ދިވެހި ގައުމިއްޔަތުގެ ބުންޔާދަކީ އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި ހިތްވަރު ގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު ކަމަށާ އެ ޖިހާދުގެ އާރަކީ ވަޒަނުގެ އަހުލުވެރިން އީމާން ވެގެން ތިބި އެއްކައުވަންތަކަމުގެ އަގީދާ އާއި މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާ އެ ހަނގުރާމައިން ދިފާއުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި އުފައްދަންވީ ގައުމީ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާ ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަން ޖެހެނީ ކޮން ކަމެއްތޯ ބަލާ ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.
ދިވެހި ގައުމިއްޔަތުގެ ބުންޔާދަކީ އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި ހިތްވަރު ގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު ކަމަށާ އެ ޖިހާދުގެ އާރަކީ ވަޒަނުގެ އަހުލުވެރިން އީމާން ވެގެން ތިބި އެއްކައުވަންތަކަމުގެ އަގީދާ އާއި މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ލޯބި ނެތް ނަމަ މިއަދު ޒިކުރާ އައު ކުރާނެ ބޮޑު ތަކުރުފާނެއް ނުއުފެދުނީސް. ގައުމީ ދުވަހެއް ވެސް ތާރީހުގައި ނުލިޔެވުނީސް. އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ގައުމިއްޔަތާ ދެކޮޅަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް. އެ ހަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހަ އެއް ނޫން. އަމާޒުކުރަނީ އަޅުގަނޑުމެންގެ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ވެސް ނޫން. އެ ހަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ވިސްނުމަށާއި ފިކުރަށް،"
ރައީސް ވިދާޅުވީ ގައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާ އެ ހަނގުރާމައިން ދިފާއުވެ، ގައުމިއްޔަތު ދިރުވުމަށްޓަކައި ހިތްތަކުގައި އުފައްދަންވީ ގައުމީ ލޯބި ކަމަށެވެ. ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ހުއްބުލް ވަތަން ކަމަށެވެ.
"ގައުމު ދެކެ ތިމާ ލޯބިވާންވީ އެ ގައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން. ގައުމު ދެކެ ލޯބިވާންވީ އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ. އަދި އެ ވަޒަނެއްގައި ތިމާގެ ވަންހަ އާއި ނަސްލު ދެމި އޮތަތީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމިއްޔަތު ދިރުވުމަކީ އެ ގައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުމެވެ. އެ ގައުމެއްގެ ކީރިތި ކަމާއި ހައިބަވަންތަކަން ގަބޫލުކުރުމެވެ. އަދި ގައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމެވެ. އެބައެއްގެ އެއްމެދު ގަބޫލުކުރުންތަކާއި ހަމަތަކަށް އިހްތިރާމް ކުރުމާއެކު އެބަޔަކާ ލާމެހިފައިވާ ތަބީއީ ހުރިހާ ކަންކަމާ މެދު އަގަލާއި ކުލުނު އުފެއްދުން ކަމަށެވެ.
"މި ހަމައިން ގައުމަކާ މެދު ދެކެން ފަށައިފި ނަމަ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ގައުމިއްޔަތަށް ވުރެ އަގު މާތް ޖައުހަރެއް ނޯންނާނެ. ގައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން. އަޅުގަނޑުމެން އުޅެމުން މި ދަނީ ލާމެހިފައިވާ ދުނިޔެ އެއް ގައި. އެހެން ހައުމުތަކާ އެކުގައި ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީވެސް ގައުމިއްޔަތު ދިފާއުކުރުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވިއެވެ.