މިނިސްޓަރު ނަސީމަށް މި އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ / މިނިސްޓަރު އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.
މިނިސްޓަރު ނަސީމަށް މި އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މި އިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީނަށެވެ. ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށް ވާތީ އާއި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ ކުރިއަރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި ވެވަޑައިގެންނެވި ގުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އަހުމަދު ނަސީމް ކޮށްދެއްވި ހިދުމަތްތަކަކީ ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ޖެހޭނެ ހިދުމަތްތަކެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިިނިސްޓަރު ނަސީމަށް ތައުރީފު ކުރައްވާ ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރު ވެސް އެ ސިނާއަތު ތަރައްގީ ކުރެއްވުމަށް ނަސީމް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާ މިއަދު މިއޮތް ފެންވަރަށް ފަތުރުވެރިކަން ކުރިއަރައިގެން ހިނގައިދާނެކަމުގެ އެއްވެސް އަލިމަގެއް / އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި އެކަމަށް ހިޔާލު ކުރައްވައި ފަތުރުވެރި ކަމަކީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ސިނާއަތެއްކަން އަމިއްލައަށް ދެކެވަޑައިގެން މަސައްކަތް ފެއްޓެވި ބޭފުޅެއް ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެ މަނިކުފާނުގެ ހިދުމަތުގެ ތާރީހަށް ބަލާއިރު އެކިފަހަރު މަތިން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ހިދުމަތް ކުރައްވައިފައި. އަދި ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތައް އެ މަނިކުފާނު ވަނީ ފުރުއްވައިފައި. ހާއްސަކޮށް ރާއްޖޭގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒްގެ މަގާމުގަޔާއި ހާރިޖީ ދާއިރާގެ ތަފާތު މަގާމުތަކުގައި ކުރެއްވި ހިދުމަތްތައް އަޅުގަނޑު ފާހަގަކުރަން. އެހެންކަމުން އެ މަނިކުފާނުގެ މި ދެންނެވި ހިދުމަތްތަކަކީ، ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ޖެހޭނެ ހިދުމަތްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނު،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނަކީ އެވަގުތަކު ހުންނެވި ވެރިޔަކު ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އިހްލާސްތެރިކަމާއެކު ކުރައްވާ ބޭފުޅެއް ކަމަށާ ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް ނަސީމް އަދާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫއަކީ ކުރިންވެސް ފާހަގަ ކުރެވިގެންދިޔަ ފަދައިން ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫއު. އެ މަސައްކަތްވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ހިދުމަތެއް މި ގައުމަށް ލިބިފައިވާކަން ފެނިގެން ހިނގައްޖެ،"
ރައީސް ސޯލިހް ވަނީ، މިނިސްޓަރު އޮފް ހެލްތު ކަމުގެ މަގާމުގައި ހުންނަވައިގެން ނަސީމް މިހާރު ކުރައްވަމުން ގެންދަވާ ހިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭނެ ފަދަ ގައުމީ ހިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރުވެސް ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
"ފާހަގަކުރެވިފައި ނެތް ނަމަވެސް ނަސީމަކީ ވަރަށް ވަރުގަދަ ސްޕޯޓްސް ޕާސަނަލިޓީއެއް. ކުޅިވަރުގެ މައިދާނުގައި ހުނަރުވެރި ޒުވާން ދައުރުގައި ހުނަރުވެރި ކުޅުންތެރިއެއް. ކުރިކެޓް ކުޅުންތެރިއެއް. ވޮލީ ކުޅުންތެރިއެއް. އަދިވެސް ރާއްޖޭގައި އޭރު ތައާރުފުވެގެން އައި ކުޅިވަރުގެ އެތައް އެތައް އެތައް މައިދާނެއްގައި ރަންވަނަތަކެއް ހޯއްދަވައިފައި ހުންނެވި ބޭފުޅެއް. ހާއްސަކޮށް އަޅުގަނޑު ހަނދާންވާ ގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ވޮލީ ޗެމްޕިއަނަކީވެސް ނަސީމް،" ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ބޮޑުބައި ނަސީމަށް ހާއްސަކުރައްވާ ރައީސް ވިދާޅުވިއެވެ.