ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ ޖެހެނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އާ ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ދިވެހި ސަރުކާރުން ހުށަހެޅުމުންނެވެ.
ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއް ކަމަށް ކުރާ ދައުވާއަށް ދިވެހި ރާއްޖެއިން އެއްބަސްވާނަމަ އެބަސް ވެވެނީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހައްމަދު ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ފޯޅަވަހީގެ މައްސަލާގައި މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އޭގެ ތެރެއަށް ވަދެ ވަޑައިގެން ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރުމުން އެއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ދިވެހި ސަރުކާރުން އެ އެއްބަސްވީ ކަމަށެވެ.
"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވެރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ފޯޅަވައްސާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރި ކަމަށާއި އެ މަޝްވަރާގައި ސަރުކާރުގެ އޭރުގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުކުުރުން ކަމަށެވެ.
"އަޅުގަނޑު މިއަދު ދަންނަވާނަން އަޅުގަނޑު އޭރު ގެންގުޅުނު ވިސްނުން. އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ އަޅުގަނޑުމެންގެ ތަނެކޭ ޑިއަގޯގާސިިއާ އަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.
ޗާގޯސް އައިލޭންޑްސް އަކީ ކުރިން މޮރިޝަސްގެ އަތޮޅެކެެވެ. ނަމަވެސް، އިނގިރޭސި އިސްތިއުމާރު ގައުމުން ވަނީ، ޗާގޯސްގައި ދިރިއުޅެމުން ދިޔަ ރައްޔިތުން ބާލައި އެ ރަށްތަށް އިނގިރޭސިންގެ އަސްކަރީ ބޭނުންތަކަށް ނަގާފަ އެވެ. އެކަމާ ގުޅިގެން މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައެވެ. ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ ޖެހެނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އާ ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ދިވެހި ސަރުކާރުން ހުށަހެޅުމުންނެވެ.