ސައޫދި އަރަބިއްޔާއިން ވަނީ ދުރާލާ ރައީސް ޓްރަމްޕާ ގުޅުންހުރި އެކި ކަންކަމުގައި އިންވެސްޓްކޮށްފައި ކަމަށް އެމެރިކާގައި ތުހުމަތު ކުރެ އެވެ.
އެމެރިކާގެ ރައީސް ކަމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަަތަމަ ދައުރަށް ހޮވިވަޑައިގަންނެވުމާއެކުވެސް އެންމެ "ގާތް" އެކުވެރިއަކަށްވީ ސައޫދީ އަރަބިއްޔާ އެވެ. ހާއްސަކޮށް ސައޫދީ ޒުވާން ވަލީއަހުދު މުހައްމަދު ނުވަތަ އާއްމު ނަމުންނަމަ "އެމްބީއެސް" އެވެ. މިފަހަރު ވެސް މަންޒަރު ފެންނަނީ އެގޮތަށް ފެންނަން ފަށާފަ އެވެ. ސައޫދީ އާއި ރައީސް ޓްރަމްޕާ ދެމެދު އޮންނަ "ގޮތް ނޭނގޭ" ޒަމާވީ މި ގުޅުމުގެ ހަގީގަތްތަކާ މެދު ތަފާތު ވާހަކަތައް ދެކެވެ އެވެ. މީގެ އެއް ވާހަކައަކީ ސައޫދީ އިން ރައީސް ޓްރަމްޕް ދުރާލާ "ކޮންޓްރޯލް" ކުރަން "ގަނެފައިވާ" ކަމަށް ދެކެވޭ ވާހަކަ އެކެވެ. މި ވާހަކަތަކަށް ބާރުދެނީ ފެންނަ އޮތް ހަގީގަތްތަކެވެ.
ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑު ފަންޑަކީ އެ ގައުމުގެ ސޮވްރިން ވެލްތް ފަންޑު ނުވަތަ ޕަބްލިކް ވެލްތް ފަންޑް (ޕީއޭއެފް) އެވެ. ސައޫދީގެ މިހާރު ޒުވާން ވަލީއަހުދުއަކީ މި ފަންޑުގެ ބޭނުންކޮށްގެން ކުޅިވަރުގައި އިންވެސްޓްކޮށް މި ދާއިރާ ފުޅާކުރަން ސައޫދީގެ މަސްލަހަތު ހުންނަ ދިމަދިމާއަށް ބޮޑު ހަރަދެއް ކުރައްވާ ބޭފުޅެކެވެ. މި ޝައުގުވެރިކަމުގެ ތެރޭން ވަލީއަހުދު މުހައްމަދު ވަނީ އެމެރިކާގެ ޔޫއެފްސީގައި ގިނަ އިންވެސްޓްމަންޓް ތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން އެމެރިކާގެ ތަފާތު އެކި ކުޅިވަރުގައި ތަފާތު 910 ސްޕޮންސާއެއް މި ފަންޑުން ކޮށްފައިވެ އެވެ. އެހެންވެ ރައީސް ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ވެސް ރައީސް ޓްރަމްޕުގެ އަރިހުގައި "ހިޔަންޏެއް" ފަދަ އިން 930 ބިލިއަން ޑޮލަރުގެ ސައޫދީ ވެލްތް ފަންޑުގެ ވެރިޔާ ޔާސިރު އަލް މަޔާން ހުންނަވާތައް ގިނަ ފޮޓޯތަކުން ފެނިވަަޑައިގެންފައިވެ އެވެ. އަދި މިފަހަރު އާ ދައުރަކަށް ހޮވިވަޑައިގަންނަވަން ކުރެއްވި ކެމްޕޭންތަކުގައިވެސް ޔާސިރު ހުންނަވާތަން ފެނެ އެވެ. ބުނެވޭ ގޮތުގައި ރައީސް ޓްރަމްޕް އާއި ވަލީއަހުދު މުހައްމަދުގެ ގާތް ގުޅުން އުފެދިފައިވަނީ މި ފަންޑުން ކުޅިވަރަށް ކުރާ އިންވެސްޓްމަންޓް ތަކުންނެވެ.
ސައޫދީ ފަންޑުގެ ތާރީހަށް ބަލާއިރު މީހާތަނަށް ކުޅިވަރުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވެ އެވެ. މިގޮތުން އިނގިރޭސި ނިއުކާސަލް ޔުނައިޑެޓް ގަތީވެސް މި ފަންޑުންނެވެ. ޓްރަމްޕުގެ ފުރަތަމަ ދައުރުގައި އެމެރިކާގައި ގޮލްފް ތަރައްގީ ކުރަން މި ފަންޑުން 200 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. މީގެ އިތުރުން އެމެރިކާގެ ޓެނިހާއި ރެސްލިން އަދި އަންހެނުންގެ އެކި ކުޅިވަރު މުބާރާތްތަކުގައި ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ލޯގޯ ފެނެ އެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ރައީސް ޓްރަމްޕުގެ ފުރަަތަމަ ދައުރުގައި ސައުދީ ވަލީއަހުދު މުހައްމަދު ވަނީ އެމެރިކާގެ ސިލިކަން ވެލީގައި އިންވެސްޓްމަންޓް ތަކެއް ވެސް ކުރައްވާފަ އެވެ. މިގޮތުން އެއް އިންވެސްޓަރެއްގެ ގޮތުން އެންމެ ބޮޑު އިންވެސްޓްމަންޓެއް އެމެރިކާގެ ސްޓާޓަޕް ވިޔަފާރިތަކުގައި ކޮށްފައިވާ އިންވެސްޓަރަކީވެސް ސައޫދީ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާއަކީވެސް ސައޫދީން ބޮޑު ހަރަދު ކުރާ ކުންފުންޏެކެވެ. ޓުވިޓާގައި ސައޫދީން 300 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. މި އިންވެސްޓްމަންޓަކީ ޓުވިޓަރުގެ ބާނީ ޑެކްޖޯސީ ވެސް އެ ޕްލެޓްފޯމް އަށް ނުކުރާ ވަރުގެ ބިޔަ އިންވެސްޓްމަން ޓެކެވެ.
ރައީސް ޓްރަމްޕުގެ ފުރަަތަމަ ދައުތުގައި އެ މަނިކުފާނުގެ ސީނިއަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ޅީދަރިފުޅު ޖާ ކްރިޝްނާގެ އެފިނިޓީ ޕާޓްނާސް ކުންފުންޏާ ގުޅިގެން ޕީއައިއެފްއިން އެމެރިކާގައި ދެ ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. ސައޫދީ ޝާހީ އާއިލާ އިން މިފަހަރު ވެސް ދުރާލާ "ޓްރަމް ވޯލްޑް" ގައި އިންވެސްޓްކޮށް މިވަނީ ގުޅުން ގާއިމްކޮށްފަ އެވެ. ދެވަނަ ދައުރަކަށް ރައީސް ޓްރަމްޕް ވައިޓްހައުސް އަށް ވަދެވަޑައިގަތުމާއެކު ފުރަތަމަ ފޯންކޯލް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވަލީއަހުދު މުހައްމަދު ހިމެނިވަޑައިގަތީ އިއްތިފާގަތުންނޫވެ.