ގައުމުން ބައެއް ގެއްލޭއިރު އިދިކޮޅުގެ "އެންމެ ފުރަތަމަ ގައުމު" ކޮބާ؟

މުނައްވަރު ކުރެއްވީ ހަގީގަތުގަައި އިދިކޮޅު ޕާޓީން ކުރަން ޖެހޭ މަސައްކަތެވެ. އިދިކޮޅުގައިވެސް ގާނޫނީ ވަކީލުންގެ ޓީމެއް އެބައޮތެވެ. މުޅި މައްސަލައިގެ ހަގީގަތް އެނގޭ ވަރުގެ ތަޖުރިބާކާރު ބޭފުޅުން އެބަތިއްބެވެ. ނަމަވެސް މިހާތަނަށް ނޫސްބަޔާނެއް ވެސް ނެރެފައެއް ނެތެވެ. އިހުތިޖާޖަށް ނުކުމެފައެއް ނުވެއެވެ.

ދިވެހި ދިދަ އާއި ޕީޕީއެމްގެ ދިދަ: ޕީޕީއަމުން "އެންމެ ފުރަތަމަ ގައުމު" އެ ޝިއާރު ވިއްކާއިރު ފޯޅަވަހީގެ މައްސަލާގައި މާ ބޮޑު އަޅައިލުމެއް ނެތް

ފޯޅަވަހީގެ ރަަށްތަކުގެ މައްސަލާގައި ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތު ކުއްލި ގޮތަކަށް ބަދަލު ކޮށްފައި ވަނީ "ސިއްރުން" ނެވެ. ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ދޫކޮށް އެއީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކޮށް އދ. ގައި ނަގާ ވޯޓްގައި ރާއްޖެއިން އެ ގަައުމާއި އެއްކޮޅަށް ވޯޓްދޭނެ ކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. މި ސިޓީފުޅު ފޮނުވާފައި ވަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަހަޙައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން ރާއްޖެ އާއި ދެކޮޅު މައްސަލަ އެއް މޮރިޝަސް އިން ހުށައަޅާ އެ މައްސަލާގައި ގޮތް ނިންމަން ކުޑަތަން ވެފައި ވަނިކޮށެވެ.

ސިޓީފުޅެއް މެދުވެރި ކުރައްވާ ރާއްޖެ، މޮރިޝަސްއާއެކު އޮތްކަން އެންގެވިކަން ދިވެހި ދައުލަތުން ހާމަ ކޮށްފައި ވަނީވެސް ޓްރައިބިއުނަލްގައި މިހާރު އޮތް މައްސަލައިގެ އަޑުއެހުމެއްގައި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތެވެ. އޭގެ ކުރީން އެކަން އޮތީ ސިއްރު ކުރެވިފަ އެވެ. ދައުލަތުން ރަސްމީކޮށް އެކަން ހާމަ ކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ މި ސްޓޭންޑާއެކު ވަރަށް ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ދެކުނުން ކަނޑުގެ ބައެއް ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެެވެ. އެކަންބޮޑުވުން ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ވެސް އެކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ. އެކަންބޮޑުވުންތަކަށް ސަރުކާރުން ދޭ ޖަވާބުން މައްސަލައިގެ ހައްސާސްކަން ދަނީ އިތުރުވަމުންނެވެ. މިކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަށް އިތުރަށް ދަނީ ހާމަވަމުންނެވެ. ބާރުގަދަ ނުފޫޒެއް އޮތް ކަމުގެ ތުހުމަތު އެބައޮތެވެ. ސަރުކާރުގެ ސިޔާސަތު ބަދަލުވުމުގައި ފައިސާގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު އެބައޮތެވެ.

އެކަންކަން ނެތްކަން ދައްކަން ސަރުކާރުން ބުނަނީ ދެތީން ވާހަކަ އެކެވެ. އެއް ވާހަކައަކީ އދ. ގެ ވޯޓާއި ޓްރައިބިއުނަލްގެ މައްސަލައަކީ ދެ ކަމެކެވެ. ނަމަވެސް އދ. ގައި މޮރިޝަސްއަށް ވޯޓްދޭނެ ވާހަކަ ސަރުކާރުން ބުނީ ޓްރައިބިއުނަލްގައި ވާހަކަ ދައްކަމުންނެވެ. ރައީސް ފޮނުއްވެވި ސިޓީގެ ވާހަކަ އާއި އެ ސިޓީން ދެއްވި ޔަގީން ކަމުގެ ވާހަކަ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ކުރާ ދައުވާއެއްގެ ތެރެއިން އިއުލާނުވާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ. މިއީ ބުއްދި ހަމަޖެހޭ އެކަކުވެސް ގަބޫލު ކުރާނެ ވާހަކައެއް ނޫނެވެ.

ބައެއް ގާނޫނީ ވަކީލުންގެ ނަޒަރުގައި މިއީ ޓްރައިބިއުނަލްއިން މޮރިޝަސްއަށް ކާމިޔާބު ހޯދައިދޭން ގަސްތުގައި ރާއްޖޭގެ ވެރީން ކުރެއްވި ކަމެކެވެ. ފޯޅަވަހީގެ ރަށްތަކާމެެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުއްލި ގޮތަކަށް ބަދަލުކުރީ އިސްތިއުމާރު ކުރުމާއި ދެކޮޅުކަން ހާމަކޮށް މޮރިޝަސްއާ ގުޅުން ވަރުގަދަކޮށް ދުނިޔޭގެ ގައުމުތަކާއެކުގައި އޮތުމަށް ކަމަށް ސަރުކާރުން ބުނެެއެވެ. ނަމަވެސް މިއީ ކޮން ހަމައަކުން ހަމަޖެއްސޭނެ ވާހަކައެެއް ހެއްޔެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު

މިއަދާ ހަމައަށް ދިވެހީންގެ ސްޓޭންޑަކީ އެއީއެއް ނޫނެވެ. ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި އިނގިރޭސީންނާއެކު ރާއްޖެ އޮތީ އެކަމުން ރާއްޖެއަށް އެތައް ފައިދާއެއް އޮތުމުންނެވެ. މި ސަރުކާރު އައި ފަހުން 2019 ގައިވެސް އދ. ގައި ރާއްޖެ ނެގީ އިނގިރޭސީންގެ ކޮޅެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތް ކުރުމުގެ ބޭނުމުގައި ނެގި ފިޔަވަޅެއް ކަމަށް ބުނެއެވެ. ނަމަވެސް ކުއްލިއަކަށް ރާޢްޖެއަކީ އިސްތިއުމާރާ ދެކޮޅު ގައުމެއްކަން ދައްކަން މޮރިޝަސް ކޮޅު ނަގަން ޖެހިއްޖެ އެވެ. ސަރުކާރުން މި ބަހަނާ ދައްކާ މޮރިޝަސް ކޮޅު ނެގި ނަމަވެސް ރާއްޖެ ވަނީ މިނިވަން ދައުލަތަކަށް ވީއްސުރެެ އިސްތިއުމާރާ ދެކޮޅުކަން ހާމަކޮށްފަ އެވެ. މޮރިޝަސް މައްސަލައަކީ އދ. ގައި މުޅީން ގޮތް ނިމިފައިވާ މައްސަލައެއް ނޫން ކަމުން މިއީ އިސްތިއުމާރާ ދެކޮޅުކަން ހާމަ ކުރަން ކޮންމެހެން ނަގަން ޖެހޭ ފިޔަވަޅެއް ނޫނެވެ. ގާނޫނީ ވަކީލުން އެ ވިދާޅުވަނީ އެ ވާހަކަ އެކެވެ.

މޮރިޝަސް މައްސަލައިގެ ކަންބޮޑުވުން މިގޮތުގައި އޮތްއިރު އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ ބުނެދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލަން އޮތް އިދިކޮޅު ޕާޓީ ކޮބައި ހެއްޔެވެ؟ އެ މީހުންގެ ދައުރު އެބަ އަދާ ކުރެވޭ ހެއްޔެވެ؟ މިއީ މަޖިލީހަށް ހުށައަޅާލާ ބަހުސް ކޮށްލާ ލުއި ގަރާރަކުން ނިންމާލެވެން އޮތް ކަމެއް ހެއްޔެވެ؟ ނޫނީ މިއީ "ރިއެކްޓް" ކޮށްލާ ބައްލަވާށޭ ވިދާޅުވެ އިދިކޮޅުގެ ދެތީން ބޭފުޅަކު ކޮށްލައްވާ ޓްވީޓަކުން ފުއްދާލެވެން އޮތް ކަމެއް ހެއްޔެވެ.

މިއީ އެއަށް ވުރެ މާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ދިވެހީންނަށް ވަރަށް ބޮޑަށް ސާފުވާން ޖެހެ އެވެ. އެކަން ކޮށްދިނުމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ "އެންމެ ފުރަތަމަ ގައުމު" ކަމަށް ބުނެ އެ ސްލޯގަން އުފުލާ އިދިކޮޅު ޕީޕީއެމަ\ށެވެ. މޮރިޝަސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވީ ގޮތް ސާފުވާން ޖެހެއެވެ. އެކަމުގައި ފައިސާގެ ކަމެއް އުޅޭތޯ، ބޭރު ގައުމެއްގެ ނުފޫޒެއް ވޭތޯ ޔަގީން ކުރަން ޖެހެއެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް ކުއްލި ސިއްރު ސިޓީފުޅެއް ފޮނުވި ސަބަބު އެނގެން ޖެހެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވާ ޔަގީންކަން ދޭން ޖެހޭ ވަރުގެ ކަމެއް ހެއްޔެވެ. ކޮންމެހެން ދިވެހި ސިއްކަ ޖެހި ލިޔުމެއް، ދިވެހީން ތިބީ މޮރިޝަސްއާއެކު ގައި ކަން އަންގާ ފޮނުވަން ޖެހޭ ހެއްޔެވެ. އެކަމަށް އޮތް މަޖުބޫރަކީ ކޮބައި ހެއްޔެވެ. އެކަމަށް ގައުމަކުން ބާރު އެޅީ ހެއްޔެވެ. މަޖުބޫރުވީ ހެއްޔެވެ. އެހެންވެއްޖިއްޔާ އެ މަޖުބޫރަކީ ކޮބައި ހެއްޔެވެ.

ސިޓީފުޅު ފޮނުވުމުގެ ކުރީން އެކަން މަޖިލީހަށް ނޭންގެވީ ކޮން ސަބަބާއި ގުޅިގެން ހެއްޔެވެ. އެތައް އަހަރެއް ވަންދެން ދިވެހީން ގެންގުޅުނު ސިޔާސަތު، ދިވެހީންގެ މަސްލަހަތު އޮތް މައްސަލައެއްގައި ބަދަލު ކުރާއިރު އެކަން ރައްޔިތުންނަށް އެނގެން ނުޖެހޭ ހެއްޔެވެ. ފުރަތަމަ އެކަން އެނގެން ޖެހޭނީ ދިވެހިންނަށް ނޫން ހެއްޔެވެ. އެކަން އެގޮތަށް ނުކުރި ސަބަބު ސާފުވާން ޖެހެ އެވެ. ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށް ބުނެ ސަރުކާރަށް ދިފާއުވާން ފުރުސަތު ދީގެނެއް ނުތިބެވޭނެ އެވެ. ސަރުކާރުން އެހެން ބުނަން ލަދު ގަންނަން ޖެހެއެވެ. އެެހެން ނުވެސް ބުނެވޭނެ އެވެ. އެ ހެން ބުނާނަމަ އެއީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކާއި ހިލާފު ވުމެކެވެ.

ޑރ. މުނައްވަރުގެ ޕްރެސްއާ ގުޅިގެން ޕްރެޝަރު ބޮޑުވެ ރޭ ސަރުކާރުން ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

މޮރިޝަސްގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކޮށްފައިވާއިރު ޓްރައިބިއުނަލްގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލާގައި ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކޮށް ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމަ އަށް ދިފާއު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން އެހެން ބުނީ މައްސަލައިގެ އަޑުއެހުންތައް ނިމި ގޮތް ނިންމަން ކުޑަތަން ވެފައި ވަނިކޮށެވެ. މައްސަލައިގެ އަޑުއެހުންތައް އޮކްޓޫބަރު 17 އިން 24 އަށް ނިމިފައިވާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައަށް ގޮތް ނިންމުމެވެ.

މި ހައްސާސް މައްސަލާގައި ދިވެހީންނާއި ދިވެހި ގައުމު ދިފާއުކޮށް ވާހަކަ ދެއްކި ކަމަށް ބުނާ ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމަކީ ކޮބައިކަން ރެއާއި ހަމައަށް އޮތީ ސިއްރުވެފަ އެވެ. ޓީމެއް އޮތް ވާހަކަ ސަރުކާރުން ބުނީ ވެސް ރޭ ނޫން އިހަށް ރޭ ވަރަށް ދަންވި ފަހުން ނެރުނު ބަޔާނެއްގަ އެވެ. އެ ޓީމުގެ އެންމެ އިސް ބޭފުޅާ ބައިވެރިކޮށް ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާ އެ ޓީމުގެ ތައާރަފެއް ސަރުކާރުން ދިނީ ރޭ ބޭއްވި ކުއްލި ނޫސްވެރީންގެ ބައްދަލްވުމެއްގަ އެވެ.

އެ ބައްދަލްވުން އައީ ކުރީގެ ބަންޑާރަ ނާއިބު، މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު މުނައްވަރު މޮރިޝަސް މައްސަލައާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތި ކުރައްވާ ވަރުގަދަ ނޫސްވެރީންގެ ބައްދަލުވުމެއް ބޭއްވުމުންނެވެ. މުނައްވަރު ވަނީ ރާއްޖެ ތަމްސީލު ކުރަނީ ކޮން ފެންވަރެއްގެ ކޮން ގައުމެއްގެ ކޮން ބައެއްތޯ ސުވާލު ކުރައްވާފައެވެ. އެ މީހުންނަށް ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން ކިހާ ފައިސާއެއް ހަރަަދު ކުރެވޭތޯ އެވެ. އަދި އެ މީހުން ދިވެހީންގެ ދިފާއުގައި ކިހާވަރަކަށް ވަކާލާތު ކުރިތޯ އެވެ. ދިވެހީން މޮޅު ކޮށްދެވިދާނެތޯ އެވެ. މިހެން ގޮސް ކިތަންމެ ސުވާލެއް މުނައްވަރު ކުރިމަތި ކުރެއްވި އެވެ.

ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު: މޮރިޝަސް މައްސަލާގައި ސަރުކާރުގެ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ ސާފު މިސާލުތައް ދެއްކެވި -- މުހައްމަދު ޒައިން އިބްރާހިމް | މި

މުނައްވަރު އިއްޔެ އެ ކުރެއްވީ ހަގީގަތުގަައި އިދިކޮޅު ޕާޓީން މިއަދު ކުރަން ޖެހޭ މަސައްކަތެވެ. އިދިކޮޅުގައިވެސް ގާނޫނީ ވަކީލުންގެ ޓީމެއް އެބައޮތެވެ. މުޅި މައްސަލައިގެ ހަގީގަތް އެނގޭ ވަރުގެ ތަޖުރިބާކާރު ބޭފުޅުން އެބަތިއްބެވެ. ނަމަވެސް މިހާތަނަށް ނޫސްބަޔާނެއް ވެސް ނެރެފައެއް ނެތެވެ. އިހުތިޖާޖަށް މަގުތަކަށް ނިކުމެފައެއް ނުވެއެވެ. ރާއްޖެއިން ބައެއް ގެއްލިދާނެ ކަަމަށް ބުނެ ޓްވީޓް ކުރުމުން އިދިކޮޅުގެ ޒިންމާ އަދާވީއެއް ނޫނެވެ. ހަގީގަތް ބުނެދޭށޭ ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމުން ޒިންމާ އަދާވީއެއް ނޫނެވެ.

ހަގީގަތުގައި މި މައްސަލާގައި ކޯލިޝަންގައި ތިއްބެވި ބައެއް ލީޑަރުން ކޮށްލިވަރުވެސް އިދިކޮޅަށް އަދި ނުވެއެވެ. ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ކުރެއްވި ވަރުވެސް ޕީޕީއެމް / ޕީއެންސީއަށް ނުވެއެވެ. އެ ދެ ޕާޓީން ދެކޭ ގޮތުގައި މި ސަރުކާރު ދެމެހެއްޓުމުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ދައުރު ބޮޑެވެ. ނަމަވެސް މި މައްސަލާގައި އެ ދެ ޕާޓީ އާއި އެ ދެ ލީޑަރުން ކުރެއްވި ވަރުވެސް އިދިކޮޅު ދެ ޕާޓީއަށް ވެއްޖެ ހެއްޔެވެ. މޮރިޝަސް މައްސަލާގައި ގާސިމް ބަޔާނެއް ނެރުއްވި އެވެ. އެ މައްސަލަ ބަލަން ނާޒިމް މައްސަލައެއް ހުށައެޅުއްވިއެވެ. ރައްޔިތުންނަށް އޮތް ކަމަށް ފެންނަ ނުރައްކާތަކާއި ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ. އިއްޔެ މަޖިލީހުގައި މި މައްސަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ކަންބޮޑުވުމާއެކު ވާހަކަ ދެއްކެވިއެވެ. އެއް ބޭފުޅަކީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. މުޅި މައްސަލައަށް އިލްމީ، އޮއްޓަރު ހުރި ބަހުސެއް ކުރެއްވި އެވެ. ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވާހަކަ ދެއްކެވިއެވެ.

އެ ބޭފުޅުން އެވަރު ކުރެއްވިއިރު އިދިކޮޅުގެ ޕާޓީއަށް ކުރެވުނީ ކޮން ކަމެއް ހެއްްޔެވެ. ގައިމު ބަޔާނެއް އަދި ނުނެރެއެވެ. އެކަމަށް ހާއްސަކޮށް ޖަލްސާއެއް ނުބާއްވައެވެ. ގާނޫނީ ވަކީލުން މެދުވެރިކޮށް މައްސަލައިގެ ސީރިއަސްކަން ސާފުކޮށްދޭން މަސައްކަތެއް ނުކުރެއެވެ. އިހުތިޖާޖަކަށް އިއުލާނެއް ނުކުރެއެވެ. އެކަން ކުރެވޭނެ ވަރުގެ ގާބިލްކަން ހުރެ އެކަން ކުރުން ފަސް ކުރަނީ ކީއްވެ ހެއްޔެވެ.

މިއީ އެންމެ މައްސަލައެކެވެ. މިކަހަލަ ކިތައް މައްސަލަ މިހާރު އެބަ ވޭ ހެއްޔެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމުގެ މައްސަލަ މަޖިލީހުން ނިންމަން އެ ދަނީ ތައްޔާރު ވަމުންނެވެ. އިތުރު ދެ ޕަަސެންޓް ޓެކްސް ބޮޑުކުރުމުން ތަކެތިގެ އަގު އުފުލޭނެ އެވެ. އަނެއްކާވެސް ނިކަމެތިވެ ގެއްލުން އޮތީ ރައްޔިތުންނަށެވެ. ސިޔާސީ މަގާމުތަކަށް ކުރާ ހަރަދެއް ކުޑައެއް ނުކުރެއެވެ. ދައުލަތުގެ ހަރަދު ކުޑައެއް ނުވެއެވެ. ބޮޑު މުސާރަ ނަންގަވާ ބޭފުޅުންގެ މުސާރަ ކުޑައެއް ނުކުރެއެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުރަން ޓެކްސް ބޮޑު ކުރަން ޖެހިއްޖެ އެވެ. ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން ޖެހެނީ އިދިކޮޅު ދެ ޕާޓީން ނޫން ދެން ކޮން ބައެއް ހެއްޔެވެ. މިކަންކަމާއިވެސް ކަންބޮޑުވެ ވާހަކަ ދައްކާތަން ފެންނަނީ އެމްޑީޕީގެ ބައެއް މެންބަރުންނެވެ. އިދިކޮޅުގެ އިހްތިޖާޖެއް ކަންބޮޑުވުމެއް ނުފެއެވެ.

ކޮމެންޓް

1
450
ޙަސަން
1 year ago

މަކޮސްވެއްޖެ. ޢަހުމަދު ހަމީދު އާދަމް ވެސް އެބަޖެހޭ ޒިންމާ ނަގަން. ޟޮޅެތި އާޓިކަލް ލިޔެވިދާނެ. ކުއްލި މައްސަލައެއް ލިޔަސް އެ ބޭރު ކޮށްލާނެ. ޢެންމެ ފުރަތަމަ ގައުމު އެޝިއާރު ތެރޭގައި ތިކަންވެސް ހިމެނޭނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.