން ކޮށްފިނަމަ 10 މިލިއަން ރުފިޔާގެ ހަރަދެއް ހިންގާނެ މަޝްރޫއަކަށްވުމެވެ. ނަމަވެސް ކުންފުނީގެ މުވައްޒަފުންގެ ހުނަރުވެރިކަމާއެކު މި މަސައްކަތް ކުރުމުން އެ ހަރަދު ކުންފުންޏަށް ވަނީ ސަލާމަތްވެފަ އެވެ. މީގެ ބަދަލުގައި ލިބިގެންދާނެ އެންމެ ބޮޑު ކުރިއެރުމަކީ ސްޓެލްކޯ މުވައްޒަފުން މި ބާވަތުގެ މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރު ވެގެން ދިއުމެވެ.