"ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައިވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަމެވެ."
މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ރަމީލާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު ރަމީލާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށެވެ. އަދި އެކަމަނާގެ އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލައިގެންފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިނިސްޓަރު ރަމީލާ އުޅުއްވަނީ ކެންސަރުގެ އާލާސްކަންފުޅެއްގަ އެވެ. މަގާމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަރުވާ އަށް ރާއްޖޭން ބޭރަށް ވެސް ވަޑައިގެންނެވި އެވެ. އެކަމަނާގެ އާލަސްކަންފުޅު އެކަމަނާ ފުރަތަމަ ހާމަ ކުރެއްވެވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ނޮވެމްބަރު 29، 2023 ވަނަ ދުވަހު އެވެ.
އެ ޕޯސްޓުގައި އެ ކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެ އެވެ.
ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް އޭރު ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީ ކޮޅު އެވެ. އެއަށްފަހު މިނިސްޓަރުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ވަރަށް އެކްޓިވްކޮށް ވެސް އުޅުއްވި އެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ރައީސް މުއިއްޒުގެ މެސެޖެއް ވެސް ވެ އެވެ. އެގޮތުން ރަމީލާ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، ރާއްޖޭގެ ވެރިކަން ކުރިއަރުވައި އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް އެ މަނިކުފާނަށާއި ސަރުކާރަށް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައިވެ އެވެ.
"ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައިވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަމެވެ." ރައީސްގެ މެސެޖުގައިވެ އެވެ.
ރައީސް ވަނީ ރަމީލާއަށާއި އާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން ދެއްވުމަށާއި އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ދަންނަވާފަ އެވެ.