ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 84

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 84

"އެންމެފަހުން ކެވިފަ ހުރީ ޒަހަރުގެ ބާވަތެއް އެކުލެވޭ ކެއުމެއް.. މީދާ ބޭސް ކަހަލަ ބާރުގަދަ ބޭހެއް އެ ކެއުމުގަ އެކުލެވިގެންވޭ.. މީ ދަރިފުޅާ، މައިމީހާއަށް ވެސް ގެއްލުން ވެދާނެ ފަދަ ނުރައްކާތެރި ކަމެއް.. މިފަދަ ކަމެއް ދިމާވުމުން، ހޮސްޕިޓަލުގެ ފަރާތުން މިކަން ފުލުހަށް ވެސް ހުށައަޅާނަން.. އަދިވެސް ދަރިފުޅާ މައިމީހާގެ ޙާލު ވަރަށް ސީރިއަސް.."

ޑޮކްޓަރުގެ ޖުމުލައިން ވާރިޝްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަހެންނެވެ. އެންމެންނަށް ވެސް ބަލައިލެވުނީ ވާރިޝްއާ ދިމާލަށެވެ. އެތައް ސުވާލުތަކާއި، ރުޅިވެރިކަމާ އެކުގައެވެ.

"އެއީ ކީއްވެ؟ މީ ކިހިނެއްވީ ކަމެއްތަ؟"

އަޔާޒް ބަލަން ހުރީ ސީދާ ވާރިޝްގެ މޫނަށެވެ. ވަގުތުކޮޅަކަށް ވާރިޝްއަށް ހުއްޓުން އަރާފަ ހުރެވުނެވެ. އެވަރުގެ ކަމެއް ސުހާއަށް ކުރަން ކެރޭނެ ބާއޭ ހިތަށް އަރާފައެވެ. ނޫނީ އެއީ ކާ އެއްޗެހި ހެދި ތަނުގެ މައްސަލަ އެއް ބާއޭ، ވާރިޝްގެ ހިތް އޭނާއާ ސުވާލު ކުރިއެވެ. ނަމަވެސް އެއީ ކާ އެއްޗެހި ހެދި ތަނުގެ މައްސަލައެއް ނަމަ، ސުހާއަށް ވެސް ގޮތް ތަކެއް ވާން ޖެހޭނެތާއެވެ! އެއީ ގައިމު އެއްކޮށް ހެދި ކެއުމެކެވެ. ފުން މިން ނޭނގޭ ޚިޔާލު ތަކަކަށް ވާރިޝް ގެނބެމުން ދަނިކޮށް ވާރިޝް ސިއްސައިގެން ދިޔައީ ޒީމާ ހަޅޭލަވައިގަން އަޑަށެވެ. ޒީމާގެ ކެތްތެރިކަން ކޮޅުން ލީއެވެ. އަޑުގެ ނެތް ކޮޅަށް "ވާރިޝް" އޭ ގޮވާ، ރުޅި އައިސްގެން ފަޅައިގެންދާ ޙާލުގައި ޒީމާ ހަރުކޮށް، ހަލުވި ފިޔަވަޅު ތަކެއް ނަގަމުން ދިޔައީ ސީދާ ވާރިޝްއާ ދިމާލަށެވެ.

އަޔާޒްގެ ހުށިޔާރު ކަމުން އޭނާ ޒީމާގެ އަތުގައި ހިފީއެވެ. އެހެން ނޫން ނަމަ، ދެންމެ ވާރިޝްގެ ގައިގައި ޒީމާ ޖަހާނެއެވެ. އެހާ ވެސް ޒީމާ ހުރީ ރުޅި އަތުވެފައެވެ.

"ކަލޭ ކީއްތަ ކުރީ އަހަރެންގެ ދަރިފުޅަށް؟ ކަލޭ ކީއްހޭ ކުރީ؟ ކަލޭގެ ނުބައި ނުލަފާކަން އަހަންނަށް އެނގުން ފުރަތަމަ ދުވަހު ވެސް... އަހަރެންގެ ނުޤަބޫލުގަ އީމާ ކަލެއާ ކައިވެނި ކުރީ ވެސް.. ދަރިންނަށް ރަނގަޅު މީހުންނާ ނުބައި މީހުން އެންމެ ބޮޑަށް އެނގޭނީ މައިމީހާއަށް.. އަހަރެންގެ ނުޤަބޫލުގަ އަޔާޒް ވެސް ކައިވެންޏެއް ކުރި.. އެކަމު އެކަންވީ ވެސް މަންމަ ހީކުރި ގޮތަށް.. ޝަރާ ވީ ކަސްބީ އަކަށް.. މިހާރު ބަލާބަލަ! އަޔާޒް އުޅެމުންދާ އުފާވެރި ދިރިއުޅުން.. އަހަރެން ފަޚްރުވެރިވެފަ ބުނާނަން ސުހާ އަކީ އަހަރެން އަޔާޒަށް ހޯދާ ދިން ކުއްޖެކޭ.. ޖަވާޙިރެކޭ.. އަޔާޒަށް އެވަރު ނުވިސްނުނަސް، ސުހާ ވަރުގެ މާތް ހުލުޤް ހެޔޮ އަންހެނެއް މި ރާއްޖެއަކު ނުހުންނާނެ.. ދެން ހުރީ ކަލޭ! ކަލޭގެ ނުލަފާކަން އަހަރެންނަށް ކަލޭ ދުށް ފުރަތަމަ ދުވަހު ވެސް އެނގުން.. ކަލޭ ޖެހީ އެދުވަހު ވެސް މިނިކާ ޖަނަވާރެއް ފާޑު.."

ދައްކުނޑި ވިކައިގެން ވާރިޝްއާ ދިމާލަށް އިނގިލި ދިއްކޮށްގެން، ހުރެ ޒީމާ ގެންދިޔައީ ހަޅޭލަވަމުންނެވެ.

"މަންމާ.."

އަޔާޒަށް ބުނެވުނީ ވަރަށް ބާރަށެވެ. މިއިން ދުވަހެއްގައި ވެސް އަޔާޒް އެހާ ބާރަށް ޒީމާއަށް މުޙާތަބު ކޮށްފައި ނުވާތީ އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ކުއްލިއަކަށް ޒީމާއަށް ހުއްޓުން އެރުނެވެ. ހީވީ އޭނާގެ ދުލުގައި ގޮށެއް ޖެހުންހެންނެވެ. އެވަގުތު ހޮސްޕިޓަލްގައި ތިބި ބައެއް މީހުން ވެސް އެތަނަށް "ކަން ބަލަން" ޖަމާވަމުން ދިޔައެވެ.

އަޔާޒް މަޑުމަޑުން ހިފައިލީ ޒީމާގެ އަތުގައެވެ.

"ޖަވާބެއް ބޭނުން.. މިކަމުގަ ވާރިޝް ޒިންމާ ވާން ޖެހޭނެ.. މިކަންވީ ގޮތް ބަލާފަ ވަރަށް އަވަސްކޮށް ގުޅާތި!"

އަޔާޒްގެ ކަޅި ވާރިޝްއަށް އަމާޒުކޮށް އެހެން ބުނުމަށްފަހު، އޭނާ ހިނގައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ. ޒީމާގެ އަތުގައި ހިފައިގެން ހުރެއެވެ. ވާރިޝް އަށް އެންމެ ފުރަތަމަ ވެސް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ހިތުގެ ތެރޭގައި އުފެދެމުން ދިޔައީ ރުޅިވެރި ކަމުގެ ބިޔަ ބޮޑު ބާނި ތަކެކެވެ. އެންމެ ފުރަތަމަ ވެސް މިކަމާ ގުޅިގެން ވާރިޝް ވާހަކަދައްކަން ބޭނުންވީ ސުހާއަށެވެ. ހަރުކޮށް ފިޔަވަޅު ނަގަމުން ވާރިޝް ކުއްލިއަކަށް ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ. ވާރިޝްގެ ހަށިގަނޑު އެގަޑީ ވެސް ރޫރޫ އަޅަމުން ދިޔައެވެ.

އަޔާޒް މަސައްކަތް ކުރަމުން ދިޔައީ ޒީމާ ހަމައަކަށް އެޅުވޭތޯއެވެ. ޒިމާ ގިސްލާ ރޮނީއެވެ. އެ ޙާލަތުގައި ވެސް ޒީމާ އެދެމުން ދިޔައީ އޭނާގެ ގާތަށް ސުހާ ގެނައުމަށެވެ. ސުހާ ގާތުގައި ނެތުމާ އެކު، އަނެއްކާ މިފަދަ ކަމެއް ދިމާވުމުން ދެކަން އެއްކޮށް ބަރުދާސްތު ކުރަން ދަތިވާނެ ވާހަކަ ޒީމާ ދައްކަމުން ދިޔައެވެ. އަދި ވާރިޝްއާ ބެހޭ ގޮތުން ޒީމާގެ ޚިޔާލާއި ފިކުރަށް އައިހާ އެއްޗެއް ކިޔަމުން ދިޔައީ އިންތިހާއަށް އައިސްފައިވާ ރުޅިއާ އެކުގައެވެ.

"މަންމާ.. ތި ރުޅި ކޮންޓްރޯލް ކޮށްފަ ހަމަޖެހި ބަލަ! އިނގޭ މިހެން ބުނާ އިރު ވެސް މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެންކަން.. އެކަމު މިފަދަ ދަނޑިވަޅެއްގަ ވާނެ ވަރަށް ރަނގަޅަށް ވިސްނަން.. އަހަރެން ވެސް މިހުންނަނީ ވަރަށް ރުޅި އައިސްފަ.. އެކަމު ބުއްދި އިސްކުރަނީ..."

ޒީމާގެ އަތުގައި މަޑުމަޑުން ހިފައިގެން ހުރެ އަޔާޒް ވާހަކަދައްކަމުން ދިޔައެވެ.

"މަންމަ ބޭނުން ވަނީ ސުހާ.. ސުހާ ގެނެސްދީ! އެއީ މުޅި ގޭގެ އަމާންކަން.. މާތްކަން.. އެފަދަ މާތް ދަރިއެއް އެކަނި އުޅޭކަން އިޙްސާސް ވިޔަސް މަންމައަށް ރޮވޭ ގޮތްވޭ.."

އަނެއްކާ ވެސް ޒީމާ އެދެން ފެށީ ސުހާ ގެނެސްދިނުމަށެވެ. އެއާއި އެކު އަޔާޒް ނެގީ ފޯނެވެ. އަދި ސުހާއަށް 3 ފަހަރު ގުޅާލިއެވެ. ނަމަވެސް ސުހާގެ ފޯނުން އެއްވެސް ޖަވާބެއް އަޔާޒަކަށް ނުލިބުނެވެ. ފުރަތަމަ ދެފަހަރު ރިންގުވިއެވެ. 3 ވަނަ ފަހަރު ގުޅީމަ ކޮށްލީ ބިޒީއެވެ. އެއްވެސް ކަމެއް ނުވާކަން އަންގަން އަޔާޒް އޭނާގެ ފޯނު ޖީބަށް ލަމުން، ޒީމާގެ ގައިގައި އޭނާގެ ދެއަތުން ހިފާލިއެވެ. ހިތްވަރު ދެމުންނެވެ.

ކުއްލިއަކަށް އަޔާޒްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އަޔާޒް ވަރަށް އަވަސްކޮށް ޖީބުން ފޯނު ނެގީ ސުހާ ކަމަށް ހީކޮށެވެ. ނަމަވެސް އެއީ ހޮސްޕިޓަލްގެ ކޯލެކެވެ. އަޔާޒް ވަރަށް އަވަސްކޮށް ފޯނަށް ޖަވާބު ދިނެވެ.

ފޯނުގެ ތެރެއިން އަޔާޒްގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ އޭނާ އެއްވެސް ގޮތަކަށް އަޑު އަހަން ރެޑީ ވެގެން ހުރި ވާހަކަތަކެއް ނޫނެވެ. އަޔާޒްގެ ދެލޯ ބޮޑުވިއެވެ. އަތް ފައި ގަނޑުވިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ. އަޔާޒްގެ ކުރިމަތީގައި ހުރި ޒީމާ ވަރަށް ބޮޑަށް ޖެހިލުން ވެއްޖެއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ޒީމާއަށް ޔަޤީން ކުރެވެން ފެށުނެވެ. އަޔާޒްގެ ކަންފަތުގައި ޖަހާފައިވާ ފޯނު އޭނާ މަޑުމަޑުން ތިރިކޮށްލިއެވެ. އަދި އަޔާޒް އޭނާގެ ދެލޯ ސީދާކޮށްލީ އޭނާގެ މަންމަގެ މޫނަށެވެ. ޒީމާގެ ހާސްވެފައިވާ މޫނަށް ބަލަހައްޓައިގެން 5 ސިކުންތު ވެސް އަޔާޒަށް ކެތެއް ނުވިއެވެ. "މަންމާ"އޭ ކިޔާ ރޮއިގަންނަމުން އަޔާޒް ވަރަށް ބާރަށް ޒީމާގެ ގައިގައި އޮޅުލައިގަތެވެ.

"މަންމާ.. އީމާ ކޮއްކޮ.. އީމާ ކޮއްކޮ.." 

ހޮސްޕިޓަލްގެ ކުރިމަތީގައި ހުރި މަގުގެ ކަނެއްގައި މަޑުކޮށްލައިގެން ތިބި އަޔާޒް އާއި ޒީމާ ގެންދިޔައީ ރޮމުންނެވެ. ވާނުވާ ނޭނގޭ ޙާލުގައި ޒީމާ ރޯން ފެށީ އަޔާޒް ރޯތަން ފެނުމުންނެވެ. ކޮންމެވެސް ބޮޑު ކަމެއް ވީކަން ޔަޤީން ވުމުންނެވެ.

"މަންމާ.. އީމާ ކޮއްކޮ... އީމާ ކޮއްކޮ.. ނިޔާވެއްޖެ!" 

އަޔާޒްގެ އަޑު ހީވީ ފިސްފިސް ވެގެން ދިޔަހެންނެވެ. އަޔާޒްގެ ޖުމުލައާ އެކުގައި ޒީމާއަށް ހީވީ އޭނާ ލާން އުޅުން ނޭވާ ތާށިވިހެންނެވެ. ދެފަރާތަށް ބޯހޫރާލަމުން "ތިހެން ނުވާނެއޭ.. ތީ ދޮގެކޭ" ބުނެ ޒީމާ "ޕާސް" ކިޔާފަ ރޮއިގަތެވެ.

"ނޫން މަންމާ.. މީ ހަމަ ތެދު! އަހަރެމެންގެ އީމާ އަހަރެމެންނާ ވަކިވެއްޖެ! މަންމަ ވާނެ ހިތްވަރު ކުރަން.. މަންމާ.." 

ޒީމާގެ ގައިގައި ބައްދައިގަނެގެން ހުރެ އަޔާޒް ރޮމުން ވާހަކަދައްކަމުން ދިޔައެވެ.

***

ސޯފާގައި އަރާމްކޮށް ޖައްސާލައިގެން އިން ސުހާގެ ވިސްނުމާ ފިކުރުގަ އެއްވެސް ކަމެއް ނެތެވެ. ވަރަށް ހަމަޖެހިލައިގެން ޔޫޓިއުބުން އެކި ކަހަލަ ލަވަތައް ޖަހަމުން ސުހާ ގެންދިޔައެވެ.

ހުޅުމާލޭގައި ސައިކަލުގައި ދިޔަ ވާރިޝް ކުއްލިއަކަށް ސައިކަލުގެ ދުވެލި މަޑުކޮށްލީ ކޯލެއް އަންނާތީއެވެ. މަގުގެ އެއް ފަރާތަށް ސައިކަލު އެއްކޮށް މަޑުކޮށްލަމުން ވާރިޝް އޭނާގެ ޖީބުން ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ އަޔާޒެވެ.

"އީމާ ނިޔާވެއްޖެ! ތި ދިނީ މުޅި ޢާއިލާއަށް ވަރަށް ބޮޑު ހިތްދަތި ކަމެއް! އުއްމީދު ކުރަނީ މިކަމާ ކުރިމަތިލާނެ ކަމަށް.. އަދި މިކަން ވީގޮތް ކިޔާދޭނެ ކަމަށް.. ފުލުހުން ވެސް މައްސަލަ ބަލަން ފަށާނެ ކުޑަ އިރުކޮޅެއް ތެރޭގަ.. އަހަރެން ނުބުނަން ވާރިޝް ކުރިކަމެކޭ.. އެކަމު ވާރިޝްއަށް މި ވާނުވާ އެނގޭނެ ކަމަށް މިބަލަނީ.. އެހެންވީމަ، ފިލުން ފަދަ ކަމެއް ނުކޮށް މިކަމާ ކުރިމަތިލާތި!" 

އަޔާޒް ބުނަން ބޭނުންވާ ވާހަކަތައް ބުނުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. އަޔާޒް ވާހަކަދެއްކި އިރު ވެސް އޭނާގެ އަޑު ތުރުތުރު އަޅައެވެ. އަދި ފޯނުން ވާރިޝްއަށް ޒީމާ ރޯ އަޑު ވެސް ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ.

ވާރިޝްގެ ހިތް ދެތަން ނުވީ ކިރިޔާއެވެ. އީމާއަށް ދެރައެއް ލިބޭކަށް އެއްވެސް ޙާލެއްގައި ވާރިޝްގެ ހިތް ނޭދެއެވެ. އީމާގެ ދަރިއަށް ލޯބިދޭން ވާރިޝް ހުރީ ނިންމައިގެންނެވެ. ސުހާ ދެކެ ލޯބި ވިޔަސް، އީމާއަށް އެއްވެސް ހިތްދަތި ކަމެއް އަނިޔާއެއް ލިބުން އެއީ ވާރިޝް ބޭނުންވާ ގޮތެއް ނޫންނެވެ.

***

ދޮރުގައި ޓަކި ދޭން ފެށި އަޑަށް ސުހާ ބަލައިލީ ގޭގެ ދޮރަށެވެ. ވާރިޝް ނޫން އިތުރު މީހެއް ދޮރުގައި ޓަކި ނުދޭނެކަމުގެ ޔަޤީންކަން އޮތުމާ އެކު، ސުހާ ސޯފާއިން ތެދުވެ، ދޮރާ ދިމާލަށް ހިނގައިގަތެވެ.

ދޮރު ހުޅުވާލުމާ އެކުގައި ސުހާއަށް ލިބުނީ ހައިރާން ކަމެކެވެ. ދޮރު ކުރިމަތީގައި ހުރި ވާރިޝްގެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު އިޙްސާސް ތަކެކެވެ. މުޅި މީހާގެ މޫނުމަތި ވަނީ ރަތް އަރާފައެވެ. ވާރިޝް ރުޅި އައިސްފައި ހުރިލެއް ބޮޑު ކަމުން ސުހާއަށް ވެސް ލިބުނީ ކޮންމެވެސް ވަރެއްގެ ޝޮކެކެވެ.

"ކިހިނެއްތަ ވީ؟ ކަމެއް ގޯސްވީތަ؟ ވާރިޝް.." 

ސުހާ ޖެހިލުންވެ ހުރެ އަހައިލިއެވެ. ވާރިޝްގެ އަތުގައި ހިފައިލަމުންނެވެ. ވާރިޝް ކޮޓަރިއަށް ވަދެ، ކޮޓަރީގެ ދޮރު ލެއްޕިއެވެ. ކަޅި ޖަހާ ނުލައި ވާރިޝް ބަލަން ހުރީ ސުހާގެ މޫނަށެވެ.

"ކީއް ކުރީ އީމާއަށް؟" 

ވާރިޝްގެ ފުރަތަމަ ސުވާލު ވެސް އައީ ބިރުވެރި އަޑަކުންނެވެ. ދެ ދަތްޕިލަ ޖައްސާ، ވާންކޮށްލަމުންނެވެ.

"ކިހިނެ..." ސުހާ ހާސްވާން ފަށައިފިއެވެ.

"ބޭކާރު ވާހަކަ ނުދައްކާ! ސުހާ ކީއްހޭ ކުރީ އީމާއަށް.. ސުހާއަށް އެނގޭނެ އަހަރެން އީމާ ދެކެ ލޯބިވާކަން.. އީމާ ޕްރެގްވި ހިސާބުން އީމާއަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރަން އަހަރެން ނިންމިކަން ވެސް ސުހާއަށް އެނގޭނެ.. އަހަރެން ބުނިން.. ސުހާއާ މެރީ ކުރާނަމޭ.. އެކަމު އެއީ އީމާއަށް އަނިޔާއެއް ދީފައެއް ނޫން... އަހަރެން އީމާ ދެކެ ވެސް ލޯބިވޭ... ކީއްވެ ތިހެން ތި ހެދީ؟" 

ވާރިޝް ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުމަޑުން، ދަތްކުނޑި ވިކައިގެން ހުރެގެންނެވެ. ވާރިޝްގެ ކޮންމެ ބަހެއް އޭނާގެ އަނގައިން ނުކުންނަމުން ދިޔައިރު، އޭނާގެ އަތާ ފައި ވެސް ތުރުތުރު އަޅައެވެ.

"އީމާއަށް ކިހިނެއްވީ؟" ސުހާ ބަލައިލީ ވާރިޝްގެ ސީދާ ދެލޮލަށެވެ.

"އީމާ މަރުވެއްޖެ! އީމާ މަރާލީ.. ޒަހަރު ދީގެން.. މީދާ ބޭސް.. އެއީ ކާކު؟" 

ވާރިޝްގެ ސުވާލާ އެކު، ވާރިޝް އިތުރަށް ސުހާއާ ގާތްވެލިއެވެ.

"ވާރިޝް.." ސުހާ ބިރުގަންނަން ފަށައިފިއެވެ.

"އެއީ ކާކު ކުރި ކަމެއްހޭ؟" ވާރިޝް ކަރު ބުޑުން ހަޅޭލަވައިގަތެވެ. ސުހާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރަށް ތަތްވިއެވެ.

"ކީއްކުރަން ތިއުޅެނީ.. އަހަރެންނަށް ކީއްތަ ކުރަން ތިއުޅެނީ.. އީމާ މަރުވީމަ، އޭގެ މާނަ އަކީ އަހަރެންގެ ބަނޑުގަ އެކަނި މިއޮތީ ވާރިޝްގެ ދަރިއެއް.. ދެން އަހަރެންނަށްތަ އަނިޔާ ދޭންވީ؟ އޭނ؟؟" 

ސުހާގެ ސުވާލާ އެކުގަ ކުޑަކޮށް ވާރިޝް ދުރަށް ޖެހިލިއެވެ.

"ކާކު އީމާއަށް އެހެން ހެދީ؟ ތެދަށް ބުނޭ!" ވާރިޝް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.

ޖަވާބު ދިނުމުގެ ކުރިން ސުހާ ވަގުތުކޮޅަކު ވާރިޝްގެ މޫނަށް ބަލަން ހުއްޓެވެ. އޭރު ވެސް ސުހާ ހުރީ ފާރަށް ފިތިގެންނެވެ. މަޑުމަޑުން ވާރިޝް ސުހާއާ އަނެއްކާ ވެސް ގާތްވެލިއެވެ.

"އަހަރެން..." ސުހާ ހިންދުރާވަލަމުން ޖަވާބު ދިނެވެ. ވާރިޝްގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި ވާރިޝްއަށް ފަހަތަށް ޖެހެވުނެވެ.

"އަހަރެން އީމާ މަރާލީ... އެއީ ކުރިން ވެސް އަހަރެމެން ނިންމި ގޮތް.. ވާރިޝް ބުނިން ދޯ؟ ގޮތެއް ނެތިއްޔާ އީމާ މަރާލައިގެން ވެސް އަހަރެންގެ މީހަކަށް ވާނަމޭ.. ފަހުން ވާރިޝް މުޅިން ބަދަލުވީ... އީމާ ޕްރެގްވި ފަހުން ވަރަށް ބޮޑަށް ޗޭންޖުވީ... އަހަރެން އަބަދުވެސް ބޭނުން ވަނީ ވާރިޝްގެ ހަމައެކަނި މީހަކަށް ވާން.. މިހާރު މިހުރީ އަހަރެމެން ބޭނުންވި ދުވަސް އަތުވެފަ.. އަހަރެމެން ދެމީހުންގެ މެދަށް މިއަދު ވަންނާނެ އެކެއް ވެސް ނެތް.. އަހަރެން މިހުރީ އަޔާޒް ގާތުން ވެސް ދުރަށް ގޮސް. ވާރިޝްއަށް ވަގުތު ދޭން... އަހަރެން ބޭނުން ވަނީ ވާރިޝްއާ މެރީ ކުރަން.. މުޅި އުމުރު އެއްކޮށް އުޅެން.. އެހެންވެ އަހަރެން އީމާ މަރާލަން ބޭސް އެޅީ ވެސް.. އެއީ އަހަ..." 

ސުހާ ދައްކަމުން ދިޔަ ވާހަކަތައް އޭނާ ކުއްލިއަކަށް ހުއްޓާލީ ވާރިޝް ވަރަށް ބާރަށް ހަޅޭލަވައިގަތުމުންނެވެ. "ހުއްޓާލާ"ށޭ ކިޔާފަ ވާރިޝް ވަރަށް ބާރަށް ސުހާގެ މޫނުމަތީގައި ޖެހިއެވެ.

"ކަލޭގެ އަދަބަކީ މަރު..." 

ވާރިޝް އޭނާގެ ޖީބުން ނެގީ 8 އިންޗީގެ ވަޅިއެކެވެ. ސުހާއަށް ހަޅޭލަވައިގަނެވުނީ އޭނާގެ އިޙްތިޔާރުން ބޭރުންނެވެ. ވާރިޝް ބަލާކަށް ނުހުރެ އަތުގެ ކޮޅަށް ވަޅި ނަގާ، ވާރިޝްގެ ގައިގައި ހުރި ބާރެއް ލާފައި ވަޅި ޖަހާލިއެވެ. (ނުނިމޭ)

ކޮމެންޓް

5
450
ދދ
1 month ago

މަހަކު އެއްފަހަރުތަ މިހާރު މި ވާހަކަ ގެންނަނީ

އޭނަ
1 month ago

މި ކޮން އިރަކު އަޕްލޯޑް ވާ ވާހަކައެއްބާ ؟

ލަމް
1 month ago

ނެކްސްޓް އެޕިސޯޑް ވަރަށް އަވަހަށް ގެނެސްދެއްޗޭ ..... ޕްލީޒްޒްޒްޒްޒްޒްޒްޒްޒް

ސުހާ
1 month ago

ދެން ވާހަކައިގެ އާ ބައެއް ކިޔާލަން ލިބޭނީ ރޯދައިގެވެސް ފަހުން ކަންނޭންގެ. އެހާވެސް ލަހުން ވާހަކައިގެ އާ ބައެއް ނުކުންނަވަރު ވަނީ. މިވަރުން ވާހަކަ ނުގެނެސްދޭންވީނު.

އިޝްމާ
1 month ago

އިޝްމާ އަސްލުވެސް ދޯ...

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.