ވެރިކަން ވައްޓައިލަން އިންޑިޔާއިން އެހީތެރިނުވާނެ: ނަޝީދު

ނަޝީދާއި ސޯލިހާ ދެމެދު ސުލްހަކުރުމަށް އިންޑިޔާއިން މަސައްކަތްކުރި ވާހަކަ ދޮގުނުކުރައްވައި ނަޝީދު ވިދާޅުވީ އިންޑިޔާއިން ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް އެހީނުވާނެކަން ޔަގީން ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ރާއްޖޭގެ ވެރިކަން ވައްޓައިލުމަށް އިންޑިޔާއިން އެހީތެރިނުވާނެކަމަށް އިންޑިޔާއާ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށް މަގާމުން އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ކުރި މަސައްކަތުގައި އިންޑިޔާގެ އެހީތެރިކަން ހޯދަން މަސައްކަތްކުރި ވާހަކަ އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ. 

އެ ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ރައީސްގެ ވެރިކަން ބަދަލުކުރުމަށް 87 މިލިއަން ރުފިޔާ އިންޑިޔާއިން ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ކަމަށާއި، އެކަމަށް އެ ޕާޓީން އެކުލަވައިލި ކަރުދާސްވެސް އެ ނޫހަށް ލިބިފައިވާ ކަމަށެވެ. 

އަދި ވެރިކަން ބަދަލުކުރަމަށްޓަކައި ރައީސް މުއިއްޒު އަޒުލުކުރުމުގެ މަސައްކަތް ނާކާމިޔާބުވެއްޖެ ހާލަތެއްގައި މި އަހަރުގެ އޭޕްރީލު މަހުގައި ބޭއްވި މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީއަށް އިންޑިޔާއިން އަށް މިލިއަން ޑޮލަރު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރިކަމަަށްވެސް އެ ނޫހުގައި ރިޕޯޓުގައި ކޮށްފައި އޮތެވެ. 

ރައީސް ނަޝީދާ ގުޅޭ ގޮތުން ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައި އޮތް ވާހަކައަކީ ފާއިތުވި ދައުރުގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދުގައި އުފެދުނު ނުތަނަވަސްކަން ކުޑަކޮށް ދެ ބޭފުޅުން އެއްގަލަކަށް އެރުވުމަށް އިންޑިޔާއިން މަސައްކަތްކުރި ކަމަށެވެ. 

އެގޮތުން އެނުތަނަވަސްކަަން ކުޑަކުރެއްވުމަށް އިންޑިޔާ ސަފީރު ސީދާ މަސައްކަތްކުރެއްވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސީދާ ސަފީރު ރައީސް ނަޝީދާ ބައްދަލުކުރައްވަައި ދެ ބޭފުޅުން އެއްގަލަކަށް އެރުއްވޭތޯ މަސައްކަތްކުރެއްވި އެވެ.

އަދި ޓްރާންސްޕޮންޑާ ނިއްވާލައިގެން ވަގަށް އިންޑިޔާއިން ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފުލައިޓެއްގައި އިންޑިޔާގެ އޮފިޝަލުންތަކެއް ރާއްޖެއަށް ވަޑައިގެން ކުރުނބާ އައިލެންޑް ރިސޯޓުގައި ސިއްރިއްޔާތުގައި ނަޝީދާ ބައްދަލުކުރައްވައި ރައީސް ސޯލިހަށް ތާއީދުކުރައްވާތޯ އާދޭސްކުރެއްވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކްސްގައި ނަަޝީދު ކުރެއްވި ޕޯސްޓުގައި އެމަނިކުފާނާ ގުޅުވައިގެން އެ ލިޔުމުގައި ހުރި އެއްވެސް ވާހަކައެއް ދޮގުނުކުރައްވައި ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރުމަށް އެއްވެސް ސީރިއަސް ރޭވުމެއް ރޭވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

އަދި ރާއްޖޭގެ ވެރިކަން ބަދަލުކުރަން ކުރާ އެއްވެސް މަސައްކަތަކަށް އިންޑިޔާއިން އެހީތެރިނުވާނެ ކަމަށާއި، އަބަދުވެސް އިންޑިޔާއިން ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދުކޮށް މަދަދުވެރިވާ ކަމަށެވެ. އަދި އިންޑިޔާއިން ރާއްޖެއަށް ކަންކުރަންވާ ގޮތް ދުވަހަކުވެސް ބުނެދީފައިނުވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ. 

އިންޑިޔާގެ ގިނަ އޮފިޝަލުންތަކަކާ ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާ އިންޓަވިއުކުރުމަށްފަހު އެ ނޫހުގައި ފާހަގަކުރި ގޮތުގައި އެމްޑީޕީގެ ލީޑަރުންނާއި އެ ޕާޓީގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައިވެސް އެމްޑީޕީން އަންނަނީ ވަރަށް ބޮޑު ދައުރެއް އަދާކުރަމުންނެވެ. 

އެމްޑީޕީގެ ރައީސްކަންވެސް ކުރިން ކުރެއްވި ނަޝީދު އެ ތުހުމަތުތަކާ ގުޅޭ ގޮތުން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެއްވެސް ބަސްފުޅެއް ވިދާޅުވެފައިނުވާކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.