ރަކީދޫ އުންމީދުން ދިއްލި އަވިހަކަތަ ނިވި އަނދިރިވި ގޮތް

މަޝްރޫއަކީ އޭޑީބީގެ ހިލޭ އެހީއެކެވެ. އެކަމަކު މަޝްރޫއު ފެއިލްވީ އެންމެ ގޯހަކުންނެވެ. އެ ގޯސް ހެދުމުގެ ނަތީޖާއަކީ ހަކަތަ ފޯރުކޮށްދޭން ބެހެއްޓި ހުރިހާ ބެޓެރިއެއް ވީރާނާ ވެގެން ގޮސް ކުދިކުދި ވުމެވެ.

ރަކީދޫ އިންޖީނުގެ އޮފީސް : ރަކީދޫގައި ކުރިން ހިންގި ސޯލާ މަޝްރޫއު ވަނީ ފެއިލްވެފަ

ވ. ރަކީދޫން : މުހައްމަދު އަފްރާހު

އެންމެ ފަހުން މި ރަށުގެ ފަސްގަނޑުން ފައި ނައްޓާލި ފަހުން މި ފަސް ގަނޑުގަ މި ފައި ފައި ޖެހުނީ އެވެ. ތާރީހުން ގުނާނަމަ އެއީ މީގެ 20 އަހަރު ކުރީގެ މަޒީ އެވެ. ދިވެހިން އާއްމުކޮށް ކިޔާ ގޮތުންނަމަ ވ. އަތޮޅު ނުވަތަ ބޭރު މެހުމާނުންގެ ބަހުންނަމަ "ވާވު" އަތޮޅުގެ އެންމެ އިރުން ފޮއްތެޔޮ ފަޅު ކައިރީ އޮންނަ ވ. ރަކީދޫއަކީ މި އަތޮޅުގެ އެންމެ މަޑުމައިތިރި ރަށެވެ. ރަސްމީ އާބާދީގައި 300 އެއްހާ މީހުން ތިބިއިރު ރަށުގައި ހުރި ފުރުސަތުތައް ހަނިވުމުގެ ނަތީޖާއަކީ ރަށުން މީހުން ހިޖުރަކުރަމުން ގޮސް ރަށުގެ އާބާދީ 50 އަށް ތިރިވުމެވެ. މި ރަށަށް އައި ސަބަބަކީ ރަށުގައި މީގެ އަށް އަހަރު ކުރިން 2016 ވަނަ އަހަރު ހިންގި ވަރުގަދަ ސޯލާ ހައިބްރިޑް މަޝްރޫއުގެ ހަގީގަތް ހޯދާށެވެ. ރަށުގައި ފައި ޖެހި ކަރަންޓު ކުންފުނީގެ މުވައްޒަފުން ފަހަތުން ހިނގާފައި ގޮތް ސަރުކާރު އިމާރާތެއްގެ ކައިރީގައި މަޑުކޮށްލީމެވެ. މިއީ މިރަށު މައި އިންޖީނުގެ އެވެ. މިތަނުގައި ދެ އިންޖީނު ހުއްޓަސް ރަށު ތެރެ އޮތީ ހިމޭންކޮށެވެ. މިހާރު މި ރަށް ދިއްލަނީ ބެޓެރި އާއި އަވީގެ ހަކަތައިން ނެވެ. އެކަމަކު މިހާރު ބޭނުންވަނީ މި ރަށުގައި ކުރިން ހިންގި އުންމީދީ އިއާދަކުރަނިވި ހަކަތައިގެ ބޮޑު ސޯލާ މަޝްރޫއަށް ވީގޮތް ބަލާށެވެ.

އޭޑީބީން އެތައް މިލިއަން ރުފިޔާ އެއް ދީގެން އަވިން ހަކަތަ އުފައްދަން ހައިބްރިޑް ދެ މަޝްރޫއު އެ ދުވަސްވަރު ރާއްޖޭގައި ހިންގި އެވެ. އެއް މަޝްރޫއު ހިންގީ ވ. ރަކީދޫގަ އެވެ. އަނެއް މަޝްރޫއު ހިންގި ރަށަކީ ދިއްދޫ އެވެ. މި ދެ މަޝްރޫއުވެސް ނިންމައި އިފްތާހު ކުރި އެވެ. އެކަމަކު އޭގެފަހުން މި ދެ މަޝްރޫއުން ރައްޔިތުންނަށްވީކަމެއް ހަރާމެވެ. ރައްޔިތެއްގެ ޖީބަށް، ކަރަންޓު ބިލެއް ކުޑަ ވެގެން ލިބުނު ލުޔެއް ނެތެވެ. 

މި މަޝްރޫއުތައް ފެއިލްވީ ކިހިނެއް ވެގެން ހެއްޔެވެ؟ މިހާރު ރަކީދޫގައި ސްޓެލްކޯއިން ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއާ އެ މަޝްރޫއާ ގުޅުމެއްވޭ ހެއްޔެވެ؟ 

އޭޑީބީން ހިލޭ އެހީ ދީގެން ރަކީދޫ އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމު ގާއިމްކޮށް އިފްތިތާހު ކުރި 2016 ވަނަ އަހަރު އެވެ. އެކަމަށްޓަކައި މި ރަށުގައި ބޮޑު ހަފުލާއެއްވެސް ބޭއްވި އެވެ. މި ރަށުގައި އިޔާދަހަތައިގެ ވަސީލަތް ގާއިމްކުރީ އަމިއްލަ ކުންފުންޏަކަށް ދީގެންނެވެ. 

ރަކީދޫގައި ކުރިން ގާއިމް ކުރި ނިޒާމުގެ ސޯލާ ޕެނަލްތައް ބެހެއްޓި ތަންތަން

މި މަޝްރޫއު ހިންގިއިރު އޭރުގެ ސަރުކާރުން ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ދުވާލުގަޑީގައި ރަކީދޫއަށް ކަރަންޓް ދޭން ޑީސަލް ޖަނަރޭޓަރުތައް ނިއްވާލަން ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު އެކަމެއް ނުވި އެވެ. މި މަޝްރޫއުގެ ދަށުން ހައިބްރިޑް ނިޒާމުގައި 29 ކިލޯވޮޓް ޕީކުގެ ސޯލާ ޕީވީ ޕެނަލް ތަކެއްވެސް ކައުންސިލް އޮފީހާއި އިންޖީނުގެ ފަދަ ތަންތަނުގައި ހަރުކުރި އެވެ. އަދި 60 ކިލޯވޮޓް އަވާގެ ލިތިއަމް-އަޔޮން ބެޓެރި ސެޓް ތަކެއް ވެސް ބެހެއްޓި އެވެ. އަދި ރޭގަނޑަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށާ، ބެޓެރިތައް ޗާޖްކުރުމަށް ޑީސަލް ބެކަޕެއް ވެސް ގާއިމް ކުރި އެވެ. އެކަމަކު މިއަދު ބަލާއިރު މީގެ އެއްވެސް އެއްޗެއްގެ ނިޝާނެއް  ނެތެވެ. 

މަޝްރޫއު އިފްތިހާހު ކުރިތާ އަށް އަހަރު ފަހުން ސިސްޓަމްއެއްކޮށް ހަލާކުވެ ވީރާނާ ވެގެން ގޮސް މުޅި މަޝްރޫއު އޮތީ "ވެއްޔަށް" ވެފަ އެވެ. މަޝްރޫއުގެ ދަށުން ބެޓަރިތައް ބެހެއްޓި ތަނުގައި މިހާރު އޭގެ އެއްވެސް ނިޝާނެއް ނެތެވެ. 

އަގު ބޮޑުކޮށް ގާއިމްކުރި ނިޒާމު ހަލާކުވެ ވީރާނާ ވެގެން ދިއުމުގައި ސަބަބު ތަކެއް ވާނެ އެވެ. އުންމީދީ މަޝްރޫއު ވީރާނާ ވެގެން ދިޔައީ ކީއް ވެގެން ހެއްޔެވެ؟ 

ހިލޭ ދިން މަޝްރޫއު ފެއިލްވީ ފަރުވާ ކުޑަކަމުން

ރަކީދޫ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު

ރަކީދޫގައި ގާއިމްކުރި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ހަލާކު ވެގެން ދިޔައީ އެ ނިޒާމު ގާއިމް ކުރުމުގައި ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ކަމަށް މި ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވެ އެވެ. ހައބްރިޑް އެނާޖީ މި ސިސްޓަމް ފެއިލް ވެގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ މަޝްރޫއުގެ އެންމެ މުހިންމު ބައި ކަމަށްވާ އީއެމްއެސް [އެނާޖީ މެނޭޖުމަންޓް ސިސްޓަމް]  ނެތުމެވެ. މިއީ ބެޓެރީގެ ނިޒާމު އޮޓޮމެޓިކުން ބެލެހެއްޓަށް ހާއްސަ ސޮފްޓްވެއާ އެކެވެ. މި ސިސްޓަމް ކޮށްދޭ ކަމަކީ ބެޓެރި ވަކިވަރަކަށް ޗާޖުވުމުން ކަނޑާލުމެވެ. އެކަމަކު މި ސިސްޓަމް ނެތުމުގެ ސަބަބުން ބެޓެރި ޗާޖުވާ މިންވަރު ފިޒިކަލީ ބަލަން ޖެހެ އެވެ. ބެލުމަށްފަހު އަމިއްލައަަށް ކަނޑާލަން ޖެހެ އެވެ. ނަމަވެސް މިކަން ގަވައިދުން ނުކުރުމުގެ ނަތީޖާއަކީ ބެޓެރި ނިޒާމު ހަލާކު ވެގެން ދިއުމެވެ. މުޅި މަޝްރޫއު އެއްކޮށް ފެއިލްވި ސަބަބަކީމި އެވެ.

ރަކީދޫ އިންޖީނު ގޭގައި ހުންނަވާ ސްޓެލްކޯގެ ރިނިއުބަލް އެނާޖީ ޑިޕާޓްމަންޓުގެ ވެރިޔާ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވި ގޮތުގައި ކުރިން ވެސް ބެޓެރިތަކާއި ސޯލާއިން ރަކީދޫއަށް ކަރަންޓު ދޭން ނިޒާމެއްގެ ގާއިމް ކުރިނަމަވެސް އެނާޖީ މެނޭޖުމަންޓް ސިސްޓަމް ނެތުމުން މުޅި ނިޒާމް ފެއިލްވެ ބެޓެރިތައް ހަލާކުވެ ވީރާނާވެގެން ވަނީ ގޮސްފަ އެވެ. 

ރަކީދޫގައި ކުރިން ގާއިމް ކުރި ނިޒާމުގެ ބައެއް މައުލޫމާތު

"އީއެމްއެެސް [އެނާޖީ މެނޭޖުމަންޓް ސިސްޓަމް] ނެތުމުން ބެޓެރިތައް ޑިސްޓާޗު ވެގެން ގޮސް ހަލާކު ވެގެން ގޮސްފައިވަނީ. މި ސިސްޓަމްއަކީ މަޝްރޫއުގެ ބްރެއިން. މި ގާއިމް ނުކުރީމަ މުޅި ނިޒާމް ފެއިލް ވެގެން ދިޔައީ،" ނިޒާމް ވިދާޅުވި އެވެ. 

"މިރާ" އަށް ލިބިފައިވާ އޭޑީބީގެ މި މަޝްރޫއުގެ ޕްރޮޕޯސަލް އިން އެނގޭ ގޮތުގައި މި މަޝްރޫއުގެ ދަށުން އީއެމްއެެސް ސޮފްޓް ވެއާއެއް ގާއިމް ކުރުމުގެ ވާހަކަ އެބައޮތެވެ. އެކަމަކު އެ ސޮފްޓްވެއާ ގާއިމްކޮށްފައެއް ނެތެވެ. މި ސަޮފްޓްވެއާ ގާއިމް ނުކުރީ ކީއްވެކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ މި ނިޒާމު ނެތުމުގެ ސަބަބުން މުޅި ކަރަންޓު ވިއުގަ ފެއިލްވެ ބޭރުން ދިން ބޮޑު އެހީ ވަނީ ވަޔަށް އަރައިގެން ގޮސްފައިކަމެވެ. މިއިން ހަމައެކަނި ފައިދާއެއްވީ ސޯލާ ޕެނަލްތައް ވިއްކި ބަޔަކާއި މި ނިޒާމް ގާއިމް ކުރަން ހަވާލުވި ބައެއްގެ "ޖީބަ" ށެވެ. އޭގެފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް އިރާދަކުރަނިވި ހަކަތައިގެ "ހުސް ވާހަކަ" ދެއްކުން ނޫން ކަމެއް ކޮށްފައެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.