އަލިފާނުގެ ހާދިސާ ތަހުގީގުކުރަން މިހާރު ފުލުހުންގެ ހިދުމަތުން ފަށާފައިވާއިރު، އެކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް ފުލުހުން ނިންމާފައިވެ އެވެ.
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގު ފުލުހުންގެ އިދާރާއިން ފަށައި އެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމައިފި އެވެ.
އެ ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކު ޓީމުތަކުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ ތަހުގީގުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ހޯދައި އެނަލައިޒްކުރުމާއި، އެ ހާދިސާގެ މަންޒަރު ފުރަތަމަ ފެނުނު މީހުންގެ ބަޔާންތައް ނެގުން ކަމަށެވެ. އަދި އެތަނުގައި އެވަގުތު ތިބި މީހުންގެ އިތުރަށްވެސް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާ ވިދާޅުވި އެވެ.
މި ހާދިސާއަކީ ބޮޑު ހާދިސާއެއްކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ ހާދިސާގެ ތަހުގީގު އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމަވާފައިވާ ކަމަށެވެ. އިތުރަށް ޝުޖާ ވިދާޅުވީ ތަހުގީގު ކުރިއަށްދާ މިންވަރަކުން އެންމެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމުގަ އެވެ.
"މި ތަހުގީގުގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހިތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް، ކުރިއަށް މި އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރާނަން،" ސީޕީ ވިދާޅުވި އެވެ.
ސީޕީ އިތުރަށް ފާހަގަކުރެއްވީ އަލިފާނުގެ ހާދިސާ ހިނގުމުން އަލިފާން ނިއްވުމަށް ފުލުހުންގެ ގާބިލުކަން ހުރި މިންވަރުން އެ އިދާރާއިން ސިފައިންނަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށެވެ.